އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ރައްދު ދޭނަން: ނަސްރުﷲ

ހަސަން ނަސްރުﷲ، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު. -- ފޮޓޯ/ޕްރައިމްޓައިމްޒޯން.

ބައިރޫތު (އޮގަސްޓް 08): އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ރައްދު ދޭނެކަމަށާ ލުބްނާނުގެ އެތެރޭގެ ކޯޅުންތަކާ ގުޅިގެން އިސްރާއީލަށް ރައްދުދޭން ނުކެރޭނެކަމަށް އިސްރާއީލު ހީކޮށްގެން ނުވާނެކަމަށް ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ޝައިޚް ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ނަސްރުﷲ ވިދާޅުވީ ލުބްނާނުގެ އެތެރޭގެ ވާދަވެރިކަން ކިތަންމެ ބޮޑުވިނަމަވެސް އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް އެއުދުވާނަކާ ގުޅޭވަރުގެ ރައްދެއް ހިޒްބުﷲ އިން ވަގުތުން އިސްރާއީލަށް ދޭނެކަމުގައެވެ.

އިސްރާއީލުން މިދިޔަ ހުކުރުދުވަހު ލުބްނާނުގެ ދެކުނުގެ ސަރަހައްދަކަށް ބޮޑުބަޑިންނާއި ވައިގެ މަގުން ހަމަލާތަކެއް ދިނުމުން ހިޒްބުﷲ އިންވަނީ ސޫރިޔާއާއި ލުބްނާނުގައި އިސްރާއީލު ވެރިވެގަނެގެން އުޅޭ ދެ ސަރަހައްދުކަމަށްވާ ގޯލާން އާއި ޝިބްއާގައިވާ އިސްރާއީލުގެ އަމާޒުތަކަށް އެތައް ރޮކެޓަކުން ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

މީގެތެރެއިން ބައެއް ރޮކެޓް އިސްރާއީލުން ވައްޓާލި ނަމަވެސް އަނެއްބައި ރޮކެޓްތައް ވައްޓާލުމުގައި އިސްރާއީލުގެ އަޔަންޑޯމް މިސައިލް އައްޑަނައިގެ ނިޒާމު ވަނީ ނާކާމިޔާބުވެފައެވެ.

ނަސްރުﷲ ވިދާޅުވިގޮތުގައި ލުބްނާނުގައި އެތެރޭގެ ބައިބައިވުމާއި ދާޚިލީ ކޯޅުންތައް އޮތުމަކީ އިސްރާއީލުގެ އުދުވާނަށް ހިޒްބުﷲ އިން ރައްދު ދޭންނުކެރޭނެ ކަމެއްކަމަށް އިސްރާއީލު ހީކުރުމަކީ ބޮޑު ކުށްހީއެކެވެ.

ހިޒްބުﷲއިން އިސްރާއީލުގެ އަމާޒުތަކަށް ރޮކެޓް ހަމަލާތަށް ދިންނަމަވެސް ހިޒްބުﷲ ގެ ހަމަލާތަކަށް ރައްދުދީ މަސްރަހު އިތުރަށް ނުރައްކާކުރަން އިސްރާއީލަށް ކެރިފައެއް ނުވެއެވެ.

އޭގެބަދަލުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ލުބްނާނުގައި އެތެރޭގެ ބައިބައިވުމާއި ދާހިލީ ކޯޅުންތަކަށް ބެލުމެއްނެތި ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާދިނުމަކީ ހިޒްބުﷲ އާ ވާދަވެރި ލުބްނާނުގެ އެހެން ޕާޓީތައް ހިޒްބުﷲ ދެކެ ރުޅިއަންނާނެކަމެއްކަމަށް ސިފަކުރައްވާފައެވެ.

ނަފްތާލީ ވަނީ ލުބްނާނުގެ އެތެރޭގެ ހަމަޖެހުމަށް ހިޒްބުﷲ އިން ނުބެލުމަކީ ދެރަކަމެއްކަމަށް ވިދާޅުވެފައެވެ.

ހިޒްބުﷲ ގެ ލީޑަރު ޝައިހް ނަސްރުﷲ ވިދާޅުވިގޮތުގައި އިސްރާއީލަކީ ފިނޑި ގައުމެކެވެ. އަދި އިސްރާއީލަށް ރައްދު ދޭން ޖެހިލުންނުވެ އިސްރާއީލުގެ ކޮންމެ އުދުވާނަކަށް ވަގުތުން ރައްދުދޭނަމަ އެފަރާތަކާ ދެކޮޅަށް އިތުރު އުދުވާން ހިންގައި ބޮޑާކަމާއި ބާރުގަދަކަން ދައްކަން އިސްރާއީލު ޖެހިލުންވާނެއެވެ. އެކަން އިސްރާއީލުގެ އަމަލުތަކުން ހާމަވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ލުބްނާނަކީ 1980 ގެ އަހަރުތަކާއި 1990 ގެ ކުރީކޮޅު އިސްރާއީލުގެ ވައިގެ ހަމަލާތައް ކޮންމެ ދުވަހަކު އަމާޒުވާ ގައުމެކެވެ.

ހިޒްބުﷲ ޖަމާއަތް ވުޖޫދަށް އައީ އިސްރާއީލުން ލުބްނާނާ ދެކޮޅަށްދޭ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމަށާއި އިސްރާއީލުން ލުބްނާނުގެ ދެކުނުގެ ބޮޑު ސަރަހައްދަކަށް ވެރިވެގަނެގެން އުޅޭތީ އެސަރަހައްދު މިނިވަންކުރުމުގެ މަގްސަދުގައެވެ.

ހިޒްބުﷲ އުފެދުމާއެކު އެޖަމާއަތުންވަނީ ދެކުނު ލުބްނާނަށް އަރައި ތިބި އިސްރާއީލު ސިފައިންނާ ހަނގުރާމަކޮށް އިސްރާއީލުގެ ސިފައިން ދެކުނު ލުބްނާނުން ފައްސާލައި އެ ސަރަހައްދު މިނިވަންކުރުމުގައި ނަސްރެއް ހޯދާފައެވެ.

އަދި ހިޒްބުﷲ އިން އިސްރާއީލަށް ރައްދުދޭތީ ކުރިން އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތައް 2005ން ފެށިގެން ދޭން އިސްރާއީލަށް ނުކެރެއެވެ.

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން ލުބްނާނަށް ހަމަލާދީފައި މިވަނީ 15 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެހަމަލާވެސް ދިނީ ގޮތްނޭނގޭ ބަޔަކު ދެކުނު ލުބްނާނުން އިސްރާއީލަށް އާދައިގެ ހަމަލާއެއް ފޮނުވާލުމާ ގުޅިގެންނެވެ.

އެ ހަމަލާ ފޮނުވާލި ކަމަށް ބެލެވޭ ބަޔަކު ލުބްނާނުގެ ސަރުކާރުންވަނީ ހައްޔަރުކޮށްފައެވެ. ހިޒްބުﷲ ހުކުރުުދުވަހު އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނީ އިސްރާއީލުގެ އެ ހަމަލާތަކުގެ ރައްދުގައެވެ. ހިޒްބުﷲ އިން ގިނަ އަދަދެއްގެ ރޮކެޓް ބޭނުންކޮށްގެން އިސްރާއީލަށް ވަރުގަދަ ރައްދެއް ދޭނެކަމަށް އިސްރާއީލު ހީކޮށްފައިނުވާކަމަށް އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވެފައިވެއެވެ.

އިސްރާއީލު ޖެހުލުންވާފަދަ ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ހިޒްބުﷲ ފެންނަން ފެށީ 2000 ގެ އަހަރުތަކުގައެވެ.

ހާއްސަކޮށް 2005 ވަނައަހަރު އިސްރާއީލުން ލުބްނާނާ ދެކޮޅަށް ހިންގި އުދުވާނަށް ވަރުގަދަ ރައްދެއްދީ ބާރުގަދަކަމަށް އިސްރާއީލާއި ހުޅަނގުން ޕްރޮޕަގެންޑާކުރާ އިސްރާއީލުގެ އަސްކަރިއްޔާ ސިއްސުވާލުމާ ގުޅިގެންނެވެ.

އެ ހަނގުރާމައިގާ އިސްރާއީލުން ލުބްނާނަށް ބޮޑު ގެއްލުމެއްދީ އެތަށް ސަތޭކަ ބަޔަކު ޝަހީދުކޮށްލި ނަމަވެސް ހިޒްބުﷲ ވަނީ އިސްރާއީލުގެ ކަންކޮޅުތަކަށް އެތަށްހާސް ރޮކެޓުން ހަމަލާދީ އިސްރާއީލުގެ ސިޓީތަކާއި ވިލެޖްތަކާއި ކާރުހާނާތަކަށް ބޮޑުގެއްލުމެއްދީ އިސްރާއީލުގެ އެތައް ބަޔަކު މަރާލައި ބޮޑު ނަސްރެއް އިސްރާއީލުގެ މައްޗަށް ހޯދާފައެވެ.

ހިޒްބުﷲ އާ ހަނގުރާމަކޮށްގެން އިސްރާއީލަށް ލިބުނީ އަރަބީންނާ ހަނގުރާމަކޮށްގެން ދުވަހަކުވެސް އިސްރާއީލަށް ލިބިފައިނުވާވަރުގެ ބޮޑު ގެއްލުމެއްކަމަށް އިސްރާއީލުވެސް ވަނީ އެއްބަސްވެފައެވެ.

އޭގެ 16 އަހަރަށްފަހު މިހާރު ހިޒްބުﷲ އަކީ 2005 ވަނަ އަހަރު އޮތް ހިޒްބުﷲ އަށްވުރެ އެތަށް ގުނައެއް ބާރުގަދަ އަދި އިސްރާއީލުގެ ކޮންމެ ތަނަކަށްވެސް ހަމަލާދެވޭވަރުގެ ދެ ލައްކައެއްހާ ރޮކެޓް ހުރި ފަންނީގޮތުންނާއި އިންޖިނިއަރިން ދާއިރާގައިވެސް ވަރަށް ބޮޑަށް ކުރިއަރާފައިވާ ޖަމާއަތެކެވެ.

ފަލަސްތީނުގެ ޖަމާއަތްތައްވެސް އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރުމުގައި ނަމޫނާއަކަށް ބަލަނީ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތެވެ. މިއާއެކު ފަލަސްތީނުގެ ހަމާސް ޖަމާއަތްވެސް ވަނީ މިފަހަކަށް އައިސް އިސްރާއީލާ ދެކޮޅަށްކުރި ޖިހާދުގައި ހިޒްބުﷲ އެކޭ އެއްގޮތަށް ބޮޑު ނަސްރެއް އިސްރާއީލުގެ މައްޗަށް ހޯދާފައެވެ.

comment ކޮމެންޓް