ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކޮށްފި

ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ވެކްސިން ޖެހުމުގެ ކަންކަން މިހާރު ކުރިއަށް ދާނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކުރިން ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ހިންގަމުން އައީ ހުޅުމާލޭގައި ހުރި ފްލޫ ކްލިނިކްގައެވެ. ނަމަވެސް މިހާރު ފްލޫ ކްލިނިކުވެސް ބަންދުކޮށް ވެކްސިން ޖެހުމުގެ ކަންކަންވެސް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މިކަމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު "ސަން" އަށް ވިދާޅުވީ ވެކްސިން ޖެހުމުގެ ކަންކަން ކުރަމުން އަންނަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް އެޕޮއިންޓުމަންޓު އުސޫލުން ކަމަށެވެ.

"މިހާރު ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ދަނީ ހަމަ. ބައެއް ބޭފުޅުންނަށް އަދި މި މައުލޫމާތު ރަނގަޅަށް އެނގިވަޑައިނުގަންނަވާތީ އެބަ ދުރުވޭ ފްލޫ ކްލިނިކަށް އެހެންވީމާ އަޅުގަނޑުމެން ވާނެ އިއުލާނެއްވެސް ބައިންދާފަ. އަދި އަޅުގަނޑުމެންގެ މުއައްޒަފެން ހުންނާނެ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ވެކްސިން ޖެހުމަށް ހޮސްޕިޓަލުން ބައެއް ވާނީ ކަނޑައަޅާފައިކަމަށެވެ. އެހެން ކަމުން ހޮސްޕިޓަލުގެ ތެރޭގައި ތިބި ބަލި މީހުންނާއި ވެކްސިން ޖަހާ މީހުން އެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އިންނާނީ ހޮސްޕިޓަލްގެ ބޭރުން ވަކި ތަނެއްގައި ވެކްސިން ޖެހޭގޮތަށް. ޕޭޝަންޓުންނާ އެއްނުކުރާނަން،" މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެކްސިން ނުޖަހާ ތިބި އެންމެންނަށް ދެ ޑޯޒު ވެކްސިން ފުރިހަމަކުރެވޭ މިންވަރަށް ރާއްޖެއަށް ވެކްސިން ގެނެސްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިނިވަންދުވަހު ވިދާޅުވެފައެވެ.

https://sun.mv/154870

އަދި މިއަދު އެމަނިކުފާނުވެސް ވަނީ ވެކްސިން ޖެހުމަށް އާންމުންގެ ކިބައިން އިލްތިމާސް ކުރައްވާފައެވެ.

comment ކޮމެންޓް