ދިރާސީ އާ އަހަރަށް ''ފުރިހަމައަށް ތައްޔާރު'' ވެވުނުބާ؟

އޮގަސްޓް 10، 2021: ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ބަލިމަޑުކަމާއެކު އެންމެ ބޮޑު ލޮޅުމެއް އައީ ތައުލީމީ ދާއިރާއަށެވެ. ބަލީގެ ހާލަތު ގޯސްވެ އަޅަންޖެހުނު ފިޔަވަޅުތަކާއެކު ސްކޫލްތައްވެސް ބަންދުކުރަން ޖެހުނެވެ. އޭގެ ސަބަބުން ދެން މަޖުބޫރުވީ ގޭގައި ތިބެ އޮންލައިންކޮށް ކިޔެވުމަށެވެ. ނަމަވެސް މިއީ އެތައް ކުދިންނެއްގެ ކިޔެވުމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރި ކަމެކެވެ. ސްކޫލްތަކަށް ގޮސް އެކުވެރިންނާއި މުދައްރިސުންނާއެކު ކިޔެވުމުގެ ފުރުސަތު ނުލިބި އަހަރެއްހާ ދުވަސް މި ގޮތުގައި ފާއިތުވިއެވެ.

ނަމަވެސް މިއަދަކީ އާ އަޒުމަކާއެކު 92,930 ދަރިވަރުން އާ އަހަރަކަށް މަސައްކަތް ފަށާ ދުވަހެވެ. ފަޅަށް ހުރި ސްކޫލްތަކަށް ދަރިވަރުންގެ ހިނިތުންވުމުން އުފާވެރި ދިރުމެއް ގެނެސްދޭނެ ދުވަހެކެވެ. ހެނދުނު ހެނދުނާ ސްކޫލްތައް ކައިރިން މިއަދު ފެނިގެން ދިޔައީ ހިތްގައިމު މަންޒަރެކެވެ. އާ ޔުނީފޯމްގައި ދަރިވަރުން ޒީނަތްވެ އަލުން ސްކޫލަށް ހާޒިރުވެފައިވާއިރު ދަރިވަރުންގެ މޫނުމަތިން ފެނުނު ތާޒާކަމާއި ކުދިންގެ ހަރަކާތްތަކުން ސްކޫލަށް އައުމަށް ކުދިން ކުރި އިންތިޒާރު ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ.

"އަޅުގަނޑު ވަރަށް އުފާވޭ މިއަދު ސްކޫލަށް އަންނަން. އަސްލު ގޭގައި ކިޔެވުމަށްވުރެ ސްކޫލްގައި ކިޔަވަން މާ ފަސޭހަ. އަނެއްކާ ފްރެންޑްސް އާ ޓީޗާޒް އާއެއްކޮށް ކިޔެވޭނީ. ރަނގަޅަށް ފޯކަސް ކުރަންވެސް ފަސޭހަވާނެ. އަޅުގަނޑު މަސައްކަތްކުރާނީ އެންމެ ރަނގަޅަކަށް މި އަހަރު ކުރިޔަށް ދާން," ދަރިވަރަކު ބުންޏެވެ.

ހަމައެއާއެކު ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ކީ ހޫނު މަރުހަބާއިން ވެސް ޓީޗަރުން ދަރިވަރުންނަށްޓަައި ދުރާލާވީ ތައްޔާރީތަކާއި، ލިބިގެންދިޔަ ހިތްހަމަޖެހުން ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ.

އޮގަސްޓް 10، 2021: ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން ރެހެންދި ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން: މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދަރިވަރުންނާ އެއްކޮށް މިއަދު އަލުން އާ އަހަރެއްގެ ކިޔެވުން ފެށިގެން ދިޔައީމަ އަޅުގަނޑަށް އެންމެ އުފާވެރި އިހުސާސެއް ކުރެވެނީ. ކޮވިޑާއެއްކޮށް އޮންލައިންކޮށް ކިޔަވައިދޭ އިރު ކްލާސްރޫމުން ލިބޭ އުފާވެރިކަން ހަމަ އެއްވެސް ވަރަކަށް ނުލިބޭ. ކުދިންނަށްވެސް އެކަށީގެންވާ ގޮތެއްގައި ކިޔެވުމުގެ ކަންކަން ކުރިޔަށް ގެންދަން އުނދަގޫވިކަން އަޅުގަނޑަށް ފާހަގަވި. އުންމީދަކީ މި އުފާވެރި ފެށުމާއެކު މި ގޮތުގައި މި އަހަރު ނިންމާލުން," ޓީޗަރެއް ބުންޏެވެ.

