ސާއިދުގެ ހަޔާތަށް އެޅުނު އަނދިރި ހިޔަނި: އެދެނީ ތިޔަބޭފުޅުންގެ އެހީއަށް

ސާއިދު އަހްމަދު: އޭނާ އެދެނީ ކިޑްނީ ބަދަލުކުރުމުގައި ހެޔޮހިތުން އެހީވެދޭނެ މީހެއް ލިބުމަށް

ސާއިދު އަހުމަދަކީ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. ސަންއެފްއެމުން 2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނިކުމެ މިއަދު ޕީއެސްއެމް ގައި މަސައްކަތްކުރާ ސާއިދަކީ ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓުކުރާ ހަރަކާތްތެރި ޕްރެޒެންޓަރެކެވެ. އެހެންނަމަވެސް އޭނާގެ މުޅި ހަޔާތް އަނދިރިވެގެންދިޔައީ މީގެ ތިން އަހަރު ކުރިން އެނާގެ ދެ ކިޑުނީވެސް ފެއިލްވިކަމުގެ ޚަބަރާއެކު އެޅުނު ހިޔަންޏާއެކުއެވެ.

ސާއިދު، އޭނާ ސިފަކުރަނީ ވަރަށް ހަރަކާތްތެރި "ފިޓު" މީހެއްގެ ގޮތުގައެވެ. ކިޑުނީ ފެއިލްވިކަން އެއިރު ނޭނގުނު ނަމަވެސް އޭނާ ކިޔައިދިން ގޮތުގައި، އާދަޔާ ޚިލާފަށް ވަރުބަލިވެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ ކަންބޮޑުވާ މިންވަރަކަށެވެ.

"ކުޑަކަމުދިޔަ އިރު ލޭ އައީމަ ދެން ދިޔައީ އޭޑީކޭއަށް. އޭޑީކޭއިން ބުނީ ލޭގެ ޕްރެޝަރުވެސް ވަރަށް މަތިކޮށޭ އުޅެނީ. އެހެންވެ އިތުރު ޓެސްޓުތަކެއް ހަދަންށޭ ޖެހޭނީ. ކިޑްނީ އެހާ ރަނގަޅަކަށް މަސައްކަތެއް ނުކުރެއޭ. ދެން ޖެހިގެން އައި ދުވަހު ކިޑްނީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކީމަ އެނގުނީ ކިޑްނީ މަސައްކަތް ނުކުރާކަން،" ސާއިދު "ސަން" އަށް ކިޔައިދިނެވެ.

އެހިސާބުން އޭނާއަށް ކިޑްނީގެ ބޮޑު ބައްޔެއްގެ ވޭން ތަހައްމަލުކުރަން ޖެހިފައިވާކަމުގެ އިހުސާސްކުރެވެން ފެށިއެވެ. ހިތްދަތިވެ މާޔޫސްވިކަމަށްވެސް އޭނާ ކިޔައިދިނެވެ.

"ޑޮކްޓަރު ބުނީ އަސްލު މިހާރު ތިއީ އެހާ ފިޓު މީހެއް ނޫނޭ. ޑޮކްޓަރު ބުނި އެ ވާހަކަ އިވުނީމަ މާޔޫސްނުވުމަށް. ދެން އެހިސާބުން އެނގިއްޖެ ވަރަށް ބޮޑުކަމެއް ގޯސްވެއްޖެކަން. އަޅުގަނޑު ބުނިން ހިތްވަރު ކުރާނަމޭ. ދެން އެހިސާބުން ބުނީ މިހާރުގެ ޓެސްޓުތަކުން ދައްކާ ގޮތުން ދެ ކިޑްނީ އިން އެއް ކިޑްނީއެއްވެސް މަސައްކަތެއް ނުކުރެޔޭ،" އޭނާ ބުންޏެވެ.

ޕީއެސްއެމްގެ ޕްރެޒެންޓަރު ސާއިދު އަހްމަދު (ވ)

ކިޑްނީ ފެއިލްވިކަމުގެ ޚަބަރާއެކު އޭނާގެ އަޒުމަކަށްވީ އަލުން އާންމު ހާލަތެއްގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމެވެ. އެގޮތުން އެތައް ފަހަރެއްގެ މަތިން ކިޑްނީއެއް ހަދިޔާކުރާނެ ފަރާތެއް ވޭތޯ އޭނާ މަސައްކަތްކުރިނަމަވެސް، އަދިވެސް އެފަދަ ނަސީބެއް އޭނާގެ އަތުގައި ނުހިފައެވެ. ކިޑްނީ ދޭނެކަމަށްބުނެ 12 މީހަކު އޭނާއަށް ޔަގީންކަންދިން ނަމަވެސް އޭގެތެރެއިން ނުވަ މީހުން ބޮޑު އޮޅުވާލުމަކުން އޮޅުވާލީއެވެ. އެއާއެކު ކިޑްނީ ހޯދުމަށް ކުރި މަސައްކަތުގައި ކުރިމަތިވީ އިތުރު ގޮންޖެހުންތަކެވެ.

"ބައެއް މީހުން އައިސް ބުނޭ ހަތް ލައްކަ ނުވަ ލައްކައަށް ކިޑްނީއެއް ވިއްކާލަފާނަމޭ. އެކަމު އަޅުގަނޑު ބުނަން އަޅުގަނޑަކީ ފައިސާވެރިއެއް ނޫނޭ. ﷲ އަށްޓަކައި އަޅުގަނޑަށް އެހީވެ ދެއްވުމަށް. އަޅުގަނޑު ނުދަން އެއްވެސް މީހެއްގެ ފަހަތަކުން ކިޑްނީއަށް އާދޭސްކުރަމުންނެއް. އެމީހަކަށް ފެނިގެން އަޅުގަނޑަށް އެހީވުމަށް އެދެނީ،" ސާއިދު ބުންޏެވެ.

ސާއިދު "ސަން" އަށް އޭނާގެ ވާހަކަ ހިއްސާކުރީ އަސަރާއެކުއެވެ. މި ބޮޑު ހިތްދަތިކަން އޭނާއާ ބައްދަލުކުރުމާއެކު ގާތުގައި އެކުގައި އުޅުނު އެކުވެރިންނާއި ރަހުމަތްތެރިންވެސް އޭނާއާ ދުރުވެގެން ދިޔަ ދިޔުން އޭނާ ސިފަކުރީ ކުރިމަތިވި އިތުރު ހިތްދަތިކަމެއްގެ ގޮތުގައެވެ.

"އެތައް ބަޔަކު ވަނީ އަޅުގަނޑު އެކަނި ދޫކޮށް ގޮސްފައި. އަޅުގަނޑަކަށް ނޭނގެ އޭގައި އަޅުގަނޑުގެ މައްސަލައެއް. ދިޔަ މީހެއްގެ ފަހަތަކުން ނުދެވޭނެތާ،" އަސަރާއެކު ސާއިދު ކިޔައިދިނެވެ.

މި ވޭން ތަހައްމަލުކުރަން ޖެހިފައިވީ ނަމަވެސް އޭނާގެ އަޒުމާއި ހިތްވަރުހުރީ ކިޑްނީއެއް ލިބި އަލުން އުފާވެރިކަމަށް ރުޖޫއަވެވޭނެ ދުވަހެއް ހޯދުމަށެވެ.

"އެންމެ ހިތްދަތިވަނީ ނެތް އުފަލެއްގެ ހިނިތުންވުން މޫނުމަތިން ދައްކަން ޖެހޭތީ،" ސާއިދުގެ ފަހު ބަހަކަށް އޭނާ ބުނެލިއެވެ.

ޕީއެސްއެމްގެ ޕްރެޒެންޓަރު ސާއިދު އަހްމަދު (ވ)

ސާއިދަށް އެހީތެރުވުމުގެ ގޮތުން ހާއްސަ ހަރަކާތެއް

ސާއިދަށް އެހީތެރިވުމުގެ ގޮތުން ގދ. ތިނަދޫ ޒުވާނުން އިސްނަގައިގެން މިހާރު އަންނަނީ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. މި ހަރާކަތަކީ ކުލަބު ހައުސްގައި ހިންގާ ހަރަކާތެކެވެ. އާންމުކޮށް ހުޅުވާލައިގެން ކުލަބު ހައުސްގައި ބާއްވާ ސެޝަންތަކުގައި ކިޑްނީ ހަދިޔާކޮށްފައި ތިބި މީހުންނާއި ކަމާ ގުޅުންހުރި ޑޮކްޓަރުންނާއި ނަރުހުންވެސް ބައިވެރިވާނެއެވެ. އަދި މައުލޫމާތު ހިއްސާކުރާނެއެވެ.

"ސަން" ގެ ޓީމުގެ ދުއާއަކީ ސާއިދުގެ އުންމީދުތައް ހަގީގަތަކަށްވެ، އޭނާއަށް ހެޔޮގޮތްތައް މިންވަރު ކުރެއްވުމެވެ. ހެޔޮހިތަކުން އެހީތެރިވާން ބޭނުން ފަރާތްތަކުން އޭނާއާ އެކަން ހިއްސާކޮށްދިނުމަށް ސައީދު އެދެއެވެ.

ސާއިދުގެ މޮބައިލް ނަމްބަރު: 7998981

މާލީ އެހީވުމަށް: 7701175423101 (ރުފިޔާ އެކައުންޓް)

comment ކޮމެންޓް