މަޑަގަސްކަރައިގެ ރައީސް އަވަހާރަކޮށްލަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއެލިނާ

ބަޣާވާތަކަށްފަހު މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއެލިނާ އަވަހާރަ ކޮށްލަން ރާވަމުންދިޔަ ހަ މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު މަޑަގަސްކަރައިގެ ރައީސް އަވަހާރަކޮށްލަން ރާވަނިކޮށް މި މީހުން ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އެގޮތުން މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެގައުމަށް ނިސްބަތްވާ ފަސް މީހަކާއި ބިދޭސީއެކެވެ.

"ފުލުހުންނަށް މި މައުލޫމާތު ލިބުނުތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު އަދިކިރިޔާ އެމީހުން ހައްޔަރުކުރާނެ ފުރުސަތެއް މި ލިބުނީ،" މަޑަގަސްކަަރައިގެ ސަލާމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

އެ ގައުމުން ބުނީ މި މައްސަލަ މުހިންމު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަކަމަށެވެ.

އެގޮތުން މިހާތަނަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އަވަހާރަކޮށްލަން ރާވައިފައިވާ މީހުންގެ ތެރޭ ރައީސް އެންޑްރީގެ އިތުރުން ސަރުކާރުގެ އެހެނިހެން ބައެއް އިސްވެރިންވެސް ހިމެނެއެވެ.

"އަޅުގަނޑުމެންގެ އަތުގައި މިހާރު ހެއްކަށް ބަަލާއިރު، ހައްޔަރު ކޮށްފައިވާ މީހުންވަނީ ސަރުކާރުގެ ވެރިޔާގެ އިތުރުން އެހެނިހެން އިސްވެރިންވެސް އަވަހާރަކޮށްލުމަށް ރާވާފަ،" މަޑަގަސްކަރައިގެ އެޓާނީ ޖެނެރަލް ބާތައިން ރަޒަފިއަރިވޮނީ ވިދާޅުވިއެވެ.

މަޑަގަސްކަރައިގެ މިހާރުގެ ރައީސް އެންޑްރީ ދެވަނަ ފަހަރަށް ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުގެ ތެރޭއެވެ. އެގޮތުން އޭނާ ވެރިކަން ހޯއްދެވީ ވާދަވެރި އިންތިހާބަކުން އިދިކޮޅު ކެންޑިޑޭޓް މާކް ރަވަލަމޮނަނާގެ މައްޗަށް ކުރިހޯއްދަވައިގެންނެވެ.

މަޑަގަސްކަރައަކީ 1960 ގެ ކުރީގައި ފަރަންސޭސީ ވިލާތުގެ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. އޭގެފަހުން 1960 ވަނަ އަހަރު މިނިވަންވި ފަހުން އެކި ފަހަރު މަތިން ބަޣާވާތްކޮށް ސަރުކާރު ބަދަލުކުރަން އެ ގައުމުގައި މަސައްކަތްކޮށްފައިވެއެވެ.

comment ކޮމެންޓް