''ސެކަންޑް ކްލާހެއް'' ގޮތުގައި ތިބި ރިސޯޓް މުވައްޒަފުންނަށް ހެޔޮ ބަދަލެއް!

ރިސޯޓްތަކުގެ މައި ލޭނާރުކަމުގައިވާ އެ ރިސޯޓްތަކުގެ މުވައްޒަފުންނެކޭ، އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނެކޭ އެއްވަރަކަށް ހިތްހަމަޖެހިލައިގެން ރިސޯޓުގައި ދިރިއުޅެން ފަހިކޮށްދޭ ކޮންސެޕްޓެއް ފަރި އައިލެންޑްސްއިން ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން ތައާރަފްކުރި އާ ކޮންސެޕްޓްއަކީ "ސެކަންޑް ކްލާސް" ބައެއްގެ ގޮތުގައި ރިސޯޓް މުވައްޒަފުން ތިބޭ ތިބުން ނިމުމަކަށް ގެނެސް، އެ މުވައްޒަފުންވެސް ރިސޯޓުގައި ހިތްހަމަޖެހިލައިގެން އުފަލާއެކު ދިރިއުޅުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ތައާރަފްކުރި ކޮންސެޕްޓެކެވެ. އެކަމަށްޓަކައި ފަރި އައިލެންޑްސްއިން ތައާރަފްކުރީ ފަރި ކެމްޕަސްގެ ނަމުގައި މުވައްޒަފުންނަށް ވަކިން ހާއްސަ ރަށެކެވެ.

މުވައްޒަފުންނަށް ވަކި ރަށެއް ހާއްސަކުރުން އެއީ މިހާރުވެސް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި އޮންނަ ކަމެކެވެ. އެކަމަކު މިއީ އެއް ރަށެއްގައި ހުރިހާކަމެއް ކުރާ ރިސޯޓްތަކަށް ކުރެވޭނެކަމެއް ނޫނެވެ. ގިނަ ރަށްތަކެއްގައި ހިންގާ ރިސޯޓަކަށް އެކަން ކުރެވިދާނެއެވެ. އެހެންނަމަވެސް ފަރި ކެމްޕަސް ތަފާތުވަނީ އެ ރަށުގައި މުވައްޒަފުން ދިރިއުޅޭ ގޮތާއި، ލިބެން ހުންނަ ގިނަ އަދަދެއްގެ ވަސީލަތްތަކުގެ ސަބަބުންނެވެ. އަދި އާބާދުވެފައިވާ ކުޑަ ވަރެއްގެ ރަށެއް ގޮތަށް ޑިޒައިން ކުރެވިފައިވާތީއެވެ.

ފަރި ކެމްޕަސް -- ފޮޓޯ/ފަރި އައިލެންޑްސް

ފަރި އައިލެންޑްސްގައި ހިމެނޭ ރިޓްޒް ކާލްޓަން އަދި ޕެޓީނާ ރިސޯޓް މިހާރު ވަނީ ހުޅުވާފައެވެ. ބާކީ އޮތީ ހަމައެކަނި ކަޕެއްލާ ރިސޯޓް ހުޅުވުމެވެ. އެކަމަކު މިހާރުވެސް ފަރި ކެމްޕަސްގައި ދަނީ 750 އަށް ވުރެ ގިނަ މުވައްޒަފުން ދިރިއުޅެމުންނެވެ.

ފަރި ކެމްޕަސްގައި މުވައްޒަފުން ދިރިއުޅެން ފަސް ސަރަހައްދެއްގައި ތިން ބުރީގެ 20 އިމާރާތް ގާއިމު ކުރެވިފައިވާއިރު ކޮންމެ ސަރަހެއްދެއްގައިވެސް މުވައްޒަފުން ހަމަޖެހިލައިގެން އެކަނި ނުވަތަ މަދު ބަޔަކާއެކު ވަގުތު ހޭދަކޮށްލަން ކޯޓް ޔާޑުތަކެއް ހަދާފައިވެއެވެ. އޭގެ އިތުރުންވެސް މޫދު ސަރަހައްދުގައި ދުވާ ޓްރެކަކާއި އެކި ކުޅިވަރު ކުޅޭ ދަނޑުތަކާއި ކްލިނިކެއްގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ގާއިމުކޮށްފައިވެއެވެ.

މީހުން ދިރިއުޅޭ ކުޑަ ވަރެއްގެ ރަށެކޭ ފަރި ކެމްޕަސް އެކޭ މާ ބޮޑު ތަފާތެއް ނެތްކަން ފަރި އައިލެންޑް މަޝްރޫއު ޑިޒައިން ކުރި ސިންގަޕޫރުގެ ޔޫއާރުބީއެންއާކްގެ ޑިޒައިން ޑިރެކްޓަރު ގައުރެންގް ކެމްކާ ދުނިޔޭގެ އެންމެ ނަން މަޝްހޫރު އެއް މަޖައްލާކަމުގައިވާ ބިޒްނަސް އިންސައިޑާއަށް ދިން މައުލޫމާތުތަކުން އެނގެއެވެ.

ފަރި ކެމްޕަސްއަކީ 12 ހެކްޓަރުގެ ބިމުގެ ސަރަހައްދެކެވެ. ގައުރެންގް ކިޔައިދިން ގޮތުގައި އެތަނަކީ ޕްރައިވެސީއާއެކު ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ތަނެކެވެ. އަދި ބާސްކެޓް ކޯޓުތަކާއި، ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓުބޯޅަ ދަނޑުވެސް އެތަނުގައި ގާއިމުކޮށްފައިވެއެވެ.

ފަރި ކެމްޕަސްގެ މެސްރޫމްވެސް ފަރުމާކޮށްފައިވަނީ އާދައިގެ ކެންޓީނެއް ގޮތަކަށް ނޫންކަމަށް ގައުރެންގް ބުންޏެވެ. ޖުމްލަ 450 އެއްހާ މުވައްޒަފުންނަށް އެއްފަހަރާ ބޭނުންކުރެވޭނެ އެ ކެންޓީން ޑިޒައިންކޮށްފައިވަނީވެސް ރެސްޓޯރެންޓް ސްޓައިލަށް ޕްރައިވެސީ ލިބޭނެ ގޮތަށެވެ. އަދި މުވައްޒަފުންނަށް ވަކިން ހާއްސަ ބީޗު ސަރަހައްދެއްވެސް އެތަނުގައި އޮވެއެވެ.

"ނަފްސާނީ ގޮތުންވެސް ތަންކޮޅެއް ފަސޭހަކަމާއެކު އުޅެ، އަމިއްލަ ކުދި ކުދި މުޖުތަމައުތައް މުވައްޒަފުންގެ މެދުގައި އުފެދިގެންދާނެ. މިއީ ހަމަ ގެދޮރު އެޅުމުގެ މަޝްރޫއެއް ރޭވުންކަހަލަ ކަމެއް، މައިގަނޑު ވިސްނުމަކީ ކުދި ކުދި ކޮމިއުނިޓީތައް އުފެއްދުން ކޯޓްޔާޑްތަކާއި ޖާގަތަކުގެ ބޭނުން ހިފައިގެން،" ގައުރެންގް ބުންޏެވެ.

ގައުރެންގް ބުނި ގޮތުގައި ބައެއް ރިސޯޓްތަކުގައި ކަން އޮންނަ ގޮތުންނަމަ، އެއް ރަށެއްގައި ފަތުރުވެރިންނަށާއި ރިސޯޓް މުވައްޒަފުންނަށް ބޭނުންވާ ހިދުމަތްތައް ގާއިމު ކުރާއިރު ގިނަފަހަރަށް އިސްކަން ދެވެނީ ފަތުރުވެރިންނަށެވެ. އެހިސާބުން މުވައްޒަފުން ތިބެނީ "ސެކަންޑް ކްލާސް" ބަޔަކަށް ވެފައެވެ.

"މުވައްޒަފުން ތިބޭނީ ރަށުގެ އެންމެ މެދުގަ އޮންނަ ކުޑަ ޖާގައިގަ ބައިތިއްބާފަ، އެއީ އެންމެ ބޭނުން ނުވާ ސަރަހައްދު، އެތާގަ ފޮރުވަންޖެހޭ އެއްޗެއް ގޮތަށް އެމީހުން ބައިތިއްބާފަ ތިބެނީ،" ގައުރެންގް ބުންޏެވެ.

ގިނަފަހަރަށް އާއިލާއަށް ގުޅާލަން އެކަހެރިވެލާނެ ޖާގައެއްވެސް އެ މުވައްޒަފުންނަށް ނުލިބޭކަމަށް ގައުރަންގް ބުންޏެވެ. އެހެންނަމަވެސް އޭނާގެ ޔޫއާރުބީއެންއާކް ކުންފުނީގެ ކޮންސެޕްޓްގެ އަމާޒަކީ އެފަދަ ދަތިތައް މުވައްޒަފުންނަށް ހައްލުކޮށްދީ ދިރިއުޅެން ރަނގަޅު އެކަށީގެންވާ މާހައުލެއް ބިނާކުރުންކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ރިސޯޓްތަކަކީ އެތަނަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެއަށްވުރެ ވަކި ފުރިހަމަ އެހެން ތަނެއް ނުފެންނަ ފެންވަރުގެ ތަންތަނެވެ. އެހެންނަމަވެސް ގިނަ ފަހަރަށް ރިސޯޓްތަކުގެ މުވައްޒަފުންނަށް ކަންކަން ކުރަނީ އެހެން ގިންތިއެއްގެ ބައެއްގެ ގޮތުގައިކަމަށް ކަޕެއްލާ ރިސޯޓްސްގެ ސީއީއޯ ނިކޮލަސް ކްލޭޓަންވެސް ބިޒްނަސް އިންސައިޑާއަށް ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ގިނަ ފަހަރަށް މުވައްޒަފުން ދިރިއުޅޭ ތަންތަނަކީ ރިސޯޓްތަކުގައި ފޮރުވަން ޖެހިފައިވާ ތަންތަނުގެ ގޮތުގައި ދެކެވޭ ތަންތަނެވެ. އަދި ބައެއް ހާލަތްތަކުގައި އެހެން ކަންކުރަނީ ޖާގައިގެ ދަތިކަމުންކަމަށް އޭނާ ބުންޏެވެ.

"އެއީ ވަރަށް ގޯސް މެސެޖެއް އެ ދެވެނީ ވަރަށް ނުބައިކޮށް،" ނިކޮލަސް އޭނާ ރާއްޖޭގައި ކޮށްފައި ހުރި ތަޖުރިބާގެ އަލީގައި ބުންޏެވެ.

އެހެން ރިސޯޓްތަކާ ހިލާފަށް ފަރި ކެމްޕަސް އަކީ "ބްލޭންކް ކެންވަސް" އެއްގެ ގޮތުގައި ކްލޭޓަން ސިފަކުރިއެވެ. އަދި މުޅިން އާ ތަނެއްކަމުގައިވުމުން، އެތަނުގައި ވަރަށް ފުރިހަމަ ރަށެއް ތަރައްގީކުރުމުގެ ފުރުސަތު ފަހިވެގެންދިޔަކަމަށް ކްލޭޓަން ބުންޏެވެ. ނަތީޖާއަކަށް ވެގެންދިޔައީ މުވައްޒަފުން އުފަލުގައި ދިރިއުޅެވޭނެ ފަދަ ތަނެއް ގާއިމުކުރެވިގެންދިޔުންކަމަށް އޭނާ ބުންޏެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގެ ރިސޯޓްތަކަކީ ދުނިޔޭގެ ރިސޯޓްތަކުގެ ނަމޫނާއެކެވެ. ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ދަތިތަކެއް ހުރިކަމުގައި ވިޔަސް ގިނަ ރިސޯޓްތަކަކީ ވާލްޑް ކްލާސް ފެންވަރުގައި ގާއިމުކުރެވިފައިވާ ރިސޯޓްތަކެކެވެ.

އެފަދަ ރިސޯޓްތަކުގައި މުވައްޒަފުންނަށްވެސް އެދެވޭ ގިނަ ވަސީލަތްތަކެއް ގާއިމުވެކޮށްފައިވެއެވެ. އެގޮތުން ސްޓާފް ސްވިމިންގް ޕޫލްތަކާއި ސްޓާފުންނަށް ހާއްސަ ރެސްޓޯރަންޓް ގެ އިތުރުން ސްޓާފުންނަށް ހާއްސަ ކުޅިވަރު ކޮމްޕްލެކްސްތައްވެސް ގިނަ ރިސޯޓްތަކުގައި މިހާރު ގާއިމު ކުރެވިފައިވެއެވެ.

ފަރި ކެމްޕަސް. -- ފޮޓޯ/ ޕޮންޓިއެކް

ފަރި އައިލެންޑްސްއަކީ ޕޮންޓިއެކް ލޭންޑް ގުރޫޕުން ތަރައްގީކުރާ ތަނެކެވެ. އެތަން އެއްކޮށް ނިމި، ހުރިހާ ރިސޯޓެއް ހުޅުވުމުން ޖުމްލަ 1،200 އެއްހާ މުވައްޒަފުން ފަރި ކެމްޕަސްގައި ދިރިއުޅެމުންދާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

ޕޮންޓިއެކްގެ އަމާޒަކީ ފަރި ކެމްޕަސްގައި ދިރިއުޅޭ މުވައްޒަފުންގެ މެދުގައި އާންމު މުޖުތަމައުއެއްގައި ދިރިއުޅެވޭކަމުގެ އިހުސާސް ގެނުވައިދިނުމެވެ. މަސައްކަތްކުރާ މުވައްޒަފުންވެސް އެތަނުގައި ހިތްހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނެކަން ޔަގީންކޮށްދިނުމެވެ.

ފަރި އައިލެންޑްސްއަކީ ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއްގެ މައްޗަށް އެކުލެވޭ މަޝްރޫއެކެވެ. މާލެ ސަރަހައްދު ކައިރިން ހުޅުވާ ދެވަނަ އިންޓެގްރޭޓަޑް ރިސޯޓްގެ ގޮތުގައި ފަރި އައިލެންޑްސްގެ ހުރިހާ ރިސޯޓެއް ހުޅުވާ ނިމޭނީ އަންނަ އަހަރުއެވެ. އެހާ ހިސާބުން ރާއްޖޭގައި ރިސޯޓް މުވައްޒަފުންވެސް ދިރިއުޅެމުންދާ "ސެކަންޑް ކްލާސް" ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމުގެ ލާމަސީލު މިސާލެއް ފުރިހަމަކަމާއެކު ފެނިގެން ހިނގައިދާނެއެވެ.

comment ކޮމެންޓް