އެމަޖެންސީ ފަންޑުން އަފްޣާން ރެފިއުޖީންނަށް 100 މިލިއަން ޑޮަލަރު ދެނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ އެމާޖެންސީ ފަންޑުން 100 މިލިއަން ޑޮލަރު އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދޫކޮށްފިއެވެ.

ބައިޑެންގެ މި އެހީ ދީފައިމިވަނީ ތާލިބާންގެ އަސްކަރީ ހަމާލަތަކެއް އަފްޣާނިސްތާނަށް ކުރިމަތިވެދާނެ ކަމުގެ ބިރަށް އަފްޣާނިސްތާނުގެ ގިނަ ރައްޔިތުން ރެފިއުޖީ ކޭމްޕުތަކުގައި ވަޒަންވެރިފައިވަނިކޮށެވެ.

އެމެރިކާގެ ވައިޓްހައުސްއިން ބުނީ މި ފައިސާ ދޫކުރުމުގެ އެއް ބޭނުމަކީ ތާލިބާނުންގެ ހަމަލާއިން އަފްޣާނިސްތާނުގެ ރެފިއުޖީން ސަލާމަތް ކުރުންކަމަށެވެ. އަދި ހާއްސަ ވިސާއަކާއި އެކީ އެމީހުން އެމެރިކާއަށް ގެެންދިޔުންކަމަށް ވައިޓް ހައުސް އިން ބުންޏެވެ.

އެގޮތުން އެމެރިކާގެ ސަރުކާރަށް މަސައްކަތް ކޮށްދިނުމުގެ ސަބަބުން މިހާރުވެސް ނުރައްކަލަށް ހުށަހެޅިފައިވާ އެތައްހާސް އަފްޣާން ރެފުޖީންނެއް އެބަ ތިބި ކަމަށް ވައިޓްހައުސްއިން ވަނީ ބުނެފައެވެ. އަދި އެމީހުންގެ ވިސާގެ ކަންތައްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވަނީ ބުނެފައެވެ.

ހަމައެއާއެކު ބައިޑެންގެ ކެބިނެޓުން އަންނަނީ އެމެރިކާއަށް ހިދުމަތް ކޮށްދިން އިތުރު އަފްޣާން ރެފިއުޖީން އެހެން އަސްކަރީ ބޭސްތަކުގައި ބެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސޭތޯ މަސައްކަތް ކުރަމުންނެވެ.

އަފްޣާނިސްތާނަށް ވަނީ ތާލިބާނުންގެ ހަމަލާ މީގެ ކުރިންވެސް އަމާޒުވެފައެވެ. ތާލިބާނުން އަފްޣާނިސްތާނަށް ހަމަލާ ދީފައި މިވަނީ އެގައުމުގެ ގިނަބަޔަކު އެމެރިކާގެ ސަރުކާރާ ގުޅިގެން މަސައްކަތް ފަށާފައިވާ ވަގުތެއްގައެވެ.

comment ކޮމެންޓް