ޗައިނާގެ ސައިބާ ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: އެމެރިކާ

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން

ވޮޝިންޓަން (ޖުލައި 21): ޗައިނާއިން އެމެރިކާގެ މައިކްރޯ ސޮފްޓް ކުންފުނީގެ ސިސްޓަމްތަކަށް ސައިބާ ހަމަލާތައް ތަކުރާރުކޮށް ދެމުން ގެންދާކަމަށާއި އެކަމުގެ ސަބަބުން މައިކްރޯސޮފްޓްގެ ސާވާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ތުހުމަތު ކުރައްވައިފިއެވެ.

ޗައިނާއާ ދެކޮޅަށް ބްލިންކެން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މައިކްރޯ ސޮފްޓް ކުންފުނީގެ ސިސްޓަމްތަކަށް ސައިބާ ހަމަލާތައް ދެނީ ޗައިނާގެ އަމަނާބެހޭ ދައުލަތުގެ ވުޒާރާ އަޑީގައި އޮވެގެންކަމަށާއި މިކަމުގެ ރަސްމީ ތުހުމަތު އެވުޒާރާގެ ތިން އޮފަސަރަކާ ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ކޮށްފައިވާ ކަމުގައެވެ.

ޗައިނާއިން އެމެރިކާގެ މައިކްރޯ ސޮފްޓް ކުންފުނީގެ ސިސްޓަމްތަކަށް ދިން ސައިބާ ހަމަލާތަކުގެ ތެރޭގައި މައިކްރޯސޮފްޓް އެކްސްޗޭންޖް އީމެއިލް ސާވާތަކަށް ހަމަލާދީ އެސާވާތަކަށް ބޮޑެތި ގެއްލުތަކެއް ދީފައިވާ ކަމަށް ބްލިންކެން ތުހުމަތު ކުރެއްވިއެވެ. ޗައިނާއިން މައިކްރޯސޮފްޓް ކުންފުންނީގެ ސިސްޓަމްތަކަށާއި އެމެރިކާގެ ހައްސާސްތަންތަނަށް ސައިބާ ހަމަލާތައް ދެނީ އެތަންތަނުގައި ސަލާމަތީގޮތުން ހުރި "ބާގަނޑުތަކެއް" ގެ ނާޖާއިޒު ފައިދާ ނަގައިގެންކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި ޗައިނާގެ އަމަނާބެހޭ ދައުލަތުގެ ވުޒާރާއިން މިކަންކުރަނީ ބައިނަލްއަގްވާމީ ޕްރޮފެޝަނަލް ހެކަރުން ބޭނުންކޮށްގެންނެވެ. ނަމަވެސް އަނގަބަހުން މިހެން ވިދާޅުވުން ފިޔަވައި މިކަމާބެހޭ އެއްވެސް ހެއްކެއް ބްލިންކެން އަށް ދެއްކިފައެއް ނުވެއެވެ.

ޗައިނާގެ ރައްދު

ބްލިންކެން ގެ ތުހުމަތު ތަކަށް ރައްދު ދެމުން ވޮޝިންގްޓަންގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައިބާ ހަމަލާތަކަކީ ކޮންމެ ގައުމަކަށް ވެސް އޮތް ބިރެއްކަމަށާ އެފަދަ ހަމަލާތަކުގެ ބިރު ޗައިނާއަށްވެސް އޮތްކަމުގައެވެ. ނަމަވެސް އެމެރިކާ އުޅެނީ ކޮންމެކަމެއްވެސް ސިޔާސީކޮށްގެން ޗައިނާގެ ބޮލުގައި ތުހުމަތެއް އެޅުވޭނެ ގޮތެއްވޭތޯ ބަލަންކަމަށް އެބަޔާން ބުނެއެވެ.

އެމެރިކާ ވަނީ ކޮވިޑް-19 އަކީވެސް ޗައިނާގެ ލެބޯޓްރީއަކުން ލީކުވި ވައިރަސްއެއް ކަމަށް ތުހުމަތުކޮށް އެކަމުގެ ޒިންމާވެސް ޗައިނާގެ ބޮލުގައި އެޅުވުމަށް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަމުގެ ހެކި ދެއްކުމުގައިވެސް އެމެރިކާ ފޭލްވުމުން އެމެރިކާ ޗައިނާއާ ދެކޮޅަށްކުރާ މަސައްކަތްތައް ވައިގާ ހިފާގޮތެއް ނުވިއެވެ.

"އެމެރިކާ ކުޅެމުން މިދަނީ ސިޔާސީ ކުޅިވަރެއް"

ޗައިނާގެ ބަޔާނުގައި އެމެރިކާ އެއްފަހަރު ކޮވިޑް އޭ ކިޔައިގެން އަނެއްފަހަރު ސައިބާ ހަމަލާއޭ ކިޔައިގެން ޗައިނާއާ ދެކޮޅަށް ކުޅެމުން މިދަނީ ސިޔާސީ ކުޅިވަރެއް ކަމަށާ މިފަދަ ތުހުމަތުތަކަށް ހެކި ދެއްކުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައި ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ޗައިނާއާ ދެކޮޅަށް ކުރިމަތިކުރަމުން މިހާރު ގެންދަނީ ކުރީގެ ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން އޭރުގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) އާ ދެކޮޅަށް ކުރި ބާވަތުގެ ފިއްތުންތަކެކެވެ. ނަމަވެސް ޗައިނާއަކީ ކޮމިއުނިސްޓް ނިޒާމުގެ ގައުމެއް ނަމަވެސް ޗައިނާއަކީ ކުރީގެ ސޮވިއެޓް ޔުނިޔަންއާ މުޅިން ތަފާތު އަދި އިގްތިސާދީ ގޮތުން އެމެރިކާ ފަހަތަށް ޖައްސާލެވޭވަރުގެ ބޮޑު ބާރަކަށްވާތީ ޗައިނާއާ ކުރިމަތިލުމުގައި އެމެރިކާ ފޭލްވާނެކަމަށާ ޗައިނާގެ ކުރިމަތީގައި ދެވަނަ ދަރަޖައިގެ ބާރަކަށް އެމެރިކާ ވެއްޓެން ގިނަ އަހަރުތަކެއް ނުނަގާނެކަމަށް ސްޓްރެޓީޖިކް ދިރާސާތައްކުރާ ތަޖްރިބާކާރުން ވިދާޅުވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އިންޑިއާއަށް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އަންނަ ހަފްތާގައި އިންޑިއާއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. ބްލިންކެން ގެ މިދަތުރުފުޅަކީ ޗައިނާ ވަށާލުމަށް އެމެރިކާ އިސްވެ އޮވެގެން އުފައްދާފައިވާ ކުއެޑް ގްރުޕްގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމާބެހޭގޮތުން އިންޑިއާގެ ވެރިންނާ މަޝްވަރާ ކުރުމަށް ކުރައްވާ ދަތުފުޅެއްކަމަށް މައުލޫމާތު ލިބެއެވެ. ކުއެޑް ގްރޫޕްގައި ހިމެނެނީ އެމެރިކާ އާއި އިންޑިއާގެ އިތުރުން ޖަޕާނާއި އޮސްޓްރޭލިއާ އެވެ. ދެކުނު ކޮރެއާއާއި ނިއުޒިލޭންޑް މި ގްރޫޕްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް ވެއެވެ.

ބްލިންކެންގެ އިންޑިއާ ދަތުރުފުޅުގައި އަފްޣާނިސްތާނުގެ މައްސަލައާބެހޭގޮތުން އިންޑިއާގެ ވެރިންނާ މަޝްވަރާ ކުރައްވާނެއެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަން ފެށުމާއެކު ތާލިބާނުން ގެ އަތްދަށަށް އެގައުމު ހިނގައިދާނެކަމުގެ ބިރު އިންޑިއާ އިހްސާސް ކުރެއެވެ.

comment ކޮމެންޓް