ނަފްރަތުގެ ބިލާ މެދު ... ޢާއްމު ސިޓީއެއް 4

4. ޣާމިޟުކަމާއި ޣައިރުވާޟިޙުކަމާއި މާނަ ފުޅާކަން

ނަފްރަތުގެ ބިލު އަލިފުން ޔާއަށް ކިޔައި އޭގެ މައްޗަށް ވިސްނައިލުމުން، ފާހަގަ ކުރެވޭ އެންމެ މުހިއްމު އެއް ކަމަކީ، ލަފުޒުތަކާއި ޢިބާރާތްތަކާއި އިޞްޠިލާޙުތައް ބޭނުން ކުރެވިފައި ހުރި ގޮތުގެ ނަތީޖާއެއްގެ ގޮތުން ބިލުގެ ނައްޞުތަކުގައި ހުރި އާދަޔާ ޚިލާފު ޣާމިޟުކަން ނުވަތަ އިލްތިބާސް (ambiguity) އެވެ. ނައްޞުތަކުގެ މާނަތަކުގައި ހުރި ޣައިރުވާޟިހުކަން (vagueness) ނުވަތަ މާނަ ސާފު ނުވުމެވެ. ހަމަ އެއާ އެކު، ބައެއް އިޞްޠިލާޙުތަކާއި ޢިބާރާތްތަކުގެ މާނަ ފުޅާކަމުގެ ސަބަބުން، އޭގެ ދާއިރާގެ ތެރެއަށް ބަޔަކު ހިތަށް އައިހައި ކަންތައްތަކެއް ވެއްދޭ ކަހަލަ ގޮތަކަށް އޮތް އޮތުމެވެ.

މި ދެންނެވި ސިފަތަކަކީ ޤާނޫނެއްގައި ހުރެގެން ވާނޭ ސިފަތަކެއް ނޫނެވެ. ޤާނޫނެއްގައި މި ސިފަތައް ހުރުމަކީ އެ ޤާނޫނެއްގައި ހުންނަ ވަރަށް ބޮޑު އުނިކަމެކެވެ. ޚާއްޞަ ގޮތެއްގައި، ކުށްތަކާއި އަދަބު ކަނޑައަޅައި، ކަންކަން ތަޖުރީމު ކުރާ ޤާނޫނެއްގައި ޣާމިޟުކަމާއި ޣައިރުވާޟިޙުކަން ހުރުމަކީ، އެ ޤާނޫނެއް ދުސްތޫރީ ކޯޓުތަކުން ބާޠިލު ކުރާނޭ އަދި ބާޠިލު ކުރާން ޖެހޭ ސަބަބެކެވެ. އެހެނީ، ޣާމިޟު ނުވަތަ އިލްތިބާސުވެރި، އަދި ޣައިރުވާޟިޙު ގޮތްގޮތަށް ޖިނާއީ ޤާނޫނުތައް ހުރުމަކީ ޤާނޫނުގެ ވެރިކަމުގެ މަބްދައާ (Rule of Law) ޚިލާފު ކަމެއް ކަމަށް ދުސްތޫރީ ޢިލްމުގެ ތަޖުރިބާކާރުން ވަނީ އިއްތިފާޤު ވެވަޑައިގެންފައެވެ. ހަމައެހެންމެ، ޖިނާއީ ޤާނޫނުތައް ޣާމިޟު ވުމާއި ޣައިރުވާޟިޙު ވުމަކީ ޖިނާއީ ޤާނޫނުގެ ދާއިރާގައި މަބްދައުލް މަޝްރޫޢިއްޔަތު (Principle of Legality) ތަޠުބީޤު ކުރެވޭ ހަމަތަކާ ވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ޤާނޫނުގެ ޢިލްމުވެރީން އެއްބަސް ވެވަޑައިގެންފައި ވެއެވެ. މި ދެ މަބްދައު ބުނާ ގޮތުން، ކަމެއް ތަޖުރީމު ކުރެވޭ ކޮންމެ ޙާލަތެއްގައި ވެސް، އެ ތަޖުރީމު ކުރެވޭ ކަމަކީ ކޮބައިކަން ޤަޠުޢީ އަދި ޞަރީޙަ ޢިބާރާތުން، އެއީ ކޮން ކަމެއްކަން ސާފުސާފުކޮށް އެނގޭނޭ ފަދައިން، ބަޔާން ކުރެވިފައި އޮންނާން ވާނެއެވެ. މި ނުކުތާ އެކަށައަޅަމުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑްރަލް ސުޕްރީމް ކޯޓުން ޖިއަޗިއޯ ވ. ޕެންސިލްވެއިނިއާ (1966) މި ޤަޟިއްޔާގައި ކުރި ޙުކުމުގައި ކަނޑައަޅައިފައި ވަނީ، "ޖިނާއީ ޤާނޫނެއްގައި [vagueness] ހުރުމަކީ ކަނޑައެޅި ބަޔާން ވެގެން ވާ [evil] އެއް ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ އެ ޤާނޫނެއް މުޅީން ބާޠިލު ކަމަށް ދުސްތޫރީ ގޮތުން ކޯޓުން ކަނޑައެޅުން" ކަމަށެވެ. މި އުޞޫލު ހަމައެކަނި ޔުނައިޓެޑް ސްޓޭޓްސްގެ ސުޕްރީމް ކޯޓުން ވެސް ވަނީ އެތައް ޤަޟިއްޔާއެއްގައި، އެކި ގޮތްގޮތަށް އޮޅުން ފިލުވައިދީ ނަގަހައްޓައިފައެވެ.

