ނިއު ނޯމަލްއާއެކު ގޭގެއަށް ކުނި ބަލާ ދާ ގޮތަށް ހަދަނީ

އޭޕްރީލް 19، 2020: މާލޭ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިންވެސް މާލެ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއަށް ގޮސް ކުނި ނަގާގޮތަށް ހަމަޖައްސަން ހުށަހަޅުއްވާނެކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއިން މިވަގުތު މާލެ ސަރަހައްދުގެ ގޭގެއިން ކުނި އުކާލަ ދެނީ ގޭބީސީތަކުގެ އިމާރާތުގެ ތިރީގައި ކުނި ނެރެ ބެހެއްޓުމުންނެވެ. އެ ބަދަލު ގެނައީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމަށް މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން މޭޔަރު ވިދާޅުވީ މިހާރު ކޮވިޑްގެ ހާލަތަށް ފަހު ނިއު ނޯމަލްގައި ގޭގެއަށް ވަދެ ކުނި ނެގޭގޮތަށް ހަދަންޖެހޭ ކަމަށެވެ.

ކުނިނެގުން އެގޮތަށް ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބެއްކަމުގައި މޭޔަރު ވިދާޅުވީ މަގުތަަކަށް ކުނި ނެރުމުގެ ސަބަބުން މާލޭ ސިޓީގެ މަގުތަށް ކުނިވެފައި އޮންނަ އޮތުމަށް ހައްލެއް ގެންނަންޖެހޭތީއެވެ.

މާލޭ ލޮކްޑައުން ކޮއްފައި ވާތީ މާލޭމަގުމައްޗަށް ކުނި ޖަމާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން އަންނަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން ގޭގެއަށް ވަދެ ކުނި ނަގާގޮތަށް ހަދާނެ ކަަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އެކަމާބެހޭ ލިޔުން ވަރަށް އަވަހަށް ވެމްކޯއަށް ފޮނުވާނެކަން ފާހަގަކުރެއްވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިހާރުވެސް އެކަމާ ބެހޭގޮތުން ވެމްކޯއާއެކު ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށާއި، މިއަދުގެ ކައުންސިލް ބައްދަލުވުމުގައިވެސް އެކަން އެގޮތަށް ކުރުމަށް ނިންމާފައިވާކަމަށެވެ.

މިހާރު އޮންނަ ގޮތުންނަމަ ކޮންމެ ރެޔަކުވެސް ވެމްކޯއިން ކުނި ނަގާ ވަގުތަށް ގޭގެއިން ކުނި މަގުމައްޗަށް ނެރެން ޖެހެއެވެ. އަދި އެހެންވުމާއެކު، މާލޭގެ މަގުތަކުގެ ޕޭވްމެންޓްތަކުގެ މައްޗަށް ކުނި ކޮތަޅުތައް ބަރިބަރިއަށް ޖަހާފައި ހުރެއެވެ. އޭގެ ސަބަބުން މަގުތަކުން ވަސްދުވުން އަދި ބުޅާ، މީދާ ފަދަ ތަކެތީގެ އުނދަގޫ ކުރިމަތިވާކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ޝަކުވާކޮށްފައެވެ.

comment ކޮމެންޓް