ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވިގެން ސިފައިނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި

ހުޅުމާލޭ ޗައިނާ ޓައުން ސަރަހައްދު: އެ ސަރަހައްދުގެ ބިންމަތިން ޝައްކު ކުރެވޭ އެއްޗެއް ވަނީ ފެނިފައި --- ފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ހުޅުމާލޭގައި ބާރުގަދަ ގޮވުމެއްގެ އަޑު އިވިގެން ސިފައިނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ބާރުގަދަ ގޮވުމެއް ގޮވައިގެން އުޅެނީ ކޮންތަނެއްގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިހާތަނަށް މައުލޫމާތު ލިބޭ ގޮތުގައި ހާދިސާ ހިނގައިގެން އުޅެނީ ހުޅުމާލޭ ބޯގަން ވިލާ މަގާއި ކައިރި ސަރަހައްދެއްގައެވެ.

ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ދިރިއުޅޭ އަންހެނަކު "ސަން" އަށް ކިޔައިދިން ގޮތުގައި މިރޭ ގާތްގަނޑަށް 12:00 ހާއިރު ގޭތެރޭގައި އުޅެނިކޮށް ބާރުގަދަ ގޮވުމެއްގެ އަޑު އެކި ދިމަދިމާލުން އިވުމުން ބިރުން ހަޅޭއްލަވާ ގަނެވުނެވެ.

"އަޅގަނޑު ހުރީ ދަރިފުޅަށް ކާންދޭން ސިޓިން ރޫމްގަ. ދެން ބޭރުން އިވުނު އަޑުފައްގަނޑެއްގެ ސަބަބުން އަތުގަ އިން ތަށި ދޫވެގެން ވެއްޓުނު. ގޭގެ އެންމެން ބިރުން ރޯންވެސް ފަށައިފި. ހަމަ ހީވީ ގޭ ފުރާޅަށް ހޮނުގުގުރި އެއް ޖެހިހެން،" އޭނާ ކިޔައިދިނެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ސަރަހައްދަކުން ބާރުގަދަ ގޮވުމެއްގެ އަޑު އިވިގެން ސިފައިނާއި ފުލުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

"މިކަމާ ގުޅިގެން އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާ ލިބުނު ކަމުގެ މައުލޫމާތު ލިބިފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެ ސަރަހައްދުގެ ބިންމަތިން ވަނީ ޝައްކު ކުރެވޭ އެއްޗެއް ވެސް ފެނިފައެވެ.

ސަރަހައްދުގެ ބޮޑު ބައެއް ބަންދު ކޮށްގެން ސިފައިން މިހާރު ގެންދަނީ ޝައްކު ކުރެވޭ އެތި ފެނުނު ސަރަހައްދުގެ އެކި ތަންތަން ޗެކް ކުރަމުންނެވެ.

ނަމަވެސް އަދި މިހާނަތަށް އެއްވެސް ގެއަކަށް ނޫނީ ފްލެޓަކަށްވެސް ވަދެ ފާސް ކޮށްފައެއް ނުވެއެވެ.

މި ހާދިސާ ހިނގައިގަން މެދުވެރިވި ސަބަބު، އަދި ކަށަވަރެއް ނުކުރެވެއެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު