ރައީސް ސޯލިހަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުން ބަބުޅާލި ހުޝިޔާރު ލީޑަރެއް: ރޮޒައިނާ

ރައީސް ސޯލިހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު، ރޮޒައިނާގެ އިތުރުން އެހެން ބައެއް މެމްބަރުންނާއެކު މަޖިލީހަށް ވަޑައިގަންނަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގައި މި އޮތް ހަލަބޮލި ސިޔާސީ މަސްރަހުން ބަބުޅާލި ވަރަށް ހަރުދަނާ އަދި އެހާމެ ހުޝިޔާރު ލީޑަރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

"ސަން" އާ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އަމިއްލަ ޕާޓީ ތެރެއިން ފާޅުގައި ބަޔަކު ނުކުމެ ސީދާ ގޮތުންނާއި ނުސީދާ ގޮތުން، ތަފާތު ދުއްތުރާތައް ކުރަމުން އަންނަ އިރުގައިވެސް ރައީސް ސޯލިހު ގެންދަވަނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމުގެ ރިވެތި މިސާލުން މުޅި ދުނިޔެއަށް މިސާލު ދައްކަވަމުން ކަމުގައެވެ.

ރޮރައިނާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުން އުދަވި ހުރިހާ ތަރިންނާއިއެކު މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވި ކަމަށާއި އެހެނަސް އޭގެ ތެރެއިން އެންމެ ހަރުދަނާ، އެންމެ ހިކުމަތްތެރި ލީޑަރެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ރައީސް ސޯލިހު ކަމުގައެވެ.

"އެމަނިކުފާނު ދައްކަވާނީ ރަނގަޅު ހަރުދަނާ ވާހަކަފުޅު. ކޮސް ވާހަކަތަކެއް ނުދައްކަވާ. ވަރަށް ވިސްނަވާފަ ނޫނީ އެއްޗެއް ވިދާޅެއް ނުވާނެ. ވަރަށް ރިއަލިސްޓިކްކޮށް މަސައްކަތް ކުރައްވާ ބޭފުޅެއް. މީހުންނާ ގުޅިގެން މަސައްކަތް ކުރައްވަން އެނގޭ ކެތްތެރި މުރާލި ބޭފުޅެއް. ކޮންމެ ކަމެއްގައިވެސް އިސް ކުރައްވާނީ މަޝްވަރާގެ ރިވެތި އުސޫލު،" ރޮޒައިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ޓެރެރިސްޓް ހަމަލާގެ އެންމެ އަޑީގައި ތިބި ފަރާތްތައް ހޯދުމަށް ކުރެވޭ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ނުދޭ ކަމުގައި ވިދާޅުވެ މެމްބަރުން ދައްކަވާ ވާހަކަތައް ރޮޒައިނާ ވަނީ ދޮގު ކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ތަހުގީގަށް، ސަރުކާރުގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އޭގެ އެންމެ މަތީ ދަރަޖައިގަ ލިބެމުން އަންނަ ކަމުގައި 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ކަމުގައެވެ.

"ކަންކަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން އެ ގެންދަވަނީ. ޚުދު ރައީސް ނަޝީދަށްވެސް އެކަން އެނގޭނެ. އަސްލަމްވެސް ވިދާޅުވި ހުރިހާ ކަމެއްވެސް ބަރާބަރަށް ކުރިއަށްދާ ކަމަށް. އެއްވެސް މައްސަލައެއް ނެތޭ. އެއްވެސް އެއްޗެއް ފޮރުވާކަށް އެއްވެސް މީހަކު މަސައްކަތެއް ނުކުރެޔޭ. އެބޭފުޅުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބިއްޖޭ. ދެން ކީކޭތޯ މި ކިޔަނީ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ އާދަމް ވިދާޅުވީ މުޅި ދުނިޔޭގެ އިގްތިސޯދު ވަޅުގަނޑެއްގެ ތުންފަތްމަތީގައި އޮތް މިފަދަ ދުވަސް ވަރެއްގައިވެސް ރައީސް ސޯލިހު އަވަދިނެތި އެ އުޅުއްވަނީ ހާލަތު ތަންދިން އެންމެ މަތީ ދަރަޖަ އަކަށް އިގުތިސޯދީ ހަރަކާތް ހިންގަވާ، އެމަނިކުފާގެ ވައުދުފުޅުތައް ފުއްދެވުމުގެ މަސައްކަތުގައި ކަމުގައެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް ނިސްބަތްވާ 65 މެމްބަރުން މަޖިލީހުގައި ތިއްބަވައިގެން ދޭން ޖެހޭ އެއްބާރުލުން ދޭ ތަނެއް ނުފެންނަ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހަކީ އަމިއްލަ މަސްލަހަތާއި މަންފާގެ މައްޗަށް ގައުމާއި ރައްޔިތުން އިސްކުރައްވައިގެން މަސައްކަތް ކުރައްވާ ވަރަށް ނަޒާހަތްތެރި ބޭފުޅެއް ކަމުގައެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އިތުރަށް ޕާޓީ ތެރެއިން އެކިއެކި ގޯނާ ކުރަމުން އަންނައިރުވެސް ކެތްތެރި ކަމާއިއެކު ކުރިއަށް ވަޑައިގަންނަވާތީ ރައީސް ސޯލިހަށް ރައްޔިތުންގެ ހިތުގައި ދެވިފައި އޮތް އިތުބާރު ބޮޑުވެ، މަގުބޫލުކަން އިތުރުވަމުން އަންނަ ކަމުގައިއެވެ.

comment ކޮމެންޓް