އިންޑިއާގައި ބްލެކް ފަންގަސް ޖެހިގެން 4،300 މަރު

ބްލެކް ފަންގަސް ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު ވަނީ 4،300އަށް ވުރެ އިތުރުވެފަ -- ފޮޓޯ: ގެޓީ

ދިއްލީ (ޖުލައި 22): އިންޑިއާގައި މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ޖެހިގެން 4،300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓަރު މަންސުކް މަންދަވިޔާ ވިދާޅުވި ގޮތުގައި އެގައުމުން މިހާތަނަށް 45،374 މީހުންނަށް ބްލެކް ފަންގަސް ޖެހިފައިވެއެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.

ބްލެކް ފަންގަސް އެންމެ ބޮޑަށް ފެތުރިފައި ވަނީ މަހާރަޝްތުރާއާއި ގުޖުރާތުގައެވެ. އެ ދެ ސްޓޭޓުން ބަލީގައި 1،785 މީހަކު މަރުވެފައިވެއެވެ.

އިންޑިއާގައި ބްލެކް ފަންގަސް އެންމެ ގިނައިން ޖެހެމުން ދަނީ ކޮވިޑް-19އިން ރަނގަޅުވަމުން އަންނަ ނުވަތަ ރަނގަޅުވެފައިވާ މީހުންނަށެވެ. އަދި އާއްމުކޮށް އެ ބަލި ފެންނަނީ ކޮވިޑުން ރަނގަޅުވާތާ 12-18 ދުވަހުގެ ތެރޭގައި ކަމަށް ބީބީސީއަށް މައުލޫމާތު ދެއްވި ޑޮކްޓަރުން ވިދާޅުވި އެވެ.

ބްލެކް ފަންގަސް ފެތުރެނީ ވެއްޔާއި ހަލާކުވާ މޭވާއާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަަންގަސްއެއްގެ ޒަރިއްޔާއިންނެވެ. އަދި އެ ބަލީގެ ގެއްލުން ބޮޑު ވަނީ ދިފާއީ ނިޒާމު ބަލިކަށިވެފައިވުމާއި ހަކުރު ބަލި ހުރުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ.

ކޮރޯނާވައިރަހަކީ ދިފާއީ ނިޒާމުގެ ވަރުދެރަ ކޮށްލާ ވައިރަހަކަށް ވުމުން ކޮވިޑް ޖެހިފައިވާ މީހުންނަށް ބްލެކް ފަންގަސް ޖެހުމުން އެމީހުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުވެއެވެ.

ބްލެކް ފަންގަސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ އަލާމާތްތައް ފެނެ އެވެ. އަދި ހަށިގަނޑަށް ބަލި ފެތުރުން ހުއްޓުވުމަށް، ފަންގަސް ފެތުރިފައިވާ ގުނަވަނެއް ނަގަން ޖެހިދާނެ އެވެ.

comment ކޮމެންޓް