ފަޚުރުވެރި މުސްލިމް އަންހެން ދަރިއެއްގެ ހަނދާނުގައި

ޕްރޮފެސަރ ޑރ. ހިންދު ޝަލަބީ --

އިސްލާމީ ޤައުމުތަކަށް މިއަދު ކުރިމަތި ވެފައި ވާ އެންމެ ނުރައްކައުތެރި އެއް ޗެލެންޖަކީ، މުސްލިމުންގެ ތެރެއިން އިސްލާމް ދީނާ ދެކޮޅު އަދި ޢަލްމާނީ ފިކުރުތަކަށް ތާއީދު ކުރާ ސިޔާސީންގެ މައްސަލައެވެ. މުސްލިމު ޤައުމުތަކުގައި އެ ފިކުރުތައް ކޮންމެ ގޮތަކުން ވިޔަސް ފަތުރައި ތަންފީޒު ކުރުމަށް މަސައްކަތް ކުރާ "ލީޑަރުން" ގެ މައްސަލައެވެ. ފާއިތު ވެދިޔަ ސަތޭކަ ވަރަކަށް އަހަރުގެ ތެރޭގައި، ގާތްގަނޑަކަށް ކޮންމެ މުސްލިމު ޤައުމަކުން ވެސް މިފަދަ "ލީޑަރުން" ވަނީ ފެނިފައެވެ. ވަރަށް ގިނަ މުސްލިމު ޤައުމުތަކުގައި، މުސްލިމު ރައްޔިތުން ވަނީ އެފަދަ "ލީޑަރުން" ގެ ޙީލަތްތެރި ޕްރޮޕެގެންޑާތަކަށް ހެއްލިފައި ވެސް މެއެވެ. އެމީހުންގެ ޕްރޮޕެގެންޑާ އަކީ، ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމާއި، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމާއި، އަނިޔާވެރި ވެރީންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރުމާއި، އިސްލާމީ މުޖުތަމަޢުތައް ޒަމާނާ އެއްގޮތަށް ކުރިއެރުވުން ފަދަ ހެޔޮ ޝިޢާރުތަކުގެ މައްޗަށް ބިނާ ކުރެވޭ، އެކަމަކު އެއްވެސް އިޚްލާޞްތެރިކަމެއް ނެތް މަކަރުވެރި ޕްރޮޕެގެންޑާއެކެވެ. މުސްލިމުންނާއި އިސްލާމް ދީނުގެ ޢިލްމީ އަދި ފިކުރީ ތުރާސާ ވަރަށް ބޮޑަށް ގުޅުން ކެނޑިފައި ވާ މިއަދުގެ ދުނިޔޭގައި، ހެއިލުންތެރިކަން ކުޑަ މުސްލިމުން މިފަދަ ޕްރޮޕެގެންޑާތަކަށް ހެއްލިގެން ދަނީ ކުޑަ ކުއްޖަކު ލޮލީ ޕޮޕަކުން ލޮއްސައިލެވޭހައި ފަސޭހައިންނެވެ.

މި ދެންނެވި ހިތާމަވެރި ހަގީގަތް މިހެން އޮތް އިރު، އިސްލާމީ އުއްމަތް ސަލާމަތުގެ އައްސޭރިއަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ދަރީންނަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ދީނާ ދެކޮޅު ނުވަތަ ދީނާ ބީރައްޓެހި ސިޔާސީންނާއި ލީޑަރުން އަދި އެމީހުން އުފައްދައި ޤާއިމު ކުރާ ދީނާ ދުރު ވެރިކަންތަކުގެ ޖައްބާރީ ބާރުގެ ކުރިމަތީގައި ހިތްވަރާއި ޝަޚްޞިއްޔަތު ދައްކާ މުސްލިމް ދަރީންނެވެ. މިފަދަ އެތައް ދަރީންނެއް، ދީނާ ދެކޮޅު މީހުންގެ ބާރުވެރިކަން ފެތުރިގެން ދިޔަ އިސްލާމީ ޤައުމުތަކުން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ، ތޫނިސް ނުވަތަ ޓިޔުނީޝިޔާގެ މަޝްހޫރު ޢަލްމާނީ ލީޑަރު ޙަބީބް ބޫރްޤީބާގެ ޢަލްމާނިއްޔަތުގެ ކުރިމަތީގައި ހިތްވަރާއި ޢަޒުމުގެ މުޖައްސިމާއެއްގެ ގޮތުގައި ހުއްޓިވަޑައިގެންނެވި ޑރ. ހިންދު އައްޝަލަބީއެވެ. އެކަމަނާ ވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު، ކޯވިޑު-19 ގެ އާލާސްކަންފުޅުގައި އަވަހާރަ ވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުފުޅު ކުރައްވައިފައެވެ. ކީރިތިވަންތަ ﷲ އެކަމަނާގެ ފުރާނަފުޅަށް ރަޙުމަތް ލައްވަވައި، ޖަންނަތުލް ފިރްދައުސުގެ މަތިވެރި މަޤާމުގައި ލައްވަވާށިއެވެ. އަދި އެކަމަނާ އަކީ މި އަނދިރި ދުވަސްތަކުގައި، އިސްލާމީ އުއްމަތުގެ ހުރިހައި ކަންކޮޅެއްގައި ޢަލްމާނިއްޔަތާ ދެކޮޅަށް އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ނޫރުގެ ވަސީލަތުން ޖިހާދު ކުރަމުން ގެންދާ އެންމެހައި މުޖާހިދުންނަށް ޓަކައި އުއްމީދާއި ހިތްވަރުގެ އަލިކަން ފޯރު ކޮށްދޭ ބައްތިއެއް ކަމުގައި ލައްވަވާށިއެވެ.

ހިންދުގެ ބައްޕާފުޅު ޝައިޚް އަޙްމަދު ޝަލަބީ އަކީ އިސްލާމީ ތާރީޚުގައި އެންމެ ނަން މަޝްހޫރު ޢިލްމީ އެއް މުއައްސަސާ ކަމަށް ވެގެން ދިޔަ ތޫނިސްގެ ޖާމިޢުއް ޒައިތޫނާގައި ކިޔަވައިދެއްވި އުސްތާޛެކެވެ. ހިންދުގެ ވެސް ތުއްޕުޅު އިރުއްސުރެ އަވަހާރަ ވުމާ ހަމަޔަށް، އެކަމަނާގެ ޙަޔާތްޕުޅުގެ އެންމެ މުހިއްމު އެއް ބަޔަކަށް ވެފައި އޮތް ތަނަކީ ޖާމިޢުއް ޒައިތޫނާއެވެ. ޒައިތޫނާގެ އުސްތާޛުންގެ އަރިޔަހުން ކިޔަވައިވިދާޅުވި ހިންދު، ވަރަށް ޅަ ޢުމުރުފުޅުގައި ކީރިތި ޤުރްއާން ހިތުދަސް ކުރެއްވިއެވެ. އެއަށްފަހު، ޒައިތޫނާގައި ތޫނިސްގެ އެންމެ ފުންނާބު އުސް ދީނީ ޢިލްމުވެރީންގެ އަރިޔަހުން ދީނީ ޢިލްމު ޙާޞިލު ކުރެއްވިއެވެ. ޢަޤީދާގެ ރޮނގުން އެކަމަނާ ފުރަތަމަ ޑިގުރީ ޙާޞިލު ކުރެއްވީ 1968 ގައެވެ. އެއަށްފަހު، މާސްޓަރޒް ޑިގްރީ އާއި، ޕީއެޗްޑީ ވެސް ޙާޞިލު ކުރެއްވުމަށް ފަހު، 1981 ވަނަ އަހަރު އެކަމަނާ ޒައިތޫނާގައި ޤުރްއާނުގެ ޢިލްމު ކިޔަވައިދެއްވާ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވިއެވެ. ވަޒީފާއިން މުސްކުޅި ކުރެއްވުމާ ހަމަޔަށް އުޅުއްވީ އެ ވަޒީފާގައެވެ.

ޕްރޮފެސަރ ޑރ. ހިންދު ޝަލަބީ ވަނީ ޤުރްއާނުގެ ޢިލްމުގައި އެތައް ފޮތްތަކެއް ވެސް ޢަރަބި ބަހުން ތަޞްނީފު ކުރައްވައިފައެވެ. އެކަމަނާގެ ކޮންމެ ފޮތަކީ، ތޫނިސްގެ ޢިލްމީ މުޖުތަމަޢުގައި ގަދަރާއި އިހުތިރާމު ލިބިގެން ވާ، މުޢުތަބަރު ފޮތެކެވެ. އެކަމަނާ އިސްލާމީ ޢިލްމުތަކުގެ ފަސް ފޮތެއް ލިޔުއްވިއެވެ.

1975 ވަނަ އަހަރު، ބައިނަލްއަގުވާމީ އަންހެނުންގެ އަހަރު ފާހަގަ ކުރުމުގެ ގޮތުން ތޫނިސްގައި ބޭއްވުނު ރަސްމީ ޖަލްސާއެއްގައި ހިންދު ވާހަކަފުޅު ދެއްކެވިއެވެ. އެ ޖަލްސާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި އިންނެވީ ތޫނިސްގެ ޢަލްމާނީ ލީޑަރު ޙަބީބް ބޫރްޤީބާއެވެ. ޖަލްސާގައި ހިންދު ވާހަކަފުޅު ދެއްކެވީ "އިސްލާމް ދީނުގައި އަންހެނުންގެ މަޤާމު" މި މައުޟޫޢަށެވެ. މި މައުޟޫޢުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ، ބޫރްޤީބާގެ ދީނާ ދެކޮޅު ސިޔާސަތުތަކުގެ ދަށުން ތޫނިސްގައި ތަޢާރަފު ކުރެވިފައި އޮތް ޢާއިލީ ޤާނޫނުގައި އިސްލާމީ ޝަރީޢަތާ ޚިލާފަށް އަދި ހުޅަނގުގެ އުޞޫލުތަކާ އެއްގޮތަށް ހިމަނައިފައި ހުރި ހަމަތަކަށް ޞަރީޙަކޮށް ފާޑު ވިދާޅުވެ، ދީނާ ދެކޮޅު ޙަރަކާތަށް ޗެލެންޖު ކުރައްވައިފައެވެ. ބޫރްޤީބާ އާއި އޭނާގެ ޢަލްމާނީ ސަރުކާރުގެ އިސް ވެރީންގެ ކުރިފުޅުމަތީގައެވެ. ބޫރްޤީބާ އާއި އޭނާގެ އެކުވެރީން ތޫނިސް އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތާ ދުރަށް ގެންދިޔުމަށް ކުރައްވަމުން ގެންދެވި މަސައްކަތަށް އެކަމަނާ ވަނީ އެއްވެސް ޖެހިލުން ވެވަޑައިގަތުމެއް ނެތި، ބޫރްޤީބާ އާއި މުޅި ޤައުމުގެ ކުރިމަތީގައި ފާޑު ވިދާޅުވެފައެވެ. މި ކަމާ އިސް ވި ކޯފާގައި، ޖަލްސާގެ ތެރޭގައި ހިންދުގެ ސަލާމަށް ޖަވާބު ދެއްވުމަށް ވެސް ބޫރްޤީބާ އިންކާރު ކުރެއްވިއެވެ.

ހިންދު ފަދަ އެތައް މުސްލިމް ދަރީންނެއްގެ މަސައްކަތާ އެކުގައި ވެސް، ބޫރްޤީބާ އާއި އޭނާގެ ލާދީނީ "ސުޕަރމެޖޯރިޓީ" ގެންދިޔައީ ތޫނިސް އިން އިސްލާމް ދީން ނެއްތައިލުމުގެ ޕްރޮގްރާމު ތަންފީޒު ކުރަމުންނެވެ. އެގޮތުން، ޑރ. ހިންދު ޒައިތޫނާ ޔުނިވަރުސިޓީގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާން ފެއްޓެވި އަހަރު – 1981 ގައި – ބޫރްޤީބާ ނެރުއްވި ރިޔާސީ އަމުރެއްގެ ވަސީލަތުން، ތޫނިސްގެ ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ އެއިން ތަނެއްގެ ގޯތި ތެރޭގައި ބުރުގާ އެޅުން މަނާ ކުރެއްވިއެވެ. މިކަމާ ގުޅިގެން، ހިންދު ހެއްދެވި ގޮތަކީ، ތޫނިސްގެ ސަގާފީ ހެދުމެއް ކަމަށް ވާ "ސަފްސަރީ" ތުރު ކުރައްވާން ފެއްޓެވީއެވެ. އެއީ ބުރުގާއެއް ނުހިމެނޭ، އެކަމަކު އެ ހެދުމުގެ ފަރުމާގެ ސަބަބުން ބޮލުން ފެށިގެން ފަޔާ ހަމަޔަށް، މޫނާއި ދެ އަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާ ކުރެވޭ ހެދުމެކެވެ.

އިސް ވެ ދެންނެވި ފަދައިން، ޕްރޮފެސަރ ޑރ. ހިންދު ޝަލަބީ ވަނީ މި ދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުފުޅު ކުރައްވައިފައެވެ. ކޯވިޑް-19 ގެ އާލާސްކަންފުޅުގައެވެ. ފައިސާވެރީންނާއި، ޑިމެގޯގިކް ސިޔާސީ "ލީޑަރުން" ނާއި، ސެލެބްރިޓީންނަށް އަޅުކަން ކުރެވޭ މި ޒަމާނުގައި، ހިންދު ޝަލަބީ ފަދަ ބޭފުޅުން ވެފައި ވަނީ ޣަރީބުންނަށެވެ. އެހެންކަމުން، ދިވެހިރާއްޖެ ފަދަ އެތައް އިސްލާމީ ޤައުމެއްގައި ވެސް އެކަމަނާ އަވަހާރަ ވި ޚަބަރެއް ވެސް އެއްވެސް ނޫހަކުން ނުފެނުނެވެ. ނަމަވެސް މިފަދަ މުސްލިމް ދަރީންގެ ޒިކުރާތައް ހެޔޮކަމުގެ މާލަންތަކުގައި ދެމިހުންނާނެއެވެ. މާތްﷲ އެކަމަނާގެ ފުރާނަފުޅަށް އެންމެ މަތިވެރި ރަޙުމަތްޕުޅާއި ނިޢުމަތުން މިންވަރު ކުރައްވާށިއެވެ. އަދި އެކަމަނާ އަކީ ދީނާ ދެކޮޅު ޙަރަކާތްތަކުން މުސްލިމް އުއްމަތް ސަލާމަތް ކުރުމުގެ މަގުގައި އަމިއްލަ ފުރާނަތައް އަތްމައްޗަށް ލައިގެން މަސައްކަތް ކުރާ ތެދުވެރި މުސްލިމުންނަށް ހިތްވަރެއް އަދި އުއްމީދީ އަލިކަމެއް ކަމުގައި ލައްވަވާށިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް