ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރެޔަށް ކުނބުރުދޫ ގެނައުމުން ބޮޑެތި ފައިދާތަކެއް ލިބޭނެ: މޭޔަރު

ކުޅުދުއްފުށި ސިޓީ. (ފޮޓޯ/އަބޫއިޝް)

ކުޅުއްދުފުށީ ސިޓީގެ އިހްތިސާސްގެ ތެރެޔަށް ހދ. ކުނބުރުދޫ ބަދަލުކުރެވިއްޖެނަމަ އެ ސިޓީގެ އިތުރުން އަތޮޅުގެ އެހެނިހެން ރަށްރަށަށްވެސް ފައިދާކުރާނެކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް "ސަން" އަށް ވިދާޅުވީ އެ ސިޓީގެ އިހްތިސާސްގެ ތެރެޔަށް ރަށެއް އިތުރުކުރުމަށް އެދިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައިކަމަށެވެ.

"ކުޅުދުއްފުށީ ސިޓީއަކީ މިހާރު ބިމުގެ ގޮތުން ވަރަށް ބޮޑަށް ދަތިވެފައި އޮތް ސިޓީއެއް. ހާއްސަކޮށް ސިނާއީ މަސައްކަތްތައް ކުރުމަށާއި އަދި ދަނޑުވެރިކަން ނުވަތަ ޓުއަރިޒަމްގެ ނަފާ ހޯދަން ބެލިކަމުގައި ވީނަމަވެސް ދެވޭނެ ބިމެއް ނެތް," އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނުން ކުރެ ކޮންމެވެސް އެއް ރަށެއް ކުޅުދުއްފުށި ސިޓީގެ އިހްތިސާސްގެ ތެރެޔަށް ލައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ދަންނަވާފައިވާކަމަށެވެ. އެކަމާ ގުޅޭ އިތުރު އަޕްޑޭޓެއް ލިބިފައިނުވިނަމަވެސް ކޭލަކުނު އެ ސިޓީގެ އިހްތިސާސްގެ ދަށަށް ގެންދިޔުމުގައި ދަތިތަކެއް ހުންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވިކަމަށް މޭޔަރު ވިދާޅުވިއެވެ.

"[ކޭލަކުނަކީ] ރާއްޖޭގެ އެންމެ ބޮޑު ޖަންގަލި އޮތް ރަށް. އަދި ހަމައެއާއެކު ތިމާވެށީގެ ގޮތުންވެސް ހިމާޔަތްކުރެވިފައިވާއިރު އެ ރަށުގައި އިތުރު ސިނާއީ މަސައްކަތްތަކެއް ކުރުން ވެގެންދާނީ ވަރަށް ދަތި ކަމަކަށް," މޭޔަރު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ދަށަށް ކުނބުރުދޫ ލައިފިނަމަ އެ ސިޓީގެ ބިމުގެ ދަތިކަން ހައްލުވެގެންދާނެކަމަށާއި އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ރަށުގެ އެއްބައި ތަރައްގީކުރުމަށް ވެސް ކައުންސިލުން ވިސްނާކަމަށާއި ޓުއަރިޒަމް ގެ މަސައްކަތްކުރުމަށްވެސް މި ރަށުގެ ބޭނުން ހިފިގެންދާނެކަމަ ވިދާޅުވިއެވެ.

"ކުނބުރުދޫވެސް އެ ރަށް މިހާރު އޮތްގޮތަށް ފަޅުކޮށް އޮވެގެން އަޅުގަނޑުމެން ނުދެކެން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވާނެކަމަކަށް," އާތިފް ވިދާޅުވިއެވެ.

ކުޅުއްދުއްފުށި ސިޓީއަކީ ގިނަ ކަންކަމުގައި އަތޮޅުގެ ރަށްތަކުން މީހުން ގޮސް އުޅޭ ރަށެެކެވެ. އަދި ގިނަ އަދަދަކަށް ވިޔަފާރިތަކާއި ސިނާއީ މަސައްކަތްތައްވެސް ހިންގަމުން އަންނަ ސިޓީއެކެވެ. މިހާރު އެ ސިޓީގެ އާބާދީގައި 9،000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

comment ކޮމެންޓް