ބެލެނިވެރިންނާއި ދަރިވަރުން ތިބީ އުފަލުން ތައްޔާރަށެވެ. ޓީޗަރުންވެސް ތިބީ ތައްޔާރަށެވެ. އެހެންނަމަވެސް ސުވާލަކީ މިނިސްޓްރީ އިން މިއަދަށް ކިހާވަރަކަށް ތައްޔާރުވެފައިވޭތޯއެވެ. ދަރިވަރުންނަށް ލިބެންޖެހޭ ފޮތްތައް ހަމައަށް ދަރިވަރުންނަށް ލިބިފައިވޭތޯއެވެ. އަދި ކިޔަވައިދޭނެ ޓީޗަރުން ހޯދިފައިވޭތޯއެވެ. ވަޒީފާގެ މާހައުލުގައި ޓީޗަރުންނަށް ކުރިމަތިވެފައި ހުރި ދަތިތައް ހައްލުކުރީ ކިހާވަރަކަށްތޯއެވެ.

ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިފައިވާއިރު އެކަމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދުރާލާ އެތައް ތައްޔާރީތަކެއް ވެފައިވާކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުން ބޭނުންވާ އެހެނިހެން ވަސީލަތްތައް ދަރިވަރުންނަށް ހަމަކޮށްދިނުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ބުނެއެވެ.

"ޓެކްސްޓް ފޮތްތައް ނުލިބިގެން އެއްވެސް ކުއްޖެއްގެ ކިޔެވުމެއް ނުގެއްލޭނެ." -އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ-

މިނިސްޓަރު ވިދާޅުވީ ޓެކްސްޓް ފޮތްތަކުގެ ހާޑްކޮޕީ ނުލިބޭ ދަރިވަރުންނަށް ސޮފްޓްކޮޕީ މިހާރު ދީފައިވާނެކަމަށެވެ. އެހެންކަމުން ކިޔެވުން ފެށޭއިރު އެއްވެސް ދަރިވަރަކަށް ޓެކްސްޓް ފޮތްތައް ނުލިބި ނުހުންނާނެކަމަށެވެ. މިއީ ސީދާ މިނިސްޓަރުގެ ބަސްތަކެވެ. މިއީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ހާލަތަށް ވެދާނެއެވެ. އެހެންނަމަވެސް އަތޮޅުތެރޭ ބައެއް ރަށްތަކުގެ އަޑު ހުރީ މުޅިން ތަފާތުކޮށެވެ. އަދިވެސް ޓެކްސްޓު ފޮތް ހަމައަށް ނުލިބޭކަމުގެ ޝަކުވާ އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުން އަންނަނީ ކުރަމުންނެވެ. ޓީޗަރުން މަދުވުމުގެ ޝަކުވާ އެބަ ހުއްޓެވެ. ސްކޫލުތަކުގައި ހުރި އިދާރީ މައްސަލަތައް ހައްލެއް ނުވެއެވެ. އެއް މުވައްޒަފަކު ލައްވާ އެތައް އެތައް މަސައްކަތެއް ކުރަންޖެހޭކަމުގެ ޝަކުވާވެސް ދަނީ އޮހެމުންނެވެ. ބަޖެޓުގެ ދަތިކަމާއި ޖާގައިގެ ދަތިކަންވެސް އެބަ ހުއްޓެވެ.

"އަޅުގަނޑުމެންނަށް އަދިވެސް ދިވެހި، ގުރުއާން، އިސްލާމް، މި ތިން މާއްދާގެ ފޮތްތަކެއް ނުލިބޭ ގްރޭޑް އެކެއްގެ ދަރިވަރުންނަކަށް. ކޮންމެ ގޮތެއްގައިވެސް ޕޭރުންޓުންގެ ހުންނާނެ ކަންބޮޑުވުންތައް ފޮތްތައް ނުލިބިއްޖެޔާ. އަޅުގަނޑު ޕްރިންސިޕަލަކަށް ވީމާ މިނިސްޓްރީން މިހެން އެހެން ބުނީމަ ބުނާކަށް ނޫން. ކޮންމެ ގޮތެއްގައިވެސް އަޅުގަނޑުމެންނަކީ މިކޮޅުގައި ޕޭރަންޓުންނާ ފޭސްކުރާނެ މީހުންނަކީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ޕްރިންސިޕަލަކު "ސަން" އަށް ވިދާޅުވިއެވެ.

"ފޮތްތަކުގެ ކަންތައްތަކުގައި އަސްލު ރާއްޖެއިން ބޭރުން އަޅުގަނޑުމެން ފޮތްތައް މި ގެންނަނީ. އެނގިވަޑައިގަންނަވާނެ މި ކޮވިޑާ ގުޅިގެން ހަމަ ދަތުރުފަތުރުކުރުމާ މިކަހަލަ ކަންކަމުގައި ދަތިތަކެއް އެބަހުރި. އެހެންވީމާ ކުރިން އަޅުގަނޑުމެން މި ޕްލޭން ކުރި ޑެޑްލައިންސް އާ މިހާރު މިއޮތީ ތަފާތުވެފައި. އެހެންވީމާ މި ފޮތްތަކުގެ ހާޑް ކޮޕީޒް އަޅުގަނޑުމެން ފޯރުކޮށްދެވޭތޯ މި ބަލަނީ މި މަހުގެ ނިޔަލަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ހާޑްކޮޕީ ފޯރުކޮށްދެވިފައިނުވާ ދަރިވަރުންނަށް ސޮފްޓްކޮޕީ ދިނުމަށް ހަމަޖެހިފައިވާއިރު އަދިވެސް ޓެބްލެޓް ނުލިބޭ ގްރޭޑްތަކުގެ ކުދިން މިއަދުވެސް އެބައުޅެއެވެ. މިއީ ބެލެނިވެރިންގެ ކަންބޮޑުވުން އަމާޒުވާ އަނެއް މައްސަލައެވެ. އެތައް ބެލެނިވެރިއެއްގެ ދުލުން އޮހިގަންނަ އެންމެ ބޮޑު އެއް ޝަކުވާއެވެ.

"މިއަދު ކިޔެވުން ފެށުނީ މި. ފެށުނު އިރު ފޮތްތައް ހަމަކޮށްލަ ނުދެވުނު. ދެން އެ ބުނަނީ ޓެބްލެޓުން ސޮފްޓްކޮޕީ ދޭނަމޭ. އެހެންނަމަވެސް އަދިވެސް އެ ޓެބްލެޓެއް ނުލިބޭ. ދެން ސްކޫލުން ބުނަނީ ދިވެހި އިސްލާމް ގުރުއާން ގެ ބޮޑު ފޮތް ލިބޭނީ މި މަސް ނިމުނީމައޭ. މިވަރުން ކިހިނެއްތޯ ދެން ކިޔަވާނީ. އެއް މަސް ދުވަސް އެ މާއްދާތައް ކިޔެވުމުގައި ދަތިތަކެއް ކުރިމަތިވާނެ. އަޅުގަނޑަކަށް ނުބުނެވޭނެ މާ ރަނގަޅު ތައްޔާރީއެއް ވެވިފައިވާކަމަކަށް،" ބެލެނިވެރިއެއް ބުންޏެވެ.

ޖެނުއަރީ 12، 2020: ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން އޮތީ ޓީޗަރުން ހަމަކުރެވިފައިވޭތޯ އުފެދޭ ސުވާލެވެ. އެގޮތުން ކިޔެވުން ފެށިފައިވާއިރު ޓީޗަރުން ހުރިހާ ސްކޫލަކަށް ހަމަކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމުގައިވެސް މަދުންނަމަވެސް ޝަކުވާތަކެއްގެ އަޑު އިވެމުންދެއެވެ.

"އަޅުގަނޑުމެން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވާނެ. އެތައް އަހަރެއް ފަހުން ކިޔެވުން މި ފަށަަނީ. އެހެންނަމަވެސް ޓީޗަރުން އަދިވެސް ހޯދިފައި ނެތީމަ އަޅުގަނޑުމެންގެ ދަރިވަރުން ދާނީ ކައިރީގައި އޮތް ރަށަށް ފެރީއެއްގައި އަމަލީ ހަރަކާތްތަކުގައި ބައިވެރިވާން،"

"ދެން މިނިސްޓްރީން ބުނޭ ޓީޗަރެއް ހޯދެންދެން މާލޭ ޓީޗަރުން ލައްވާ އޮންލައިންކޮށް ކިޔެވުން ކުރިޔަށް ދާނެއޭ. ހިދުމަތް ރަނގަޅުކުރެވިގެން ދެއްތޯ އެހެން ކުދިންވެސް ސްކޫލަށް އަންނާނީ،" ރާއްޖޭގެ އެންމެ އާބާދީ މަދު އެއް އަތޮޅުގެ ރަށު ކައުންސިލްގެ ބޭފުޅަކު އެރަށު ސްކޫލުގެ ހާލަތު ކިޔައިދެއްވަމުން ވިދާޅުވިއެވެ. އެފަދަ އާބަދީ މަދު ސްކޫލުތަކަށް ބޭނުންކުރެވޭނެ ސެޓެލައިޓް ސްކޫލުފަދަ ނިޒާމުތައްވެސް އެބަ ހުއްޓެވެ. އަދި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްވެސް އެބަ ހުއްޓެވެ.

ދެން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށަށް ދަތުރުކުރާ މުދައްރިސުންގެ މުސާރައިގެ ވާހަކައެވެ. "ކާކުތޯއޭ ކުޑަ މުސާރައެއްގަ ދުރު ރަށްރަށަށް ދަތުރުކޮށް ދިރިއުޅުން ބަދަލުކުރާނީ"، އެއީ ގިނަ ޓީޗަރުން ހިތާހިތާ ކުރާ ސުވާލުތަކެވެ. މިނިސްޓްރީން ވަނީ މާލެއިން ރަށްރަށަށް ދާނެ ޓީޗަރުންނަށް މުސާރައިގެ އިތުރުން އެލަވަންސެއް ދޭ ގޮތަށް ނިންމާފައެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހުއްދަ ދެއްވައިފި، އަޅުގަނޑުމެންގެ އެދުމަަކަށް އެހެން ރަށަކަށް ގޮސް ކިޔަވައިދޭނެ މުދައްރިސެއް ވެއްޖެއްޔާ އިތުރު އެލަވަންސް އެއް އެބޭފުޅަކަށް ދޭން. މިހާރު އޮތީ އެކަން ހަަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އެލަވަންސް އެއް ދޭނެކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް އަދިވެސް މި އެލަވަންސް ދޭނެ ގޮތުގެ އުސޫލާއި އިތުރު އެއްވެސް ތަފްސީލެއް ހާމަކުރެވިފައެއް ނުވެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ޓީޗަރުން ކަންކަން ކުރަންވީ ގޮތުގެ އެއްވެސް މައުލޫމާތެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މިކަން މިހެން ހުރި އިރު އެ މައްސަލައަށް ވަނީ އެދެވޭ ހައްލެއް ލިބެން އުޅޭކަމުގެ މަލަމަތި ފެންނަން ފަށާފައެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މި ފެށުނު ދިރާސީ އާ އަހަރާއެކު ޓީޗަރުންގެ މުސާރަ ބޮޑުކުރަން އުޅޭކަމުގެ ފެހި ސިގްނަލްއެއް ދީފައެވެ. މިއީ ޓީޗަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް މިކަންކަމުގެ ތަފްސީލެއް ލިބޭނީ ކޮން އިރަކުންބާއެވެ.

މީގެ އިތުރުން މިއަދުން ފެށިގެން ތައުލީމުގެ ގާނޫނުވެސް ތަންފީޒުކުރަން މި ވަނީ ފަށާފައެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާފައިވާއިރު ހިދުމަތުގައި ތިބި ޓީޗަރުން ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެއެވެ. އަދި މި ގާނޫނު ތަންފީޒުކުރުމަށް ކުރާ މަސައްކަތްތަކުގެ ތަފްސީލްވެސް މިއަދުން ފެށިގެން ހިއްސާކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.

