ގިނަމީހުން އެއްވާ ތަންތަނަށް ވެކްސިން ނުޖަހާ ނުވަދެވޭނެ: ބޮޑުވަޒީރު ބެނެޓް

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް

ވެކްސިން ނުޖަހާނަމަ ސަތޭކަ އަށްވުރެ ގިިނަމީހުން އެއްވާ ތަންތަނަށް ނުވަދެވޭނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވެއްޖެއެވެ.

ބެނެޓް ވިދާޅުވީ ވެކްސިން ޖަހާފައިނުވާނަމަ އަޅުކަންކުރާ ފައްޅި ތަކަށާއި ޖަލްސާތަކާއި އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ނުދެވޭނެކަމަށެވެ.

"ވެކްސިން ނުޖަހާ މީހުންގެ ސަބަބުން އަޅުގަނޑުމެންނާއި ސިއްހީ މަސައްކަތްތެރިންގެ މަސައްކަތް އަންނަނީ ބޭކާރުވަމުން. އެންމެން ވެކްސިން ޖަހައިފިނަމަ އާންމު ހާލަތައް ރުޖޫއަވެވޭނެ. އެކަމަކު އެއް މިލިއަން މީހުން ވެކްސިން ނުޖަހާނަމަ އޭގެ ސަބަބުން އަށް މިލިއަން މީހުންނަށް މަޖުބޫރުވަނީ ލޮކްޑައުންގެ ތަކްލީފު އުފުލަން," ބެނެޓް ވިދާޅުވިއެވެ.

ބޮޑުވަޒީރު ބެނެޓް އިތުރަށް ވިދާޅުވީ މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނަ ކަމުގައިވާނަމަ ވެކްސިން ޖެހިކަން އެނގޭނެފަދަ ހެއްކެއް ނުވަތަ ކޮވިޑް ޖެހިފަ ރަނގަޅުވިކަން އެނގޭ ނެގެޓިވް ޕީސީއާރު ޓެސްޓެއް ދައްކަން ޖެހޭނެ ކަމަށެވެ.

މިވަގުތު އެ ގައުމުގައި ބޭނުންކުރަމުންދަނީ ފައިޒާ ވެކްސިނެވެ. ކޮވިޑް-19 ގެ ކޭސްތައް ފެންނަ މިންވަރު ހަލުވިކަމާއެކު އިތުރުވަމުން ދާއިރު މީގެ ސަބަބުން އިސްރާއީލް ލޮކްޑައުން އަށް ދާން ޖެހިދާނެކަމަށް އެ ގައުމުން އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް