މެލޭޝިއާގެ ޕާލިމެންޓު ކުރިމަތީގައި މެމްބަރުން މުޒާހަރާ ކުރަނީ

މެލޭޝިއާގެ ސަރުކާރާ ދެކޮޅަށް ޕާލިމެންޓުގެ ކުރިމަތީގައި މުޒާހަރާ ކުރަމުންދާ މެމްބަރުންގެ ތެރޭގައި އަންވަރު އިބްރާހިމް އާއި މަހާތިރު މުހައްމަދު ހިމެނޭ -- ފޮޓޯ: އޭއެފްޕީ

ކުއަލަލަމްޕޫރު (އޮގަސްޓު 2): މެލޭޝިއާގެ ޕާލިމެންޓު މެމްބަރުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

މެލޭޝިއާގައި ކޮވިޑް-19އިގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެގައުމުގައި މިދިޔަ ޖެނުއަރީ މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ޕާލިމެންޓު ބައްދަލުވުންތައް އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޕާލިމެންޓުގެ ހާއްސަ ސެޝަނެއް ވަނީ ފަށާފައެވެ.

އެ ސެޝަން މިއަދުވެސް ކުރިއަށްގެންދަން އޮތް ނަމަވެސް ޕާލިމެންޓުގެ 1،000 އަށް ވުރެ ގިނަ މުވައްޒަފުންނާއި މެމްބަރުންގެ ތެރެއިން 11 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

މެލޭޝިއާގެ އިދިކޮޅު މެމްބަރުން ވަނީ އެ ބައްދަލުވުން ކެންސަލް ކުރުމުން ނުރުހުން ފާޅުކޮށް، އެގައުމުގެ ކޮވިޑްގެ ކޭސްތައް އިތުރުވި ނަމަވެސް ގިނަ އަދަދެއްގެ ފެކްޓަރީތަކާއި އޮފީސްތައް ހުޅުވާފައިވާކަން ފާހަގަކޮށްފައެވެ.

އަދި ޕާލިމެންޓުގެ ޕޮޒިޓިވިޓީ ރޭޓު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ޕޮޒިޓިވިޓީ ރޭޓު ލިމިޓަށް ވުރެ ކުޑަކަމަށްވެސް ބުނެފައެވެ.

އެހެންކަމުން މެލޭޝިއާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް ދިގު މުއްދަތަކަށް ފިޔަވަޅު އަޅާފައި އޮތް ނަމަވެސް ބަލީގެ ކޭސްތަކާއި މަރުތައް އިތުރުވަމުން ދާތީ މުޒާހަރާ ކުރަމުންދާ މެމްބަރުންގެ ތެރޭގައި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އާއި ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ހިމެނެއެވެ.

އެމީހުން ދަނީ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީން އާއި ކެބިނެޓުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

އެ މުޒާހަރާގެ ތެރެއިން އަންވަރު ވިދާޅުވި ގޮތުގައި މުހިއްޔުއްދީންގެ ސަރުކާރަށް މިހާރު ޕާލިމެންޓުގެ ތާއިދެއް ނެތެވެ.

"އެމްޕީންގެ އަދަދަށް ބަލާ ނަމަ، މުހިއްޔުއްދީންގެ ސަރުކާރު ވެއްޓިއްޖެ އަަދި އަޅުގަނޑަށް މައުލޫމާތު ލިބޭ [ވެރިކަން ކުރާ] ޕެރިކަތަން ނެޝަނަލްއިން ވަކިވާން އިތުރު ޕާޓީތަކުން ހުށަހަޅާފައިވާކަން. ވީމާ އެ [ޕާޓީތަކުގެ]މެމްބަރުންނާއި މިތާ ތިބި 107 [މެމްބަރުން ގުނުމުން] ސަރުކާރު ވަނީ މިހާރުވެސް ވެއްޓިފަ،" އަންވަރު ވިދާޅުވިއެވެ.

މީގެ އިތުރުން މަހާތީރުގެ ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން ޕާލިމެންޓަރީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށާއި ރަސްގެފާނުގެ އަމުރަށް ގޮންޖަހާފައިވާ ކަމަށް ބުނެފައެވެ.

އެ މުޒާހަރާގެ ބައިވެރިން ޕާލިމެންޓު އިމާރާތާ ދިމާލަށް މިސްރާބު ޖެހި ނަމަވެސް ރަޔަޓު ފުލުހުން ވަނީ އެމީހުން ހުއްޓުވާފައެވެ.

މެލޭޝިއާގައި ކޮވިޑްގެ ކޭސްތައް އިތުރު ވަމުން ދިޔަ ނަމަވެސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ނުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފާއިތުވި މަސްތަކުގައި އިއުލާން ކުރި ހަ ކުއްލި އަމުރެއް ވަނީ އުވާލާފާއެވެ.

މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުގެ ރަސްގެފާނު އަބްދުﷲ އިއުލާން ކުރެއްވި އެ އަމުރުތައް ސަރުކާރުން އުވާލީ ރަސްގެފާނާ މަޝްވަރާ ނުކޮށެވެ.

އަދި ކުއްލި ހާލަތާ ބެހޭ ގޮތުން ޕާލިމެންޓުގައި ބަހުސް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ރަސްގެފާނަށް ދިން ނަމަވެސް އެފަދަ ބަހުސެއް ބާއްވާފައި ނުވާތީ ރަސްގެފާނު ވަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވާ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް