އިންޑިއާގެ ކުރިން ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓު އައްޑޫގައި އެޅޭތޯ އެބަ ބަލަން: މޭޔަރު

އައްޑޫގެ މޭޔަރު އަލީ ނިޒާރު---

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅޭތޯ މަސައްކަތް ކުރަމުންދާ ކަަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގުރާމުގައި ރޭ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ބައެއް ފަރާތްތަކުން ދެކޮޅު ހަދަނީ އިދިކޮޅުގެ ފަރާތްތަކުން އިންޑިއާއާ ދެކޮޅަށް ކުރާ ކެމްޕޭނުގެ ތެރެއިން ކަމަށެވެ.

އެހެންކަމުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން ޗައިނާ ނުވަތަ ސްރީލަންކާފަދަ ގައުމެއްގެ ކޮންސިއުލޭޓު އެޅޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭރުން އިންޑިއާ ކޮންސިއުލޭޓުގެ މައްސަލަވެސް ހައްލުވެގެންދާނެ ކަަމަށް ނިޒާރު ވިދާޅުވިއެވެ.

"އަޅުގަނޑު މި ބަލަނީ އިންޑިއާ ކޮންސިއުލޭޓު ހުޅުވުމުގެ ކުރިން ޗައިނާ ނުނީ ސިލޯނުގެ ކޮންސިއުލޭޓެއް ހުޅުވޭތޯ . ދެން އޭރުން އެކަން [އިންޑިއާ ކޮންސިއުލޭޓުގެ މައްސަލަ] ހައްލުވެގެން ދިޔައީ. ދެން އިންޑިއާ ވީމަ އެކަން ކަމުނުގޮސްގެން މިއުޅެނީ. ވަކި ބަޔަކު ކެމްޕޭނެއްގެ ގޮތުގައި އެކަން ކުރަނީ," ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ ޗައިނާގެ ކޮންސިއުލޭޓު އެޅުމާ ބެހޭގޮތުން އެގައުމުގެ އެމްބަސީގެ ބޭފުޅުންނާ ކައުންސިލުގެ ތެރެއިން މަޝްވަރާ ކުރެވިފައިވާ ކަމަށާއި ނަމަވެސް އައްޑޫގައި ޗައިނާގެ މާބޮޑު މަޝްރޫއެއް ހިނގަމުން ނުދާތީ، ޗައިނާގެ ކޮންސިއުލޭޓެއް އެޅުމަށް އެބޭފުޅުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު މި ބަަލަނީ އިންޑިއާ ކޮންސިއުލޭޓުގެ ކުރިން ކޮންމެވެސް އެހެން ގައުމެއްގެ ކޮންސިއުލޭޓެއް ހުޅުވަން," ނިޒާރު ވިދާޅުވިއެވެ.

ނިޒާރު އިތުރަށް ވިދާޅުވީ އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމުކުރުމަށް އެގައުމުން ނިންމުމާ ގުޅިގެން އިންޑިއާގެ ހައިކޮމިޝަނާވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެކަމުގައި އިންޑިއާގެ ނިޔަތް ރަނގަޅު ކަމަށެވެ. އައްޑޫގެ ބިމެއް ކުއްޔަށް ހިފައިގެން، އެހެން ތަންތަނުގައިވެސް އެކަން ކުރާ އުސޫލުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު އަޅާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުނިކަމަށް ނިޒާރު ވިދާޅުވިއެވެ.

ރާއްޖޭގެ ރަށެއްގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމަށް މަޝްވަރާ ކުރުމަކީ ކައުންސިލްތަކުގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އެކަން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަދި ފޮރިން މިނިސްޓަރަށެެވެ. އަދި އެގައުމެއްގެ ކޮންސިއުލޭޓެއް ރާއްޖޭގައި ގާއުމުކުރާނެކަން ނުވަތަ ނުކުރާނެކަން ނިންމާނީ އެ ގައުމަކުންނެވެ.

އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅުމާ ބެހޭގޮތުން އައްޑޫގެ މޭޔަރު ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކުރުމުން ފޮރިން މިނިސްޓްރީން ބުނީ އެކަމާ ގުޅިގެން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމަށް އެގައުމުގެ ޕާލަމަންޓުން ނިންމި ނަމަވެސް އެކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މާލޭގައި އިންޑިއާގެ ހައިކޮމިޝަނެއް ހުރެމެ، އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން އުޅެނީ އޭގައި ފޮރުވިފައިވާ ބޭނުންތަކެއް އޮވެގެން ކަމަށް ބުނެ ގިނަ ދިވެހި ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް