މިއަހަރުގެ ހައްޖުގެ އަޅުކަން ނިމިއްޖެ، ކޮވިޑްގެ އެއްވެސް ހާލަތެއް ނުފެނޭ

ހައްޖުވެރިން ތަވާފުލްއިފާޟާ ކުރަނީ

މައްކަތުލްމުކައްރަމާ (ޖުލައި 23): މިއަހަރުގެ ހައްޖުގެ އަޅުކަން ނިމުމަކަށް އައިސްފައިވާ ކަމަށާއި ހައްޖުގެ އަޅުކަން ނިމުނުއިރު ހައްޖުވެރިންގެ ތެރޭގައި ކޮވިޑް-19ގެ އެންމެ ހާލަތެއްވެސް ފެނިފައި ނުވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ހައްޖާއި އުމުރާގެ ކަންތައްތަކާބެހޭ ސައޫދީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން ނިމުނުއިރު ހައްޖުވެރިންގެ ތެރޭގައި ކޮވިޑް-19 ވެސް އަދި ގައިން ގަޔަށް އަރާ އެހެން ބައްޔެއްވެސް ފެތުރިފައިނުވާކަމަށާ ހުރިހާ ހައްޖުވެރިންގެ ހާލު ރަނގަޅު ކަމުގައެވެ.

ހައްޖުވެރިން ހައްޖުގެ އެންމެމަތީ ރުކުން އަދާކުރުމަށްޓަކައި ހައްޖު ދުވަހު ތިބީ އަރަފާތުގެ ބިމުގައެވެ. އެއަށްފަހު އީދުވިލޭރޭ ހައްޖުވެރިން ތިބީ މުޒްދަލިފާގައެވެ. އީދުދުވަހު ހައްޖުވެރިން ތިބީ މިނާގައެވެ. މިނާގައިތިބެ އީދު ދުވަހާއި އައްޔާމުއްތަޝްރީޤުގެ ތިންދުވަހު ހައްޖުވެރިން މިނާގައި ތިބެނީ ޖަމްރާތަކަށް ހިލައުކުމަށެވެ. އެއަށްފަހު ހައްޖުވެރިން އިއްޔެވަނީ މައްކާގެ ހަރަމްފުޅަށްގޮސް ހައްޖުގެ އެންމެ ފަހުގެ އަޅުކަން ކަމަށްވާ ތަވާފުލްއިފާޟާ ކޮށް ހައްޖުގެ ކަންތައްތައް ނިންމާލާފައެވެ.

ހައްޖުވެރިން މުޒްދަލިފާގައި

އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން ދެދުވަހު މިނާގައި ތިބެ ޖަމްރާތަކަށް ހިލައުކުމުންވެސް ހައްޖުގެ އަޅުކަން ފުރިހަމަވެއެވެ. އެެހެންކަމުން އާންމު ގޮތެއްގައި ހައްޖުވެރިންގެ ގިނަބަޔަކު މިނާގައި ތިބެނީ އައްޔާމުއްތަޝްރީޤުގެ ތިން ދުވަހުގެ ތެރެއިން ދެ ދުވަހުއެވެ. އެއަށްފަހު މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލްއިފާޟާ ކޮށް ހައްޖުގެ ކަންތައްތައް ނިންމާލައެވެ.

ނަމަވެސް މަދު އަދަދެއްގެ ހައްޖުވެރިން އައްޔާމުއްތަޝްރީޤުގެ ތިންދުވަހު މިނާގައި ތިބެއެވެ. މިފަދަ ހައްޖުވެރިން މައްކާގެ ހަރަމްފުޅަށްގޮސް ތަވާފުލްއިފާޟާ ކުރަނީ އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ހަވީރުއެވެ.

ކޮވިޑް-19ގެ ބިރުވެރިކަން އޮތުމާއެކު މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ވުމުގެ ފުރުސަތު ސައުދީން ދީފައިވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ 60,000 މީހުންނަށެވެ. އޭގެތެރޭގައި ސައުދީ ރައްޔިތުންނާއި ބޭރު ގައުމުތަކުގެ މުސްލިމުން ހިމެނޭ ގޮތަށެވެ.

ކޮވިޑްގެ ކުރިން ހައްޖުގެ އަޅުކަމުގައި އާންމުކޮށް 2.6 މިލިޔަން މީހުން ބައިވެރިވެއެވެ. ކޮވިޑްގެ ސަބަބުން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވީ ގާތްގަނޑަކަށް 10,000 މީހުންނެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ހައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންގޮސްފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. މީގެތެރޭގައި ހައްޖުގެ ހުރިހާ މަޝްއަރުތަކެއްގައިވެސް އިޖްތިމާއީ ގައިދުރުކަން ބެހެއްޓުމާއި މާސްކް އެޅުމާއި ގެފުޅުގައި އަތްލުމާއި ހަޖަރުލްއަސްވަދުގައި އަތްލުން މަނާކުރުން ހިމެނެއެވެ. މީގެއިތުރުން ހައްޖުވެރިންގެ ގިނަބަޔަކު އެއްތަނަކަށް އެއްވެ ވާހަކަ ދެއްކުމާއި ބައްދަލުވުންތައް ބޭއްވުން މަނާކުރުމާއި ޖަމްރާތަކަށް ހިލަ އުކާއިރުވެސް ސްޓެރިލައިޒް ކޮށްފައިވާ ހިލައުކުންފަދަ ކަންކަން ހިމެނިފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު