ބިދޭސީ މީހާގެ އަމަލުތަކުގައި ގޯސް ނިޔަތެއް ނެތް: އިސްލާމިކް މިނިސްޓަރު

އޮކްޓޫބާރ 1، 2020: ހުކުރު މިސްކިތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުރާސްފަތި ދުވަހު މާލޭގެ ހުކުރު މިސްކިތް ތެރޭގައި ބިދޭސީ މީހަކު އަޅުކަންކުރަން އިން ކަމަށް ބުނާ ވީޑިއޯއެއްގެ މައްސަލައިގައި އެ މީހާގެ އަމަލުތައް ހުރީ ގަސްތުގައި އިސްލާމްދީނަށް އިހުތިރާމްކުޑަކުރާ ގޮތަކަށް ނޫންކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިރޭ "ސަން" އަށް ވިދާޅުވީ އެ މައްސަލައިގައި އެ އަންހެން މީހާގެ އަމަލުތަކަކީ ގޯސް ނިޔަތެއްގައި ކުރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެއީ އަންހެން މީހާއަށް އޮޅުމެއްގެ ތެރޭގައި ކުރެވުނު ކަމެއްކަން މައްސަލަ ރަނގަޅަށް ބެލުމުން އެނގިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއީ ދެން އެތަނުގެ ތެރޭގައި އެވަގުތު ތިބި ބޭފުޅުންގެ ބަހުންނާއި، އެމީހާގެ އަމަލުތަކުން، ނިޔަތެއް ނެތްކަން އެނގޭތީ. އެނގިހުރެ ކުރި ގޯސް ކަމެއްކަމަށް ނުބެލެވޭތީ، އެމީހާ އަނެއްހެން ދެކޮޅެއްވެސް ނުހަދާ، ބުނީމަ ހަމަ ނިކުތް ރީއްޗަށް،" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވަނީ އެ މައްސަލައިގައި ކަން ހިނގައިދިޔަ ގޮތްވެސް ތަފްސީލުކޮށް ކިޔައިދީފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ އެމީހާ މިސްކިތަށް ވަން ގޮތަށް ކީރިތި ގުރުއާނުގެ މުސްހަފެއް ނެގިއެވެ. އަދި އެވަގުތު އެތަނުގެ ތެރޭގައި މިސްކިތް ބަލަހައްޓަން ތިއްބެވި ފަރާތްތަކުން އެމީހާއާ ސުވާލުކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމީހާ ގާތު އެހި އެތަނުގައި ތިއްބެވި ބޭފުޅުން، ތިއީ މުސްލިމެއްހެއްޔޭ. އެހީމަ އެމީހާ ތެދަށް ބުނި ނޫނެކޭ، ދެން އެބޭފުޅުން ބުނި އެމީހާ ކައިރީގައި އެހެންވީމަ ތި މުސްހަފު ބަހައްޓާށޭ. ބަހައްޓާފަ ދާށޭ. އޭރުވެސް އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާ ހަމަ ރީއްޗަށް ނިކުމެގެން ދިޔައީ،" މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

"ދެން ދަމުން އެމީހާ އިށީނދެފަ އެ ޕޯޒްއެއްގަ އިނީ، އެއީ ދެން އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ގޯސް ނިޔަތެއްގަ އެއް ނޫން، އިހްތިރާމް ކުޑަކުރާކަށް ނޫން،"

މިދިޔަ ބުރާސްފަތި ދުވަހު އާންމުވި ވީޑިއޯއިން ފެންނަ ގޮތުން، އެ އަންހެން މީހާ މިސްކިތުގަ އިންނަނީ "މެޑިޓޭޝަން" ޕޯޒްއެއްގައެވެ. މީގެއިތުރުން އޭނާ އެތާ އިންނައިރު ކުރިމަތީގައި އެއްޗެއް އޮތްތަންވެސް ފެނިގެން ދެއެވެ.

comment ކޮމެންޓް