މަޖިލީހުގެ ޤައިދުން ރައީސް މިނިވަން ކުރުން

މި ދިޔަ ހަފުތާގެ ދުވަހެއްގައި، ރައީސް އޮފީހުގައި ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެންބަރުންގެ ތާއީދު މިހާރު އޮތީ އެމަނިކުފާނަށް ކަމަށެވެ. ވެރިކަމުގައި އޮންނަ އިރު، ކޮންމެ ސަރުކާރަކަށް ވެސް މަޖިލިހުގެ އަޣްލަބިއްޔަތު އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، 2009 އިން ފެށިގެން ރާއްޖޭގައި އޮތް ކޮންމެ ސަރުކާރެއްގެ ވެރިކަމުގައި ވެސް އެކަން ސާބިތު ވެފައި ވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އެ އިޝާރާތް ކުރައްވަނީ މުހިއްމު މައްސަލައަކަށެވެ. 2008 އިން ފެށިގެން މިހައިތަނަށް ފާއިތު ވެގެން މިދިޔަ ތޭރަ ވަރަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ، ރައްޔިތުންގެ މަޖިލިހަށް އެ މަޖިލިހުގެ ޙަޤީޤީ މަސްއޫލިއްޔަތު އަދާ ކުރާން ނޭނގޭކަމާއި، ދުސްތޫރީ އިމުގެ ތެރޭގައި މަސައްކަތް ކުރާން ނޭނގޭކަމެވެ. މިއީ ދިވެހިރާއްޖޭގައި ޕާޓީ ނިޒާމު ޤާއިމު ކުރެވި ހިނގަމުންދާ ގޮތުންނާއި، ރައްޔިތުންގެ މަޖިލިހަށް ހޮވޭ މެންބަރުންގެ ޝަރުޠުތައް ކަނޑައެޅިފައި ހުރި ގޮތުންނާއި، މަޖިލިހަށް މެންބަރުން ހޮވުމުގައި އަޅުގަނޑުމެންނަށް ގެންގުޅެވޭ ވިސްނުންތަކުގެ ނަތީޖާއެވެ. މިއީ އަވަހަކަށް ޙައްލު ވާން އޮތް މައްސަލައެއް ކަމަކަށް ވެސް ނުފެނެއެވެ. ދުސްތޫރިއްޔަތާއި ހެޔޮ ޙުކޫމަތު ޤާއިމު ކުރުމުގެ މަސައްކަތަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި ހަމަ ކުއްލިޔަކަށް ރަނގަޅު ވާ ކަމެއް ނޫނެވެ. އެއީ ނުހަނު ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކު އެތައް ދުވަހެއް ވާންދެން، އިޚްލާޞްތެރި އެތައް ބަޔަކު ޤުރުބާންތަކެއް ވެގެން، ޙާޞިލު ކުރެވޭ އެއްޗެކެވެ.

ރައްޔިތުންގެ މަޖިލިހުން ފާއިތު ވެދިޔަ ތޭރަ އަހަރުގެ ތެރޭގައި ވެސް ފެނިފައި ވަނީ، ޤާނޫނުއަސާސީގެ މާއްދާތަކާއި އެ މާއްދާތަކުގެ ރޫޙާ ޚިލާފަށް، ދައުލަތުގެ އަނެއް ދެ ބާރު ކޮންޓްރޯލް ކުރާން މަސައްކަތް ކުރާ ތަނެވެ. ނުވަތަ އަނެއް ދެ ބާރުގެ މަސައްކަތަށް ދަތި ކުރާން އުޅޭތަނެވެ. މަޖިލިހުގައި އަޣްލަބިއްޔަތު އޮންނަ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ ބެއިފުޅަކު ވެރިކަމުގައި ހުންނެވިއްޔާ، މި ދަތިކުރުން އަންނަނީ މައިގަނޑު ތިން ގޮތަކަށެވެ. އެއް ގޮތަކީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް، ހެދުމަށް ބޭނުން ވާ ޤާނޫނުތައް ހަދައިނުދިނުމާއި ޤާނޫނު ހެދުމުގެ މަރުޙަލާ ދިގު ދަންމައި ލަސް ކުރުމެވެ. ދެވަނަ ގޮތަކީ، ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަޒީރުން މަޤާމުން ވަކި ކުރުމުގެ ކަންކަން ހިންގުން ނުވަތަ އެކަން ކުރާނޭ ކަމަށް ބިރު ދެއްކުމެވެ. ތިންވަނަ ގޮތަކީ، ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނޭކަމުގެ ބިރު ދެއްކުމާއި އެކަން ކުރުމަށް މަސައްކަތް ކުރުމެވެ. މި ކަންކަން މި ގޮތަށް ހިނގަމުން ދާކަން އެތައް މިސާލުތަކަކުން ދެއްކިދާނެއެވެ. ނަމަވެސް އަޅުގަނޑު އެ ހުރިހައި ތަފްޞީލުތަކުގެ ތެރެޔަކަށް ނުދާނަމެވެ.

ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 70 ވަނަ މާއްދާގެ ދަށުން، ދިވެހި ދައުލަތުގައި ޤާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލިހެވެ. 100 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިދީފައި އޮވެއެވެ. 101 ވަނަ މާއްދާގެ ދަށުން، ވަޒީރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ވަޒީރުން މަޤާމުން ވަކި ކުރުމުގެ ބާރު ވެސް މަޖިލިހަށް ވަނީ ލިބިދީފައެވެ. ޝައްކެއް ނެތެވެ. މި ބާރުތައް މަޖިލިހުން ބޭނުން ކުރާން ވާނީ އެއްވެސް ކަހަލަ "އާރބިޓްރަރިނެސް" އެއް ނުވަތަ ތަޢައްޞުފިއްޔަތެއް ނެތިއެވެ. ޤާނޫނުއަސާސީގެ ރޫޙާ އެއްގޮތަށެވެ. މަބްދައުއް ދުސްތޫރިއްޔަތުގެ އަސާސްތަކާއި އުޞޫލުތަކާ އެއްގޮތަށެވެ. ނަމަވެސް ދިވެހިރާއްޖޭގައި މަޖިލިހުން ޢަމަލު ކުރަނީ އެފަދައިންނެއް ނޫނެވެ. ކޮންމެ ކަމެއް ވެސް މަޖިލިހުން ކުރަމުން ގެންދަނީ، މަޖިލިސް ކޮންޓްރޯލް ކުރާ ސިޔާސީ ޕާޓީގެ އަމިއްލަ އެޖެންޑާތަކާއި އަމިއްލަ އެދުންތަކާ އެއްގޮތަށެވެ. ޤައުމަށް ވުރެ ޕާޓީ އިސް ކޮށްގެންނެވެ.

މީގެ ޙައްލަކީ މަޖިލިހުގައި އަބަދުވެސް ރައީސަށް ތާއީދު ކުރާ މެންބަރުންގެ އަޣްލަބިއްޔަތެއް ބޭއްވުންތޯއެވެ؟

ކަން އޮތީ އެހެން ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ތަފާތު އެތައް ސަބަބުތަކަކާ ހުރެއެވެ.

ފުރަތަމަ ކަމަކަށް، ރައީސާއި މަޖިލިހުގެ އަޣްލަބިއްޔަތު އެއް ޕާޓީއަކަށް ލިބިފައި އޮތިއްޔާ، ދައުލަތުގެ އަނެއް ބާރާއި މިނިވަން މުއައްސަސާތަކާ މެދު ޢަމަލު ކުރެވޭ ގޮތް ވެސް އަޅުގަނޑުމެންނަށް ފެނިއްޖެއެވެ. މައިނޯރިޓީ ޕާޓީތަކާ މެދު ކަން ކުރެވޭ ގޮތް ވެސް ފެނިއްޖެއެވެ. ކުރުކޮށް ދަންނަވާ ނަމަ، ވެރިކަން ހިންގާ ބާރާއި ޤާނޫނު ހަދާ ބާރުގައި އެއް ޕާޓީއެއްގެ ބާރު އޮންނަ ޙާލަތުގައި، ދިވެހިރާއްޖެއިން ފެންނަނީ ކަނޑައެޅި ބަޔާން ވެގެންވާ "މެޖޯރިޓޭރިއަން ޓިރަނީ" އެވެ.

ދެވަނަ ކަމަކަށް، މަޖިލިހުގައި ރައީސަށް ތާއީދު ކުރާ މެންބަރުންގެ އަޣްލަބިއްޔަތެއް އޮންނާނޭ ކަން ކަށަވަރު ކުރެވޭނޭ ގޮތެއް ނެތުމެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހުގެ މެންބަރުން އިންތިޚާބު ކުރެވެނީ ތަފާތު އަދި ވަކި ދެ އިންތިޚާބެއްގައެވެ. މިއިން ކޮންމެ އިންތިޚާބެއްގައި ވެސް، ތިމާމެންނަށް ފެންނަ ގޮތަކަށް ވޯޓު ދިނުމުގެ މިނިވަންކަން ރައްޔިތުންނަށް އޮވެއެވެ. އެހެންކަމުން، އެއް އިންތިޚާބުގައި ރައީސަކު ހޮވުމަށް ފަހު، އަނެއް އިންތިޚާބުގައި މެންބަރުން ހޮވާ އިރު، ރައީސްގެ ޕާޓީއަށް ނުވަތަ ރައީސް ނިސްބަތް ވާ ޕާޓީގެ މެންބަރުންގެ ތެރެއިން ވެސް ރައީސަށް ވަފާތެރި ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ވާޖިބެއް ރައްޔިތުންގެ ބޮލުގައި އެޅުވޭނޭ ގޮތެއް ނެތެވެ. ހަމައެހެންމެ، ހުރިހައި ރައްޔިތުން އެމީހުން ވޯޓު ދޭން ވީ ގޮތް އެކަކު އަނެކަކަށް ކިޔައިދީ އެންމެން އެންމެނާ މަޝްވަރާ ކޮށް ވިލަރެސް ކޮށްގެން މެނުވީ، ރައީސަށް ތާއީދު ކުރާނޭކަން ޔަޤީން ވާ ކެންޑިޑޭޓުންގެ އަޣްލަބިއްޔަތެއް މަޖިލިހަށް ގެނެވޭނޭ ގޮތަކީ ކޮބައިތޯއެވެ؟ ޝައްކެއް ނެތް ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން، ރައީސަށް ތާއީދު ކުރާ އަޣްލަބިއްޔަތެއް މަޖިލިހަށް އައުމާއި ނައުން، އެއީ ދެކޮޅަށް ވެސް އިޙްތިމާލު އޮންނަ ކަމެކެވެ. އެހެން ވެދާނެއެވެ. އެހެން ނުވެވެސްދާނެއެވެ. އެހެން ވެއްޖެއްޔާ، ރައީސަށް ރަނގަޅެވެ. އެހެން ނުވެއްޖެއްޔާ، ރައީސް ހޫނުފެނަށް ވެއްޓުނީއެވެ. ދެން ރައީސަށް މި ޖެހިވަޑައިގަންނަވަނީ ޤައުމު ހިންގެވުމުގެ މަސައްކަތް ހަވާސާއަށް ލައްވަވައިފައި، މަޖިލިހުގެ މެންބަރުން ރުއްސޭތޯ ހުއްދަ ގޮތްގޮތުންނާއި ހުއްދަ ނޫން ގޮތްގޮތުން މަސައްކަތް ކުރެއްވުމަށް ވަގުތު ހުސް ކުރައްވާށެވެ. މި މަސައްކަތުގެ ތެރޭގައި މިލިޔަނުން ރިޝްވަތު ދީގެން މެންބަރުން ގަތުމާއި، މިލިއަނުން ރިޝްވަތު ދީގެން ބަޓަނުގެ ކުލަ ބަދަލު ކުރުން ކަހަލަ ކަންކަން އަޅުގަނޑުމެންގެ ތެރޭގައި ވަނީ ޢާއްމު ވެފައޭ އަޅުގަނޑު ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟

ހެޔޮ ގޮތުގައި މަޖިލިސް ހިނގާ ނަމަ، ރަނގަޅު ޤާނޫނެއް ހެދުމަށް ޓަކައި ސަރުކާރުން މަޖިލިހާ "ޑީލް ހަދާކަށް" ނުޖެހޭނެއެވެ. ހެޔޮ ގޮތުގައި މަޖިލިސް ހިނގާ ނަމަ، އެއްވެސް އަސާސެއް ނެތި ވަޒީރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމާއި، ރައީސް މަޤާމުން ވަކި ކުރާނޭކަމުގެ ބިރުވެރިކަން އުފެއްދުން ކަހަލަ ކަންކަން ނުހިނގީހެވެ. ނަމަވެސް މަޖިލިހަށް ރަނގަޅު، ނަޒާހަތްތެރި، ޤާބިލު، އަދި ޢިލްމާއި ޙިކުމަތާއި އަޚްލާޤު ހުރި މެންބަރުން ނާންނަހައި ހިނދަކު، މި މައްސަލަތައް ޙައްލު ކުރެވޭނޭ އެއްވެސް ފޯމިޔުލާއެއް ނޯންނާނެއެވެ. ކިތަންމެ ރަނގަޅަށް ނިޒާމު އެކުލަވައި އުޞޫލުތައް ލިޔުނަސް، އެ ނިޒާމު ހެޔޮ ގޮތުގައި ހިނގާނީ، ނިޒާމު ހިންގާން ތިބި ބައެއްގެ ކިބައިގައި އަޚްލާޤާއި އިޙްސާންތެރިކަން ހުރެގެންނެވެ. ޙުއްބުލްވަޠަނާއި ރައްޔިތުންނަށް އިޚްލާޞްތެރިވުން ހުރެގެންނެވެ. ޢިލްމާއި ތަޖުރިބާ އާއި ވިސްނުންތެރިކަން ހުރެގެންނެވެ.

