އިސްރާއީލު ވެރިވެގަނެގެން އުޅޭ ސީރިއާއާއި ލުބްނާނުގެ ސަރަހައްދުތަކަށް ހިޒްބުﷲ ގެ ރޮކެޓް ހަމަލާތަކެއް

އިސްރާއީލު ގަދަބާރުން ވެރިވެގަނެގެން އުޅޭ ސީރިއާގެ ބިމެއް ކަމަށްވާ ގޯލަން ހެއިޓްސް

ހިފާފައިވާ ގޯލާން (އޮގަސްޓް 06): ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ދިން ރޮކެޓް ހަމަލާތަކެއް އިސްރާއީލުން ވެރިވެގަނެ އިސްތިއުމާރުކޮށްގެން އުޅޭ ސީރިއާއާއި ލުބްނާނުގެ ދެ ސަރަހައްދަކަށް އަރައިފިއެވެ.

މިކަން ކަށަވަރުކޮށްދެމުން އިސްރާއީލުގެ ސިފައިން ބުނީ ސީރިއާގެ ގޯލާންގެ އުސް ބިންތަކާއި ލުބްނާނުގެ ޝިބްޢާ ސަރަހައްދުގައިވާ އިސްރާއީލުގެ އަމާޒުތަކަށް ލުބްނާނުގެ ސަރަހައްދުގެ ތެރެއިން ފޮނުވާލި ރޮކެޓްތަކެއް މިއަދު އަރާފައިވާކަމަށާ އޭގެ ރައްދުގައި އިސްރާއީލުން ލުބްނާނުގެ ދެކުނުގެ ސަރަހައްދެއްކަމަށްވާ ކަފަރު ޝޫބާއަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާކަމުގައެވެ.

ލުބްނާނުގެ އަމަނާބެހޭ ފަރާތްތައް ބުނާގޮތުން އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ކަފަރު ޝޫބާއަށް ހަމަލާދިނީ ބައިނަލްއަގްވާމީ ގޮތުން ބޭނުންކުރުން މަނާ ބޮމެއްކަމަށްވާ ފޮސްފެރަސް ބޮމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ހަމަލާ ދިނުމަށްވެސް ފޮސްފެރަސް ބޮން ބޭނުން ކުރެއެވެ. އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އިސްރާއީލު ހިމާޔަތްކޮށް އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ހިތްވަރުދޭތީ ބައިނަލްއަގްވާމީ ގޮތުން މަނާ ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލުން ހަމަލާ ދިންނަމަވެސް އދ. ގެ ތެރެއިން އިސްރާއީލު ކުށްވެރިކޮށް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

އިސްރާއީލު ވެރިވެގެނެގެން އުޅޭ ލުބްނާނުގެ ޝިބްއާ ސަރަހައްދު

އިސްރާއީލުން އިސްތިއުމާރުކޮށްގެން އުޅޭ ސީރިއާއާއި ލުބްނާނުގެ ދެ ސަރަހައްދުގައިވާ އިސްރާއީލުގެ އަމާޒުތަކަށް ލުބްނާނުގެ ތެރެއިން ހަމަލާދިނީ އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރާ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުންކަމަށް އެޖަމާއަތުން ބުނެއެވެ. ހިޒްބުﷲ އިން މިފަދަ ހަމަލާތަކެއް ކުއްލިގޮތަކަށް ދޭނެކަމަށް އެއްވެސް ވަރަކަށް ބެލެވިފައިނުވާ ކަމަށް އިސްރާއީލުގެ ސިފައިންނާ ހަވާލާދީ އިސްރާއީލުގެ މިޑީއާ ބުނެއެވެ.

ސީރިއާގެ ގޯލާންގެ ބިންތަކަށާއި ލުބްނާނުގެ ޝިބްއާ ސަރަހައްދުގެ ބިންތަކަށް އިސްރާއީލު ވެރިވެގެންފައިވަނީ 1967 ގެ ހަނގުރާމައިގައެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު ދެކުނު ލުބްނާނުން އިސްރާއީލަށް އަމާޒުކޮށް ގޮތްނޭގޭ ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް ފޮނުވާލިކަމަށާ އެ ހަމަލާތައް އިސްރާއީލުގެ އަވަށެއްކަމަށްވާ ކްރިޔާތް ޝުމޫނާއަށް އެރިކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމު ވަނީ މި ރޮކެޓްތައް މަތަކުރުމުގައި ނާކާމިޔާބުވެފައެވެ. ނަމަވެސް ބައެއް ރޮކެޓްތައް އެނިޒާމުން މަތަކުރި ކަމަށް އިސްރާއީލު ބުނެފައިވެއެވެ.

ކްރިޔާތް ޝުމޫނާ އަކީ ފަލަސްތީނުގެ ބިންތަކުގައި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފަށް އިސްރާއީލުން ހިންގާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ އިސްތިއުމާރީ މަޝްރޫއުގެ ދަށުން ދުނިޔޭގެ ކަންކޮޅުތަކުން ފަލަސްތީނަށް ޔަހޫދީން ގެނަސްގެން އެމީހުން ވަޒަންވެރި ކުރުވާފައިވާ އަވަށެވެ. ލުބްނާނުގެ ތެރެއިން ކްރިޔާތް ޝުމޫނާ އަށް ހަމަލާދިންކަމަށް ބެލެވެނީ ދެކުނު ލުބްނާނުގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމާއަތަކުން ކަމަށް އިސްރާއީލު ބުނެފައިވެއެވެ. މި ހަމަލާތަކަށްފަހު އިސްރާއީލުވަނީ ބޮޑުބަޑިންނާއި ފައިޓާ ޖެޓް ބޭނުންކޮށް ލުބްނާނުގެ ދެކުނުގެ އެތައް ސަރަހައްދަކަށް މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހަމަލާތަކެއް ދީފައެވެ.

ލުބްނާނުގެ ރައީސް ރިޓަޔަޑް ޖެނެރަލް މިޝައިލް އަވްނު ވަނީ އިސްރާއީލުގެ އެ ހަމަލާތައް ކުށްވެރި ކުރައްވައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލައްވާފައެވެ. ލުބްނާނުންވަނީ މިމައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށްވެސް ގޮވާލާފައެވެ.

ބުދަދުވަހާއި ބުރާސްފަތި ދުވަހު ބޮޑުބަޑިންނާއި ފައިޓާ ޖެޓް ބޭނުންކޮށް ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ހަމަލާތަކަކީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކުން އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް ފައްސާލި ފަހުން މިހާ ފުޅާދާއިރާއެއްގައި އިސްރާއީލުން އެސަރަހައްދުތަކަށް ދިން އެންމެ ބާރުގަދަ ހަމަލާތައްކަމަށް ލުބްނާނުން ބުނެއެވެ.

އިސްރާއީލުން 1982 ވަނައަހަރު ވެރިވެގަތް ދެކުނު ލުބްނާނުގެ ސަރަހައްދުތަކުން އިސްރާއީލު ފައިބަން މަޖްބޫރުވީ އެ ސަރަހައްދު މިނިވަން ކުރުމަށްޓަކައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ތަކުރާރުކޮށް ދެމުން ގެންދިޔަ ހަމަލާތަކުގައި އިސްރާއީލު ސިފައިން މަރުވާތީ އެކަމަށް އިސްރާއީލަށް ކެތްނުކުރެވިގެންނެވެ.

އިސްރާއީލު އިސްތިއުމާރުކޮށްގެން އުޅޭ ސީރިއާގެ ގޯލާނާއި އިސްރާއީލުގެ އަތްދަށުގައި އޮތް ހަމައެކަނި ލުބްނާނުގެ ސަރަހައްދު ކަމަށްވާ ޝިބްޢާގައިވާ އިސްރާއީލުގެ އަމާޒުތަކަށް ހިޒްބުﷲ އިން މިއަދު ރޮކެޓް ހަމަލާތައް ދިނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮޑުބަޑިންނާއި ފައިޓާ ޖެޓް ބޭނުންކޮށް ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުންކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް