ޝައިހް ޖައްރާހުގެ މައްސަލަ: އިސްރާއީލުގެ ސުޕްރީމް ކޯޓަށް ގޮތެއް ނުނިންމުނު

ޝައިހް ޖައްރާހުގެ މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން ނުރުހުން ފާޅުކޮށް، މުޒާހަރާކޮށްފައިވޭ -- ފޮޓޯ: ގެޓީ

ގުދުސް (އޮގަސްޓު 3): އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ޝައިހް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން އެމީހުންގެ ގެތަކުން ނެރުމާ ދެކޮޅަށް އިސްރާއީލްގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އިއްޔެ ވަކި ގޮތެއް ނުނިންމި، އަޑު އެހުން ނިންމާލައިފިއެވެ.

ޝައިހް ޖައްރާހުގެ މައްސަލައިގައި އިސްރާއީލްގެ ދަށު ކޯޓުތަކުން ބުނެފައި ވަނީ، ފަލަސްތީނުގެ މީހުން ޝައިހް ޖައްރާހުގައި މިހާރު ދިރިއުޅެނީ އިސްރާއީލް އުފެދުމުގެ ކުރިން ޔަހޫދީންނަށް ނިސްބަތްވާ ބިންތަކުގައި ކަމަށެވެ. އަދި ޔަހޫދީ ވަޒަންވެރިންނަށް ފުރުސަތު ދިނުމަށް ފަލަސްތީނުގެ މީހުން އެމީހުންގެ ގެތަކުން ނެރެން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި އިސްރާއީލްގެ ސުޕްރީމް ކޯޓުން އިއްޔެ ބޭއްވި އަޑު އެހުމުގައި އެކޯޓުން ވަނީ އެ މައްސަލަ ހައްލު ކުރެވިދާނެ ގޮތުގެ ރޭވުމެއް ފަލަސްތީނުގެ އާއިލާތަކަށް ހުށަހަޅާފައެވެ.

އެ ރޭވުމުގައި ވަނީ، ޝައިހް ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ މީހުން ޔަހޫދީ ވަޒަންވެރިންގެ ޖަމިއްޔާއަކަށް ކުލި ދައްކާނަމަ އެމީހުން ގެތަކުން ނުނެރޭނެ ކަމަށް ބުނެފައެވެ. އަދި އެއީ ޔަހޫދީންނަށް ނިސްބަތްވާ ބިންތައް ކަމަށް ބަލައިގަންނަން ޖެހޭނެ ކަމަށް ބުނެފައެވެ.

ނަމަވެސް ފަލަސްތީނުގެ އާއިލާތަކުން ވަނީ އެފަދަ އެއްބަސްވުމެއް ހަދަން ދެކޮޅުހަދާފައެވެ. އަދި އެއީ އެމީހުންގެ ތަނެއްކަން ކޯޓުން ބަލައިގަންނަން ޖެހޭ ކަމަށް ބުނެފައެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގައި ފަހުން ގޮތެއް ނިންމާނެ ކަމަށް ބުނެ، އިއްޔެގެ އަޑު އެހުން ނިންމާލާފައެވެ. ނަމަވެސް ދެން އަޑު އެހުމެއް ބާއްވާނެ ދުވަހެއް ކޯޓުން ބުނެފައެއް ނުވެއެވެ.

ޝައިހް ޖައްރާހްގައި މިހާރު ދިރިއުޅެމުން ދަނީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމުން، އެބިން ދޫކޮށް ދާން ޖެހުނު ފަލަސްތީނުގެ ބައެއް އާއިލާތަކުގެ މެމްބަރުންނެވެ. އެ އާއިލާތަށް އެ ސަރަހައްދުގައި ވަޒަންވެރިވީ އިރުމަތީ ގުދުސް، އުރުދުންގެ ބާރުގެ ދަށުގައި އޮއްވައެވެ. އަދި އެ އާއިލާތަކަށް އޭރު ބިން މިލްކުވާ ގޮތަށް އޮތް ނަމަވެސް އެފަދަ އެއްބަސްވުމެއް ނެހެދެނީސް، 1967 ގައި އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތެވެ.

އޭގެ ފަހުން، ގުދުސްގައި ޔަހޫދީން ވަޒަންވެރި ކުރުމަށް ތާއިދު ކުރާ ޖަމިއްޔާތަކަކުން ވަނީ ޝައިހް ޖައްރާހު ނިސްބަތް ވަނީ ޔަހޫދީންނަށް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅާ، އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް ބޭރު ކުރުމަށް އެދިފައެވެ. އަދި މީގެ ކުރިން ބައެއް އާއިލާތައް އެމީހުންގެ ގެދޮރުން ނެރެފައިވެސްވެއެވެ.

ޝައިހް ޖައްރާހުގެ މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން ނުރުހުން ފާޅުކޮށް މުޒާހަރާތައް ބާއްވާފައިވެއެވެ. އެ މުޒާހަރާތައް ރޫޅާލުމަށް އިސްރާއީލްގެ ސަލާމަތީ ފައުޖުތަކުން ބާރުގެ ބޭނުން ކުރިއެވެ. އަދި އެ މައްސަލަ އިތުރަށް ގޯސްވީ އިސްރާއީލްގެ ފުލުހުން އަގްސާ މިސްކިތުގެ ތެރެއަށް ވަދެ، މުސްލިމުންނަށް އަނިޔާ ކުރުމުންނެވެ.

އޭގެ ފަހުން، އިސްރާއީލުގެ ފުލުހުން އަގްސާ މިސްކިތުން ފޭބުމަށް ގޮވާލާ ހަމާސްއިން ރޮކެޓު ހަމަލާތަކެއް ދިނެވެ. އަދި އޭގެ ރައްދުގައި ކަމަށް ބުނެ އިސްރާއީލުން 11 ދުވަސް ވަންދެން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 254 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނުނެވެ.

comment ކޮމެންޓް