ކަން މިހެން އޮތުމާ އެކުގައިމެ، ނިޒާމާއި އުޞޫލުތައް ހަމަޖެހިފައި އޮންނަ ގޮތް ރަނގަޅު ކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އެކަން ކުރާން ވާނީ، ތަނުގެ ޙާލަތާއި، ތަނުގައި ކަން ހިނގާ ގޮތަށް ބަލައިގެންނެވެ. މި ގޮތުގެ މަތީން، ރައްޔިތުންގެ މަޖިލިހުގައި އަޣްލަބިއްޔަތު ނެތުމުން ސަރުކާރު ހިންގުމަށް ކުރިމަތި ވާ ހުރަސްތައް ނައްތައިލުމަށް ޓަކައި، ނިޒާމަށް ގެންނާން ޖެހޭ މުހިއްމު ބަދަލުތަކެއް ވެސް އެބަ ހުއްޓެވެ. އެ ބަދަލަކީ، ޤާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އިޞްލާޙު ކުރުމެވެ. ރައްޔިތުންގެ މަޖިލިހުން އަމިއްލަ އަމިއްލަޔަށް، ނުހަނު ސަބްޖެކްޓިވް އަދި އާރބިޓްރަރީ ނިންމުންތަކުން، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޤާމުން ވަކި ކުރުމުގެ ބާރު ދީފައި އޮތް އޮތުން ބަދަލު ކުރުމެވެ. ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ވެސް މަޖިލިހުގެ ކިބައިން ނެގުމެވެ. އޭގެ ބަދަލުގައި، ރައީސާއި ނާއިބު ރައީސާއި ވަޒީރުން ވަކި ކުރެވޭ ހަމައެކަނި ގޮތަކީ، ޖުޑީޝަރީ ވެސް ޝާމިލު ވާ އިޖުރާއާތެއްގެ ތެރެއިން، އިމްޕީޗް ކޮށްގެން ކަމަށް ކަނޑައެޅުމެވެ. އާދެ، ރައީސް ނުވަތަ ނާއިބު ރައީސް ނުވަތަ ވަޒީރަކު ކަނޑައެޅިގެން ޤާނޫނުއަސާސީ މުގަރައިލައްވައިފި ޙާލަތެއްގައި، ނުވަތަ އަދަބު ކަނޑައެޅިފައި ވާ ޖިނާއީ ކުށެއް ކުރައްވައިފި ޙާލަތެއްގައި، އިމްޕީޗް ކުރުމުގެ އުޞޫލު ތަޢާރަފު ކުރުމެވެ. އިމްޕީޗް ކުރުމުގެ މަރުޙަލާ ރައްޔިތުންގެ މަޖިލިހުގައި ގެންދިޔުމަށް ފަހު، މަޖިލިހުން ނިންމާ ނިންމުން ސުޕްރީމް ކޯޓުގެ ރަޤާބާ ޤަޟާއިއްޔާ ނުވަތަ ޖުޑީޝަލް ރިވިޔުއަށް ގެންދާ ގޮތަށް ހަމަޖެއްސުމެވެ. މި ގޮތަށް ހެދުމުން، ރައްޔިތުންގެ މަޖިލިހުން ވެސް ސިޔާސީ ބޭނުންތަކުގައި ރައީސާއި ވަޒީރުން މަޤާމުން ދުރު ކުރުމަށް މަސައްކަތް ކުރާން ވަރަށް ބޮޑަށް ފަސް ޖެހޭތަން އަންނާނޭ ކަމަށް ވެސް ޤަބޫލު ކުރެވެއެވެ.

މި ދެންނެވި އިޞްލާޙު ގެނައުމުން، ޙައްލު ކުރެވޭނީ ރައްޔިތުންގެ މަޖިލިހުން ނާޖާއިޒު ސިޔާސީ މަޤްޞަދުތަކުގައި ރައީސާއި ނާއިބު ރައީސާއި ވަޒީރުން މަޤާމުން ވަކި ކުރާން ކުރާ މަސައްކަތުގެ މައްސަލައެވެ. މި އިޞްލާޙަކުން ވެސް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހަދާން ޖެހޭ ޤާނޫނުތައް ނުހެދުމާއި ޤާނޫނުތައް ހެދުން ލަސް ކުރުން ފަދަ ކަންކަމަށް ޙައްލެއް ނާންނާނެއެވެ. މި މައްސަލަ ޙައްލު ކުރެވޭނޭ ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއަށް އިޞްލާޙެއް ގެނެސްގެން، ވަކި ޚާއްޞަ ޙުދޫދީ ރޮނގުތަކެއްގެ ތެރޭގައި ނަމަވެސް، ޤަވާޢިދުގެ ބާރާ އެކު ތަންފީޛީ އަމުރު ނުވަތަ "އެގްޒެކެޓިވް އޯޑަރ" ނެރުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމެވެ. ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން މިކަން ކުރެއްވުމުގެ ބާރު ރައީސަށް ދިނުމުން، މަޖިލިހުން ރައީސަށް "ޖެއްސުން ކުރުމުގެ" ގޮތުން ޤާނޫނުތައް ނުހަދައި ތިބުމާއި ޤާނޫނުތައް ހެދުމުގެ މަސައްކަތް ލަސް ކުރުމުގެ މައްސަލަ ވަރަށް ބޮޑަށް ޙައްލު ކުރެވޭނޭ ކަމަށް ފެނެއެވެ.

މި ދެންނެވި ބަދަލުތަކަކީ، އެހެން ނަޒަރަކުން ބަލާ އިރު ވެސް، ގެންނާން ޖެހޭ ބަދަލުތަކެވެ. ހަނދުމަފުޅު ހުންނާނޭ ފަދައިން، ދިވެހި ރައްޔިތުންނާ ހަމަޔަށް "ބޭނުން ވަނީ ރިޔާސީ ނިޒާމެއް ހެއްޔޭ ނުވަތަ ބަރުލަމާނީ ނިޒާމެއް ހެއްޔޭ" މި ސުވާލު ހުށައެޅުނު ދުވަހު، ރައްޔިތުންގެ ނިންމުމަކީ ރިޔާސީ ނިޒާމަކަށް ދިޔުމުގެ ނިންމުމެވެ. އެއީ ގާތްގަނޑަކަށް 62 އިންސައްތައިގެ ބޮޑު އަޣްލަބިއްޔަތަކުން ދިވެހި ރައްޔިތުން ނިންމި ނިންމުމެވެ. ނަމަވެސް، ރައްޔިތުންގެ ޚާއްޞަ މަޖިލިހުން 2008 ގެ ޤާނޫނުއަސާސީގައި ވަނީ ރައްޔިތުންގެ ނިންމުމާ ޚިލާފަށް، ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލިހަށް ލިބިދީފައި ނުވާ އެތައް ބާރުތަކެއް އެ މަޖިލިހަށް ދީފައެވެ. އަދި ރިޔާސީ ނިޒާމުގައި ރައީސަށް އޮންނަ ބައެއް ބާރުތައް ރައީސަށް ނުލިބޭ ގޮތަށް ޤާނޫނުއަސާސީގެ މާއްދާތައް ލިޔެފައެވެ. މަތީގައި އަޅުގަނޑު މި ދެންނެވި ދެ އިޞްލާޙަކީ ވެސް، ދުނިޔޭގައި ރިޔާސީ ނިޒާމުތަކުގައި ޢާއްމުކޮށް ހުންނަ ސިފަތަކާ އެއްގޮތް ދެ އިޞްލާޙެވެ.. އެހެންކަމުން، މި ދެންނެވި އިޞްލާޙުތައް ގެނައުމުން، ޤާނޫނުއަސާސީ ރިޔާސީ ނިޒާމަކާ ބޮޑަށް ގާތް ވެގެން ދާނެއެވެ. ރައްޔިތުންނަށް ހެދި މަކަރުން ވެސް ބައެއް އިޞްލާޙު ކުރެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް