ނަޝީދާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމުގެ ތުހުމަތު

މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު. -- ފޮޓޯ/މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން މަސައްކަތް ކުރާކަމުގެ ތުހުމަތު މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރައްވައިފިއެވެ.

ތިންވަނަ ދައުރުގެ މަޖިލީހުގެ ޖަލްސާތައް މިހާރު ފަށާފައިވާއިރު ރައީސް ނަޝީދު އަދިވެސް ހުންނެވީ މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ފަރުވާ ހޯދުމަށް އިނގިރޭސިވިލާތުގައެވެ. އަދި ހަމަލާގެ ތަހުގީގު ނުނިމެނީސް ރާއްޖެ އަންނަން ޖެހިލުންވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

https://sun.mv/155533

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މަޖިލިސް ފެށިގެން ކުރިއަށްދާއިރު، ރައީސް ނަޝީދު ރިޔާސަތުގައި ނެތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔެއް ރާއްޖެ އަންނަން ޖެހިލުންވުމަކީ ކަންބޮޑުވާކަމެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ރައީސް ނަޝީދަށް ވީގޮތް ބަލަންޖެހޭކަން ފާހަގަކުރައްވައި ސައީދު ވަނީ، މަޖިލީހުގެ ތެރެއިން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

"މި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަޖިލިސް ތެރޭ އެބަ ނަގަން މަސައްކަތް ކުރޭ." ސައީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގަން މަސައްކަތްކުރާ ކަމުގެ ތުހުމަތު މަޖިލީހުގެ މެންބަރަކު ކޮށްފައިވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަތުގައި ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު މަޖިލީހުން ވަކިކުރަން ނުވިސްނަވާ ކަަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެެވެ.

comment ކޮމެންޓް