ކުނި ވަކި ނުކޮށް ނެރޭނަމަ ޖޫރިމަނާ ކުރާ ގޮތަށް އިސްލާހެއް

މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުނި ވަކި ނުކުރާނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން އިސްލާހެއް ގެނެސްފިއެވެ.

އެ ގަވާއިދުގަައި ބުނާގޮތުން ގޭގެއިންނާއި، އިމާރާތްތަކުންނާއި، އޮފީސްތަކާއި އަދި އެހެނިހެން ރަސްމީ ތަންތަނުން ނެރޭ ކުނި ހުންނަން ވާނީ ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކޮށްފައެވެ. މިގޮތުން މާލެ ސިޓީ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުންނާއި ސިނާއީ ރަށްރަށުންނާއި ރިސޯޓުތަކުން އަދި އެހެނިހެން ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ހަތަރު ގިންތިއަކަށް ވަކިކޮށްފައެވެ.

އެ ގިންތި ތަކަކީ:

  • ކުނިވާ ޒާތުގެ ކުނި
  • އަމިއްލައަށް ފަނާވާ ޒާތުގެ ކުނި
  • ޕްލާސްޓިކް ފުޅި، މައުދަނާއި ބިއްލޫރީގެ ބާވަތްތައް
  • އެ ނޫން ހުރިހާ ބާވަތެއްގެ ކުނި

އަދި މާލެ ސިޓީގެ ކުނި އުފައްދާ ތަންތަނުގައި ކުނި ބަހައްޓަންވާނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅި ވަކިކޮށްފައެވެ. އެ ނޫން އެހެން ބާވަތްތަކުގެ ކުނިވެސް ހުންނަންވާނީ ވަކިކޮށްފައި ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

އިސްލާހުގައި ބުނާގޮތުން ދެން ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގެ ހުއްދަ ދީފައިވާ އެއްގަމު އަދި ކަނޑުގެ އުޅަނދުތަކުގައިވެސް ކުނި އުފުލަން ވާނީ ބައިބަޔަށް ވަކިކޮށްގެން، އެކަތި އަނެކައްޗާއި އެއްނުވާނެހެން ވަކިންނެވެ.

މާލޭ ލޮކްޑައުން ކޮއްފައި ވާތީ މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާހުގައިވާ ގޮތުންނަމަ އެގޮތަށް ކުނި ވަކި ނުކުރާ ފަރާތްތައް ޖޫރިމަނާކުރާނެއެވެ. އެގޮތުން ގޭބިސީތަކުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަ ފަހަރު 300 ރުފިޔާއިން ޖުރިމަނާ ކުރާނެއެވެ. އަދި އެކަން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

އޭގެ އިތުރުން ކައުންސިލުތަކުންނާއި، ސިޓީ ނުވަތަ ރަށު ފެންވަރުގައި ވިޔަފާރިކުރާ ފަރާތްތަކާއި، ޔޮޓު، ސަފާރީ، ލިވަބޯޑުތަކާއި، ދައުލަތުގެ އިދާރާތަކުން، ކުނި އުފައްދާ ފަރާތުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ދެވަނަ ފަހަރު 700 ރުފިޔާއިން، އަދި ތިންވަނަ ފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

ހަމައެހެެންމެ، ސިނާއީ ރަށްތަކުގައާއި ޓޫރިސްޓު ރިޒޯޓުތަކުގައި ކުނި އުފައްދާ ފަރާތްތަކުން ކުނި ވަކި ނުކޮށްފިނަމަ ފުރަތަމަފަހަރު 1،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރު 1،500 ރުފިޔާއިން، އަދި ތިންވަނަ ފަހަރުން ފެށިގެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

comment ކޮމެންޓް