މިސްބާހު މާލެ އަތުވެއްޖެ، ކަރެކްޝަންސްއާ ހަވާލުކުރަނީ

މިސްބާހު މުހައްމަދު

ޕާކިސްތާނުގައި ޑްރަގް ނެޓްވޯކެއްގެ ބެލުމުގެ ދަށުގައި ރަހުނުކޮށްފައި ހުރިކަމަށް ބުނާ ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހް މުހައްމަދު މިއަދު މާލެ އަތުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހުށަހެޅުމާ ގުޅިގެން މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހޯދަން އިއުލާނުކުރި މިސްބާހު މުހައްމަދު މިއަދު މާލެ އައިސްފައިވާ ކަމަށާއި އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ކަމަށެވެ.

އެގޮތުން މިސްބާހުގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށްޓަކައި ކަރެކްޝަންސްއާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން މިސްބާހު ޕާކިސްތާނަށް ދިއުމާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ.

މިސްބާހު ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އޭޕްރީމް މަހުން ފެށިގެން އޭނާގެ ހަބަރެއް ނުވާތީއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިދިޔަ ޖޫން މަހު ބުނީ މިސްބާހު ހުރީ ޕާކިސްތާނުގެ ޑްރަގު ނެޓުވޯކެއްގައި ރަހުނުކޮށްފައި ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިސްބާހު ރާއްޖެ ދޫކޮށް ފުރާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި މިދިޔަ ޖޫން މަހުގެ ތެރެގައި މިސްބާހުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. ފޯނަކުން ނަގާފައިވާ ކަމަށް ބެލެވޭ ވީޑިއޯގައި އޭނާއަކީ ޑްރަގު ނެޓްވޯކަކާ ގުޅުމެއް ހުރި މީހެއް ނޫންކަމަށް ބުނެ, ދިވެހި ފުލުހުން ހަދަމުންދަނީ ދޮގު ކަމަށްވެސް މިސްބާހު އެ ވީޑިއޯގައި ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވީޑިއޯ އާންމުވިއިރުވެސް މިސްބާހު ހުރީ ޕާކިސްތާނުގައެވެ.

https://sun.mv/152956

މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ސ. ހުޅުދޫ ދޭލިޔާ, އިރުފާން ތަގިއްޔުއާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު މިސްބާހު ދުބާއީ މަގުން ޕާކިސްތާނަށް ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ނޮވމެބަރު 22 ގައި އިރުފާން ރާއްޖެ އެނބުރި އައި ނަމަވެސް މިސްބާހު އައިސްފައި ނުވާކަަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު އަށްވަނަ ދުވަހު "މަސްޖަރީ-2" ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއާށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އިރުފާން ތަގިއްޔު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި 10 މީހަކަށް ދައުވާކޮށްފައިވެއެވެ.

"އެހެންކަމުން، މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި 'ގެރެންޓަރ' އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭ" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ނޯޓު: މިސްބާހު މިހާރު ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރެވިފައި ކަމަށް ކުރިން ލިޔެވިފައި ވަނީ ފުލުހުން މީޑިއާއަށް ފޯރުކޮށްދިން މައުލޫމާތުގައިވާ ކުށަކުންނެވެ. މި ޚަބަރު މިހާރު ވަނީ އިސްލާހުކުރެވިފައެވެ.

comment ކޮމެންޓް