އިޓަލީގެ ސިސިލީގައި ހޫނުމިން ރެކޯޑު އަދަދަކަށް

ދެކުނު އިޓަލީގައި ރޯވަމުންދާ އަލިފާން-- ފޮޓޯ/ ބީބީސީ

އިޓަލީގެ ސިސިލީގައި ހޫނުމިން ރެކޯޑު އަދަދަކަށް އަރާ، އެއީ މުޅި ޔޫރަޕުން މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ގަދަ ހޫނަށް ވެދާނެ ކަމަށް އެގައުމުގެ އޮފިޝަލުން ލަފާކޮށްފިއެވެ.

ޔޫރަޕްގައި މިހާތަނަށް އެންމެ ހޫނުގަދަވި ކަމަށް ރެކޯޑު ކޮށްފައި ވަނީ 1977ގައި ގްރީސްގެ އެތެންސްގައެވެ. އޭރު ހޫނުމިން 48 ޑީގްރީ ސެލްސިއަސްއަށް އެރިއެވެ. ނަމަވެސް އިޓަލީގައި ސިސިލީގައި އިއްޔެ ހޫނުމިން 48.8 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް އެގައުމުގެ ކަމާ ބެހޭ އިދާރާތަކުން ރިޕޯޓު ކުރިއެވެ.

އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ އެގައުމުގެ ގިނަ ސަރަހައްދުތަކެއްގައި ހޫނު ގަދަވެގެންދާނެ ކަމަށް ބުނެ ރެޑް އެލާޓު ނެރެފައެވެ. އަދި ހޫނުމިނުގެ ސަބަބުން އެންމެ ބޮޑަށް ސިއްހަތަށް ނުރައްކާވާނެ ސިޓީތަކުގެ އަދަދު އަށެކުން 15އަށް އިތުރު ވާނެ ކަމަށް ލަފާކޮށްފައެވެ.

މެޑިޓަރޭނިއަން ގައުމުތަކުގެ ހޫނު މޫސުމާ ދިމާކޮށް އިޓަލީގައި ދެކުނުގައި މިހާރު ފެތުރެމުންދާ އަލިފާނުގެ އަސަރު އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ސިސިލީ، ކެލަބްރިއާ އަދި ޕުގްލިއާއަށެވެ.

އިޓަލީގެ އަލިފާން ނިއްވަން މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ސިސިލީ އާއި ކެލަބްރިއާގައި އަލިފާން ރޯވަމުންދާ 300 ސަރަހައްދެއްގައި އަލިފާން ނިއްވަން 12 ގަޑިއަރުވަންދެން ހަރަކާތްތެރިވެފައިކަމަށް ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް