އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިން

ޖުލައި 19، 2021: ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ޖުލައި 21 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރީ ރަޝިއާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިިދިޔަ އަހަރު ނިމުނީއްސުރެ މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެހެންނަމަވެސް އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު މަދުވެ، ރާއްޖޭގެ އެއްވަނަ މާކެޓަކަށް ވެގެންދިޔައީ ރަޝިއާއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ޖުލައި 21 ގެ ނިޔަލަށް 136،955 ރަޝިއާ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދެވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާއިން މި އަހަރުގެ ތެރޭގައި މިހާތަނަށް 94،927 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ތިންވަނައިގައި އޮތް ޖާމަނީއިން އައިސްފައި ވަނީ 31،617 ފަތުރުވެރިންނެވެ.

މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޓޫރިޒަމް ގްރޯތު 50 ޕަސެންޓު އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި އަހަރުގެ ޖުލައި 21 ގެ ނިޔަލަށް ޖުމްލަ 575،931 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވާއިރު، ފަތުރުވެރިކަން ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ.

ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ގެ ނިޔަލަށް ރާއްޖެ ޒިޔާތްކޮށްފައިވަނީ 88،507 ފަތުރުވެރިންނެވެ. މި އަހަރުގެ އެ މުއްދަތުގައި 65،382 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ގެއްލުންތައް ފޫބައްދައި އެ ސިނާއަތް އަލުން ކޮޅަށް ޖެހުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން މި އަހަރުގެ ހަތަރުވަނަ ކުއާޓާގައި ވެކްސިން ޓޫރިޒަމް ޕްރޮގުރާމު ފެށުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

https://sun.mv/154454

comment ކޮމެންޓް