އައިއެފްސީ އިން ދެކުނު އޭޝިއާއަށް އާ ރީޖަނަލް ޑިރެކްޓަރެއް ކަނޑައަޅައިފި

އައިއެފްސީގެ ސައުތު އޭޝިއާގެ ރީޖަނަލް ޑިރެކްޓަރު ހެކްޓާ ގޯމޭޒް އޭންގް

ވޯލްޑް ބޭންކް ގުރޫޕުގެ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އިން ސައުތު އޭޝިއާގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް އާ ބޭފުޅަކު ކަނޑައަޅައިފިއެވެ.

މި މަގާމަށް ކަނޑައަޅާފައިވަނީ މީގެ ކުރިން ގިނަ ގައުމުތަކެއްގައި ކަންޓްރީ މެނޭޖަރުކަން ކުރައްވާފައިވާ ހެކްޓާ ގޯމޭޒް އޭންގެވެ.

ހެކްޓާ ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ދެކުނު އޭޝިއާގެ ގައުމަތަކަށް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ ދަތިތަކުން އިގްތިސާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް, މާލީ ގޮތުން ގައުމުތަކަށް އެހީތެރިވެ ދިނުން ކަމަށެވެ.

"މި ބަލިމަޑުކަން މި ވަނީ މި ސަރަހައްދުގެ އެތައް ގައުމަކަށް ނޭދެވޭ ގޮތުން އަސަރުކޮށްފައި. އަދިވެސް މި ބައްޔާއެކު އިތުރަށް އުޅެންޖެހިދާނެކަން ގަބޫލުކުރަންވާނެ. އެހެންނަމަވެސް އެއްކޮށް ގުޅިގެން މަސައްކަތްކޮށް ވަޒީފާގެ ފުރުސަތުތައް ހޯދާ އިގްތިސާދު އާރާސްތުކުރުން މުހިންމު," ހެކްޓާ ވިދާޅުވިއެވެ.

ސައުތު އޭޝިއާގައި އައިއެފްސީގެ އެންމެ ބޮޑު މަގްސަދަކީ އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެ ވިޔަފާރި ކުންފުނިތަކުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް ދާކަން ޔަގީންކުރުމެވެ.

"ހެކްޓާ އަށް ލިބުނު މި އާ މަގާމަކީ އޭނާގެތައުލީމާ، ގާބިލްކަމާއި ތަޖުރިބާ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ މަގާމެއް. އަދި އަޅުގަނޑުމެންގެ މަސައްކަތްތައް ހަރުދަނާ ވެގެންދާނެކަމެއް." އައިއެފްސީގެ އޭޝިއާ އަދި ޕެސިފިކުގެ ނައިބުރައީސް އަލްފޮންސޯ ގާސިއާ ވިދާޅުވިއެވެ.

ހެކްޓާއަކީ ސްޕެއިންއަށް ނިސްބަތްވާ ރައްޔިތެކެވެ. އޭނާ އައިއެފްސީއާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު ސިޓީ އިންވެސްޓްމަންޓް އޮފިސަރެއްގެ ގޮތުގައެވެ. އެޔަށްފަހު އޭނާ ވަނީ އެންގޯލާ، މޮޒަމްބިކް، ޒޭމްބިއާ އަދި ބްރެޒިލްގެ ކަންޓްރީ މެނޭޖަރުކަން ކުރައްވާފައެވެ. އަދި އެ މުއްދަތުގައި ގިނަ އިންވެސްޓްމަންޓް ޕްރޮގްރާމްތަކެއްވެސް އެކި އިދާރާތަކާ ގުޅިގެން ވަނީ ހިންގަވާފައެވެ.

comment ކޮމެންޓް