އިސް ވެދިޔަ 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ނުކުތާގައި ވާނީ [ޢަމަލު] އަދި [ނަފްރަތު] މި ދެ ލަފުޒު ބިލުގައި ބޭނުން ކޮށްފައި ވާ ގޮތުން، އެތައް އޮޅުންބޮޅުންތަކެއް އަރާ ވާހަކަ ދެންނެވިފައެވެ. މި ލަފުޒުތައް ބޭނުން ކޮށްފައި ހުރި ގޮތުން ބިލުގެ ނައްޞުތަކުގެ މާނަ ސާފު ނުވުމުގެ މައްސަލަ ވެސް ދިމާ ވެއެވެ. ހަމަ އެހެންމެ، [ނަފްރަތު] އަކީ އެތައް މާނައެއް ހިމެނޭ ލަފުޒަކަށް ވުމާ އެކު، ތަޢުރީފެއް ނުދީ މި ލަފުޒު އިޞްޠިލާޙެއްގެ ގޮތުގައި ބޭނުން ކޮށްފައި އޮތުމުގެ ސަބަބުން ނައްޞުތަކުގައި ޣާމިޟުކަން ނުވަތަ އިލްތިބާސުގެ (ambiguity) މައްސަލަ ވެސް އެބަހުއްޓެވެ. [Hate Speech] އާއި [Hate Crimes] އާ ދެ މަފްހޫމު އޮޅުވައިލެވިފައި ވާ ގޮތުގެ ވާހަކަ ވެސް ވާނީ 1، 2، އަދި 3 ވަނަ ނުކުތާގައި ބަޔާން ކުރެވިފައެވެ. މީގެ އިތުރުން ވެސް، ބިލުގެ ނައްޞުތަކުން ޣާމިޟުކަމާއި، ޣައިރުވާޟިޙުކަމާއި (vagueness)، މާނަ މާ ބޮޑަށް ފުޅާ ވުމުގެ އެތައް މިސާލުތަކެއް ފެނެއެވެ. ދެ ނައްޞެއްގެ މައްޗަށް އަޅުގަނޑު ބަލައިލާނަމެވެ.

124 (ހ) ގެ (1) ގެ i ގެ ދަށުން ކުށަކަށް ވަނީ "ޢާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން" މިއެވެ.

އިސްލާމް ދީނާ ޚިލާފަށް އުޅެޔޭ ބުނުމަކަށް ވާނީ ކޮން ކަހަލަ ޢިބާރާތަކުން ކީކޭ ބުނީމާތޯއެވެ؟ މިސާލަކަށް، "ސީދިބޭގެ ދޮންދީދީ އަކީ ދުވަހަކު ނަމާދެއް ނުކުރާ މީހެކޭ" ބުނީމާ، ސީދިބޭގެ ދޮންދީދީ އަކީ ދީނާ ޚިލާފަށް އުޅޭ މީހެއް ކަމަށް ނުބުނެވޭތޯއެވެ؟ އެއީ "ނަފްރަތުގެ ޢަމަލެއް" ތޯއެވެ؟ މި ކަހަލަ އިބާރާތެއް ބުނާ މީހާ ވެސް ދާން ޖެހޭނީ މި ނައްޞުގެ ދަށުން ޖަލަށްތޯއެވެ؟ "ވަކި މީހެކޭ" ބުނާ ބުނުމުގެ ތެރެއަށް ވަންނަނީ ކާކުތޯއެވެ؟ ކޮންމެ ޒަމާނެއްގައި ކޮންމެ ތަނެއްގައި އުޅުނު ކޮންމެ މީހަކު ވެސް، ނަމުން ބަޔާން ކޮށްފައި އެއީ އިސްލާމް ދީނާ ޚިލާފަށް އުޅޭ މީހެކޭ ބުނެފިއްޔާ، އެއީ "ވަކި މީހަކު" އިސްލާމް ދީނާ ޚިލާފަށް އުޅެޔޭ ބުނުން ކަމަށް ނުވާނޭތޯއެވެ؟ އެހެން ވާ އިރު، "އަބޫ ޖަހުލަކީ އިސްލާމް ދީނާ ޚިލާފަށް އުޅުނު މީހެކޭ" ބުނެފިއްޔާ، މި ނައްޞުގައި މަނާ ކުރާ ކުށް ކުރެވުނު ކަމަށް ނުވާނޭތޯއެވެ؟ "އުޅޭ މީހެކޭ" އޮތުމުން، އެ ޢިބާރާތުން ދޭހަ ވަނީ އެ ވަގުތެއްގައި ދިރިތިބި މީހުން އެކަނިތޯއެވެ؟ މަރު ވެގޮސްފައި ވާ މީހުން އޭގެ ތެރެއަށް ނުވަންނާނޭތޯއެވެ؟ ނުވަތަ އެއީ ހަމަކައެނި ދިވެހީންގެ ވާހަކަތޯއެވެ؟ ނުވަތަ ދިވެހި ދައުލަތުގެ އިޚްތިޞާޞް ހިނގާ ދާއިރާގައި ދިރިއުޅޭ މީހުންގެ ވާހަކަތޯއެވެ؟ ބަންގްލަދޭޝްގެ ލިޔުންތެރިޔާ ތަސްލީމާ ނަސްރީނަކީ އިސްލާމް ދީނާ ދެކޮޅު މީހެކޭ ބުނުމުން، މި ނައްޞުގެ ދަށުން ކުށްވެރި ނުވާނޭ ގޮތެއް އެބައޮތްތޯއެވެ؟ ދިވެހި ރައްޔިތަކު އިސްލާމް ދީނަށް ކުޑައިމީސް ބަހެއް ބުނުމުން، އެ ބުނި ބަހުގެ މައްޗަށް ބަލައި ނަޒަރު ކުރުމަށް ފަހު، ދިވެހިރާއްޖޭގެ ފަތުވާ ކޮމިޓީއެއްގެ ޢާއްމު ޖަލްސާއެއްގައި ނުވަތަ ކޯޓެއްގެ ޝަރީޢަތުގެ މަޖިލިހުގައި، ދީނީ ޢިލްމުވެރީން ނުވަތަ ފަނޑިޔާރުން އެ މީހަކީ އިސްލާމް ދީނާ ޚިލާފު ޢަމަލުތައް ކުރާ އަދި ދީނާ ދެކޮޅުވެރި ވާހަކަތައް ދައްކަމުން ގެންދާ މީހެއް ކަމަށް ފެނެޔޭ ވިދާޅުވެއްޖެ ޙާލަތެއްގައި، މި ނައްޞުގެ ދަށުން އެ ބެއިފުޅުން ކުށްވެރި ވާ ގޮތް ނުވާނޭތޯއެވެ؟ "އިސްލާމިކް ސްޓޭޓް އޮފް ޢިރާޤް އެންޑް ޝާމް" (އައިސިސް) ގެ ނަމުން މަޝްހޫރު ވި ނުބައިނުލަފާ މުޖުރިމުންގެ ޖަމާޢަތުގައި ބައިވެރި ވި ދިވެހީންގެ ތެރެއިން މީހަކާ މެދު، ދީނުގެ ޢިލްމުވެރީންގެ މަޖިލިހަކުން އެއީ އިސްލާމް ދީނާ ޚިލާފަށް އުޅޭ މީހެކޭ ވިދާޅުވެއްޖެ ޙާލަތުގައި، އެ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ދީނީ ޢިލްމުވެރީން މި ނައްޞުގެ ދަށުން ކުށްވެރި ނުވާނޭތޯއެވެ؟

މި ސުވާލުތަކުގެ މައްޗަށް ފުންކޮށް ވިސްނައިވަޑައިގަތުމުން، 124 (ހ) ގެ (1) ގެ i ގެ ނައްޞަކީ ހިސާބަށް ވުރެ މާނަ ފުޅާ އަދި ޣައިރުވާޟިޙު ނައްޞެއްކަން ފެނިވަޑައިގަންނަވާނެއެވެ. ތަޖުރީމީ ނައްޞެއްގައި ހުރުން ލާޒިމު ސާފުކަމާއި (clarity) ޞަރީހަކަމާއި (explicitness) ޤަޠުޢިއްޔަތު (definiteness) މި ނައްޞުގައި ނެތްކަން ވެސް ފެނިވަޑައިގަންނަވާނެއެވެ. އަދި މިއީ ޢަޤުލީ ހަމަތަކާއި (rational principles) ޢަދުލުއިންޞާފުގެ ހަމަތަކުގެ ދަށުން، ޞައްޙަ ކަމަށް ބެލެވޭނޭ ނައްޞެއް ނޫންކަން ވެސް އެނގިވަޑައިގަންނަވާނެއެވެ.

ދެން، 124 (ހ) ގެ (1) ގެ ii އަށް ބަލައިލަމާ ހިންގަވާށެވެ! މި ނައްޞުގައި ތަޖުރީމު ކޮށްފައި އޮންނަ ކުށަކީ "އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާ މެދު ނަފްރަތު އުފެއްދުން" އެވެ.

މިއީ އެއް މާނައަށް ވުރެ ގިނަ މާނަ ނެގިދާނޭ ޣާމިޟު (ambiguous) ޢިބާރާތެއް ކަމަށް އަޅުގަނޑު ދެކެމެވެ. އެއް މާނަ އަކީ، އިސްލާމީ ޢަޤީދާ ޤަބޫލު ނުކުރާ މީހުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމެވެ. އަނެއް މާނަ އަކީ އިސްލާމީ ޢަޤީދާ ޤަބޫލު ކުރާ މީހުންނާ ދެކޮޅަށް ނަފްރަތު އުފެއްދުމެވެ. މީގެ ތެރެއިން، ނައްޞުގެ ޙަޤީޤީ މާނަ އަކީ ކޮބައިތޯއެވެ؟ މި ދެ މާނަ ވެސް ނައްޞުގައި ހިމެނޭ ކަމަށް ބަލާން ވީތޯއެވެ؟ ތަންފީޛު ކުރައްވައި ތަޠުބީޤު ކުރައްވާން ވީ ކޮން މާނައެއްކަން ފުލުހުންނާއި ޕްރޮސިކިޔުޓަރުންނާއި ފަނޑިޔާރުން ކަނޑައަޅުއްވާނީ ކިހިނެއްތޯއެވެ؟ ދީނީ ޢިލްމުވެރިއަކު މިސްކިތުގައި ދެއްވާ ދަރުސެއްގައި، ﷲ ސުބުޙާނަހޫ ވަ ތަޢާލާ އާ ބެހޭ ޞައްޙަ ޢަޤީދާ އޮތީ އިސްލާމް ދީނުގައޭ، އިސްލާމް ދީން ފިޔަވައި އެހެން ދީންތަކަކީ ބާޠިލު ޢަޤީދާތަކެއްގެ މައްޗަށް ބިނާ ވެފައި ހުރި ދީންތަކެކޭ ވިދާޅުވުމުން، އެއީ މި ނައްޞުގެ ދަށުން ކުށަކަށް ނުވާނޭތޯއެވެ؟ މި ސުވާލާ ގުޅިގެން ފާހަގަ ކޮށް ދަންނަވަމެވެ. މަޝްހޫރު އެމްޑީއެން ރިޕޯޓުގައި އިސްލާމް ދީނުގެ ޢިލްމުވެރީން އެ ދީނަކީ ޞައްޙަ އިލާހީ ދީން ކަމަށާއި، އިސްލާމީ ފަލްސަފާ އަކީ އެންމެ ފުރިހަމަ ފަލްސަފާ ކަމަށާއި، އެހެން ދީންތަކަކީ ޞައްޙަ ދީންތަކެއް ނޫންކަމަށް ވިދާޅުވާތީ އެކަމާ ދެކޮޅު ހަދައި، އެއީ އެހެން ދީންތަކާ މެދު މުސްލިމުންގެ ހިތްތަކުގައި ނުރުހުމާއި ތަޢައްޞުބު އުފެދުމަށް މަގުފަހި ކުރާ ކަންތައްތަކެކޭ ކިޔައި ލިޔެފައި ވެއެވެ. އެމްޑީއެންގެ މީހުން ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި ތިބެގެން، އިސްލާމީ ޢަޤީދާ ފިޔަވައި ޞައްޙަ އެހެން ޢަޤީދާއެއް އޮތް ދީނެކޭ ވިދާޅުވާ ދީނީ ޢިލްމުވެރީން ނުވަތަ އެހެން ބުނާ މުސްލިމުންގެ މައްޗަށް، އެމީހުން އިސްލާމީ ޢަޤީދާއާ ގުޅުވައި ޣައިރު މުސްލިމުންނާ މެދު ނަފްރަތު ފަތުރަނީއޭ ބުނެ، މި ނައްޞުގެ ދަށުން ޙުކުމް ނުކުރާނޭކަން އެނގޭ ގޮތަކީ ކޮބައިތޯއެވެ؟ އިސްލާމީ ޢަޤީދާއާ ގުޅުވައި މުޖުތަމަޢުގައި މީހަކާ މެދު ނަފްރަތު އުފެއްދުން ކަމަށް ވާނީ ކޮން ބަސްތަކެއް ބުނުމުން ނުވަތަ ކޮން ޢަމަލުތަކެއް ކުރުމުންތޯއެވެ؟ ނަފްރަތު އުފެދުނު ކަމަށް ބަލާނީ ކޮން މިންގަނޑަކުންތޯއެވެ؟

އާދެ، މި ދެންނެވީ ނަފްރަތުގެ ބިލުގެ ނައްޞުތަކުގައި ހުރި ޣާމިޟުކަމާއި ޣައިރުވާޟިޙުކަން ދައްކައިދޭ ދެ މިސާލެވެ. މުޅި ބިލު ކަހަލަ ގޮތަކަށް ފުރޭފު ކުރެވި ޢިބާރާތް ކުރެވިފައި ވަނީ މި ކަހަލަ ގޮތަކަށެވެ.

ކުރީން ވެސް ދެންނެވިފައި ވާނޭ ފަދައިން، ޤާނޫނެއްގައި ޣާމިޟުކަމާއި ޣައިރުވާޟިޙުކަން ހުރުމަކީ ވަރަށް ބޮޑު އުނިކަމެކެވެ. ޢަދުލުއިންޞާފު ޤާއިމު ކުރުމަށާއި، ހުރިހައި މައްސަލަތަކެއްގައި އެއް ގޮތަކަށް ޤާނޫނު ތަންފީޒު ކޮށް ތަޠުބީޤު ކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ޤާނޫނުގެ ވެރިކަމުގެ މަބްދައާ (Rule of Law) އާއި މަބްދައުލް މަޝްރޫޢިއްޔަތު (Principle of Legality) އާ ޚިލާފު ކަމެކެވެ. ޢާއްމު ގޮތެއްގައި، މި ބާވަތުގެ ޢިބާރާތްތަކުން ޤާނޫނުތައް ހަދަނީ، ޤާނޫނަކީ ލަޓިބުރިތަކަކަށް ހަދައިގެން، އެއިން ތިމާމެން އެ ބަޔަކު ދެކެ ރުޅި އަރާ މީހުންގެ ބުރީން ހަން ނެގުމަށް ގަސްތު ކޮށްގެން އުޅޭ ޚުދުމުޚުތާރު އަދި އަނިޔާވެރި ވެރީންނެވެ. މިފަދަ ނައްޞުތަކުގެ ބާރުގައި، ވެރީން ނުރުހޭ ކޮންމެ ޢަމަލަކަށް ހެން އަދަބު ދެވޭ ގޮތް ވެއެވެ. ވެރީންގެ ކަޅު ލިސްޓަށް އެ މީހަކުގެ ނަން އަރާ ކޮންމެ މީހެއްގެ ކަރުގައި "ޤާނޫނުގެ އަތުން" ހިފޭ ގޮތް ވެއެވެ. ދިވެހިރާއްޖޭގެ ކުރީގެ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާ އާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށް އަޅުގަނޑުމެން އަދި ހަނދާން ނެތޭހައި ދުވަހެއް ނުވެއެވެ. 88 ވަނަ މާއްދާ އާއި ނަފްރަތުގެ ބިލުގެ ނައްޞުތަކާ ދެމެދު މާކަ ބޮޑު ފަރަގެއް ހުރި ކަމަކަށް ނުފެނެއެވެ. 88 ވަނަ މާއްދާ އާއި އަމުރަށް ނުކިޔަމަންތެރިވުން ތަޖުރީމު ކުރި ނައްޞު އެއިރު ބޭނުން ކުރެވުނީ، ސަރުކާރު ނުރުހޭ ކޮންމެ ކަމެއް ކުރި މީހަކު ޖިނާއީ ގޮޅިއަށް ފެއްތުމަށެވެ. ނަފްރަތުގެ ބިލުން ކުރެވޭނޭ ކަމެއް ކަމަށް ފެންނަނީ، އިސްލާމް ދީނާ ދެކޮޅުވެރި މީހުންނާއި ޢަލްމާނިއްޔަތާ ދެކޮޅަށް ބަސް ބުނާ ކޮންމެ މުސްލިމަކު ޖިނާއީ ގޮޅިއަށް ފެއްތުމެވެ.

ނޯޓު: މިއީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށައަޅައިފައި ވާ ނަފްރަތުގެ ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނު ސިޓީއެކެވެ. ސިޓީ މި ކޮލަމުގައި މި ޝާއިޢު ކުރެވެނީ އެޑިޓް ކުރެވި އިތުރު ތަފްޞީލުތަކާ އެކު ލިޔެވިފައި ވާ ސިލްސިލާއެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް