އެމްއެމްޕީއާރުސީ އަކީ ގޯސް ނިޔަތެއްގައި ރައީސް ނަޝީދު އުފަންކުރުވި ދަރިއެއް: މަލީހު

ޖުލައި 19، 2021: ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަކީ ގޯސް ނިޔަތެއްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝިދު އިސްވެ ހުންނަވައިގެން އުފަން ކުރިވި ދަރިއެއްކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގައި މިއަދު ވާހަކަދައްކަވަމުން މަލީހު ވިދާޅުވީ އެމްއެމްޕީއާރުސީ އަކީ ރައީސް ނަޝިދުގެ އަރިސް ބޭފުޅުންނަށް ވަޒީފާ ދީ މާލީ މަންފާތަކެއް ހޯދުމުގެ ނިޔަތުގައި އުފެއްދެވި ކުންފުންޏެއްކަމަށެވެ.

"ރައީސް ނަޝީދު އެމްއެމްޕީއާރުސީ އުފެއްދެވީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ވަޒީފާ ދިނުމުގެ ގޮތުން. އެކުންފުނި އުފެއްދުމަށްފަހު ބޮޑެތި ޕްރޮޖެކްޓްތައް ހަވާލުކޮށްފައިހުރީ އެމްޑީޕީގެ ބޮޑުންނަށް. އެ ހުރިހާ އެގްރީމެންޓެއް ބާތިލްކުރީ 2012 ވަނަ އަހަރު ރައީސް ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު،" މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީ އަކީ އެމްޑީޕީގެ ކުންފުންޏެއް ކަމަށެވެ. އަދި އެއީ ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުމަށް ހުޅުވާލި މަގެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރައީސް ޔާމީނަކީ މިނިވަންވެފައި ހުންނަވަންޖެހޭ ބޭފުޅެއްކަމަށެވެ. އަދި އެމނަިކުފާނުގެ ލެގަސީ އާއި ޓްރެކް ރެކޯޑާ އަރާ ހަމަކުރެވޭނެ މީހެއް މިއަދު ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ސޯލިހުގެ ކިރިޔާވެސް ކުލުނެއް ހުރި ނަމަ މިހާރު ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލު ހުކުމެއްގައެއް ނޫން،" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ އިންސާފުވެރިކަމާއެކު ރައީސް ޔާމީންގެ މައްސަލަ ބަލައިފިނަމަ އެމަނިކުފާނަށް ދެވޭނެ އެއްވެސް އަދަބެއް ނޯންނާނެކަމަށެވެ.

"އިންސާފުވެރިކަމާއެކު މައްސަލަ ބެލިއްޖެނަމަ ރައީސް ޔާމީން ބެދިވަޑައިގަންނަވާނެ އެއްވެސް ކަމެއް ނޯންނާނެ. އެއީ މުހައްމަދެއް އަހުމަދަކާ ބެހޭކަމެއް ނޫން. އެމެއެމްޕީއާރުސީއަކީ ގާނޫނީ ބާރު އޮތް ވަކި ކުންފުންޏެއް. ގާނޫނާ ހިލާފަށް ކުރެވޭ ކަންކަމުގައި ޒިންމާވާންޖެހޭނީ ކުންފުނީގެ އެމްޑީ ޒިޔަތު،" މަލީހު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް