ހައެއް މޭ ހަމަލާގެ ބައިވެރިންނާ އައިސިސް އާ ގުޅުމެއް ނެތް: ފުލުހުން

މޭ 6، 2021: ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގޭކައިރީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިޒަމް ހަމަލާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކުރި މީހުންނާއި އައިސިސް އާ އެއްވެސް ގުޅުމެއް ނެތްކަމަށް ފުލުހުން ބުނެފިއެވެ.

މި ހަމަލާގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް ހިންގުނު ތަހުގީގުން އައިސިސް އާ އެމީހުންނާއި ގުޅުމެއް އޮތްކަން އެނގޭކަށް ނެތްކަމަށެވެ.

"އަޅުގަނޑުމެންގެ ތަހުގީގަށް ހޯދުނު ހޯދުންތަކަށް ބަލާއިރު އެމީހުންނަކީ އެމީހުންގެ ވިސްނުމުގައި އައިސިިސްގެ ހިލާފަތު ގަބޫލްކޮށްގެން އެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތްކުރާ ބައެއްކަން އެބަ އިނގޭ. އަދި އެމީހުން ދައްކަން ބޭނުންވަނީވެސް އެމީހުންނަކީ އައިސިސްއަށް މަދަދުވެރިވާ ބައެއްގެ ގޮތުގައި." ރިޔާޒް ވިދާޅުވިއެވެ.

އެހެންނަމަވެސް ސީދާ ގޮތުން އައިސިސް އަދި ރާއްޖެއިން ބޭރުގެ އެއްވެސް ޖަމާއަތެއްގެ ވަކި ސެލްއެއްގެ ގޮތުގައި މިކަން ކުރުމަށް ޑައިރެކްޝަނެއް އެމީހުންނަށް ދީފައިވާކަމަށް ގަބޫލްކުރެވޭ ހަރުދަނާ ސަބަބެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އައިސިސް ފިކުރަށް ތާއީދުކުރާ ކަމުގެ ބައެއް ތަކެތި ހަމަލާގެ ބައިވެރިން އަތުން ފެނުނު ނަމަވެސް އެ ޖަމާއަތުގެ ދަށުން މަސައްކަތްކުރާ ބައެއްކަން އެނގެން ނެތްކަމަށެވެ.

މޭ ހައެއް ހަމަލާގެ ބައިވެރިންނަކީ އައިސިސް އާ ގުޅުން ހުރި ބަޔަކަށް ނުވާކަމަށް ފުލުހުން ބުނެފައިވާއިރު ރައީސް މުހައްމަދު ނަޝީދު ވަނީ ހަމަލާގެ ބައިވެރިންނަކީ އައިސިސްއަށް ނިސްބަތްވާ ބައެއްކަމުގެ ތުހުމަތުކުރައްވާފައެވެ.

comment ކޮމެންޓް