ޕެގަސަސް ހެކިންގެ ޝިކާރައަކަށް ފްރާންސްގެ ރައީސް މެކްރޮން

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން

ޕެގަސަސް ހެކިން ސޮފްޓްވެއާ ބޭނުންކޮށްގެން ފާރަލާ މީހުންގެ ތެރޭގައި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ހިމެނުމުގެ ފުރުސަތު އެބައޮތްކަމަށް އޭއެފްޕީއިން ރިޕޯޓުކޮށްފިއެވެ.

ޕެގަސަސްއަކީ އައިފޯނާއި އެންޑްރޮއިޑް ފޯނުތަކަށް ވާސިލުވެއްޖެ ނަމަ، އެ ފޯނެއްގެ މެސެޖުތަކާއި ފޮޓޯތަކާއި އީމެއިލްތައް ބަލަން ފުރުސަތުދޭ ސޮފްޓްވެއާއެކެވެ. އަދި އޭގެއިން ފޯނު ކޯލްތައް ރެކޯޑުކޮށް، މައިކްރޯފޯނާއި ކެމެރާ ޖެއްސުމުގެ ބާރުވެސް ސޮފްޓްވެއާ އޮޕަރޭޓު ކުރާ މީހަކަށް ލިބިދޭނެ އެވެ.

އިސްއާއީލުގެ އެންއެސްއޯ ކުންފުނިން އުފައްދާޛައިވާ މި ސޮފްޓްވެއާ ވިއްކަނީ ހަމައެކަނި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ ގައުމުތަކުގެ ތަންފީޒީ އިދާރާތަކަށާއި އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާތަކަށެވެ. އަދި އެ މުއާމަލާތް ހިންގަނީ ސޮފްޓްވެއާ ބޭނުން ކުރާނީ ހަމައެކަނި ޖިނާއީ އަދި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ކަމަށް ބުނާ ކޮންޓްރެކްޓެއްގައި ސޮއި ކުރުވުމަށްފަހުގައެވެ.

ފްރާންސުގެ ނަން ޕްރޮފިޓް މީޑިއާ އޯގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއަށް ލިބުނު ސިއްރު މައުލޫމާތުތަކަކާ ގުޅިގެން މީޑިއާ ކޮންސޯޓިއަމަކުން ކުރި ތަހުގީގަކުން ހާމަވި ގޮތުގައި ގައުމުތަކުން ގެންދިޔައީ ޕެގަސަސް ސޮފްޓްވެއާ ނަހަމަގޮތުގައި ބޭނުންކޮށް, ގައުމީ ސަލާމަތުގެ ކަންކަމާއި އެއްވެސް ކުށަކާ ނުބެހޭ މީހުންނާއި, އެކްޓިވިސްޓުންނާއި ނޫސްވެރިން ފަދަ މީހުންނަށް ފާރަލަމުންނެވެ. ދަ ގާޑިއަނުން ރިޕޯޔުކުރި ގޮތުގައި ޕެގަސަސް ގަތް ފަރާތްތަކުން ޖާސޫސުކުރަން ބޭނުންވާ 50,000 އަށްވުރެ ގިނަ ފޯނު ނަންބަރު ލީކުވެފައި ވެއެވެ.

އޭއެފްޕީއިންރޭ ރިޕޯޓުކުރި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ފާރަލަމުން އަންނަ 50،000 މީހުންގެ ތެރޭގައި އެ ގައުމުގެ ރައީސް އިމަނުއެލް މެކްެރޮން ހިމެނޭކަމަށެވެ. އަދި ހަމައެއާއެކު އޭނާގެ ސަރުކާރުގެ އިސްވެރިންގެ ނަމްބަރުތައްވެސް އެ ސޮފްޓްވެއާގައި ހިމެނޭކަމަށެވެ.

"އަހަރަމެންނަށް ފެނުނު މި ނަމްބަރުތައް. އެކަމަކު މެކްރޮންގެ ފޯނުން ލިބިގެން ޓެކްނިކަލް އެނަލިސިސް އެއް ހެދޭ ގޮތް ޔަގީނުންވެސް ނުވާނެ." ފޯބިޑަން ސްޓޯރީޒްގެ ހެޑް ލޯރެންޓް ރިޗާޑް ބުންޏެވެ.

ޕެގަަސަސް މެދުވެރިކޮށް ފޯނު ހެކް ކޮށްފައިވާކަން ނުވަތަ ހެކްކުރަން މަސައްކަތް ކޮށްފައިވާކަން އެނގެނީ ފޮރެންސިކް އެގްޒަމިނޭޝަނެއް ހެދުމުންނެވެ. މީގެ އިތުރުން މި މައްސަލައަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މެކްރޯންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

ލިސްޓުގައި 189 ނޫސްވެރިން ހިމެނޭ އިރު އޭގެ ތެރޭގައި އިންޑިއަން އެކްސްޕްރެސް، އޭއެފްޕީ، ސީއެންއެން، ނިއުޔޯކް ޓައިމްސް، އަލްޖަޒީރާ، ރޮއިޓާސް އަދި އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގެ މުވައްޒަފުން ހިމެނެ އެވެ. އަދި 2018 ވަނަ އަހަރު ތުރުކީގައި މަރާލި ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ އާއިލާގެ ދެ މެމްބަރަކުވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެތައް ސަތޭކަ ވިޔަފާރިތަކުގެ ވެރިންނާއި ދީނީ ލީޑަރުންނާއި މަދަނީ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ޔޫނިއަން އޮފިޝަލުންނާއި ސަރުކާރުތަކުގެ މެމްބަރުންވެސް ހިމެނެ އެވެ. އެގޮތުން ބައެއް ގައުމުތަކުގެ ކެބިނެޓް މިނިސްޓަރުންނާއި ރައީސުންނާއި ބޮޑުވަޒީރުންނާއި އަރަބި ޝާހީ އާއިލާތަކުގެ މެމްބަރުންވެސް ހިމެނެ އެވެ.

comment ކޮމެންޓް