އާ އަހަރުގެ ކިޔެވުން ފެށިގެން ކުރިޔަށް ދާއިރު ސްކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކުރުމަކީ ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޮގަސްޓް 8، 2021: އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަން ފޮޓޯ/ ފަޔާޒު މޫސާއެގޮތުން ދަރިވަރުން ސްކޫލަށް އައިސް އަމަލުކުރަންވީ ހާއްސަ އުސޫލު ކަނޑައަޅާފައިވާއިރު މިހާރުވެސް އަމަލުކުރަމުން ދާނީ ކުރީގެ އުސޫލާ އެއްގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އާ އާންމު ހާލަތަށް ސްކޫލްތައް ހުޅުވާލިއިރު ސްކޫލްތަކުގައި ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދިވެސް ހުންނާނެ. އޭގެ ތެރޭގައި ދަރިވަރުން ސްކޫލަށް ވަންނަ އިރު ހުން ބެލުމާއި، ސްކޫލްތެރޭގައި އުޅޭ އިރު ގިނަގިނައިން އަތް ދޮއްވުމާއި، ބްރޭކް ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައިވެސް މާސްކު އަޅައިގެން ތިބުމާއި، ދެން ދަރިވަރުން އާންމުކޮށް އަތްލާ ތަންތަން ޑިސްއިންފެކްޓުކުރުން ހިމެނޭ،" މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/155255

އެހެންކަމުން މިއީ ބެލެނިވެރިންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ސަބަބަކީ ހާލަތު ރަނގަޅު ނަމަވެސް ބަލިމަޑުކަމެއްގެ ތެރޭ ދަރިވަރުން ސްކޫލަށް ފޮނުވާއިރު އެކުދިންގެ ރައްކާތެރިކަމަށް ކޮންމެ ބެލެނިވެރިއަކުވެސް ވިސްނާނެތީއެވެ.

ކޮންމެއަކަސް މިއަދު ކިޔެވުން މިވަނީ ފެށިފައެވެ. މި ފެށުނު އަހަރާއެކު މުޅި ތައުލީމީ އާއިލާއިން ވެސް އެތައް އުންމީދެއް އަންނަނީ ކުރަމުންނެވެ. އާ އަމާޒުތަކެއް ހާސިލްކުރުމުގެ މަސައްކަތް މިއަދު މި ވަނީ ފަށާފައެވެ. އެހެންނަމަވެސް ކޮންމެ މަސައްކަތެއް ފަށާއިރުވެސް އެކަމެއް ރަނގަޅަށް ކުރިޔަށް ގެންދިޔުމަށްޓަކައި ފުރިހަމައަށް ވަސީލަތްތައް ގާއިމުވެފައި ހުރުމަކީ މުހިންމު ކަމެކެވެ.

ނަމަވެސް ސްކޫލްތައް މިއަދު ހުޅުވިގެން ދިޔުމާއެކު ބެލެނިވެރިންގެ ފަރާތުން ލިބުނު އެތައް ޝަކުވާއެއް އެބަހުއްޓެވެ. ފޮތްތައް ހަަމަނުވާކަަމަށެވެ. ލިބެންޖެހޭ ޓެބްލެޓް ކިޔެވުން ފެށުނު އިރު ނުލިބި ހުރިކަމަށެވެ. ބައެއް ސްކޫލްތަކަށް ޓީޗަރުން އަދި ނުލިބޭކަމުގެ ކަންބޮޑުވުމެވެ. އަދި ހިމަނާނުލެވޭ އެތައް މައްސަލަތަކެއްވެސް އެބަ ހުއްޓެވެ.

މިހުރިހާކަމެއް މިހެން އޮތް އިރު ޔަގީނުންވެސް އުފެދޭ ސުވާލަކީ ދުރާލާ ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނި ބުނުމުގައި ކިހާ ބުރަދަނެއް ހުރިތޯއެވެ. އަދި އެންމެ ފުރިހަމައަށް ތައްޔާރުވާކަމަށް ބުނިއިރު އެ ތައްޔާރީ ފުރިހަމަނަމަ މިއަދު ބަންޑުންވި ޝަކުވާތައް ބަންޑުންވެދާނެތޯއެވެ؟ މިނިސްޓްރީގެ މި އަމަލަކީ މަތިއޮމާންކުރުމެއް ނޫންބާއެވެ؟

comment ކޮމެންޓް