އިންޑިއާ ހައިކޮމިޝަން ކުރިމަތީ ޕާކު ނުކުރެވޭ ގޮތް ހަދައިދިނުމަށް އެދިއްޖެ

މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ހައިކޮމިޝަން ކުރިމައްޗަށް ވާގޮތަށް އޮންނަ ޕާކިން ޒޯން ހުސްކޮށްދޭން ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްގައި އެދިއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ވެލާނާގޭ ކުރިމައްޗަށް ވާގޮތަށް އަމީރު އަހްމަދު މަގުގައި ހިމެނޭ ޕާކިން ޒޯން ސަލާމަތީ ސަބަބު ތަކަށްޓަކައި ހުސް ކުރަން ބޭނުން ވެގެން ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ.

ރައްޔިޔުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރެރިސްޓް ހަމާލާއަށްފަހު، އެމަނިކުފާނުގެ ގެކޮޅު ހުންނަ ގ. ނީލޯފަރު މަގުގައިވެސް މިހާރު ވަނީ ޕާކު ކުރުން މަނާ ކޮށްފައެވެ.

ސަބަބަކީ ރައީސް ނަޝީދުގެ ހަށިކޮޅަށް ހަމަލާ ދޭން ބޭނުންކުރި ބޮން ހަރުކޮށްފައިވަނީ އެ މަގުގައި ޕާކު ކޮށްފައިހުރި ސައިކަލެއްގައި ކަމުގައި ވާތީ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައިވެސް ޕާކު ކުރުން މިހާރު ވަނީ މާލޭ ސިޓީ ކައުންސިލުން މަނާ ކޮށްފައެވެ.

comment ކޮމެންޓް