ހަޔާތުގައި ދިމާވި ހުރިހާ ހިތްދަތިކަމެއްގެ ސަބަބުން އަދިވެސް އޭނާގެ ނަފްސުގައި ބުނެދޭން ނޭނގޭ ހުސްކަމަކާއި ނުތަނަވަސްކަމެއް އަބަދާ އަބަދު ރަސްކަން ކުރަމުން ދަނީ އޭނާއަށް ލުޔެއް ނުލިބޭނެ ފަދަ ގޮތަކަށެވެ.

ބައްޕަ އޭނާއާ ބައްދަލުކުރީ ހަމައެކަނި އެ ވާހަކަ ބުނަންބާއޭ ރިއުމާންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެއް ބުނާ ޚިޔާލެއް ނުކުރިއެވެ.

"އަދިވެސް ގެއަށް އަންނާކަށް ބޭނުމެއްނުވޭތަ؟" ނާޝިދު އަނެއްކާވެސް ވާހަކަ ދެއްކީ އެއްޗެކޭ ނުބުނެ ރިއުމާން ގިނައިރުވާން ފެށުމުންނެވެ. ރިއުމާން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ނޫނެކޭތަ ތި ބުނީ؟" ނާޝިދު އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެއާއެކު ރިއުމާން ބޯ ޖަހައިލިއެވެ. ނާޝިދަށްވެސް އެކަމަށް ރިއުމާން އެއްބަސް ކުރިވުމަކީ އުނދަގޫކަމަކަށް ވާނޭ ކަމެއްކަން އެނގެއެވެ.

"އެކަމަކު އަދިވެސް މިކަމާ މެދު ވިސްނާލައްޗޭ..." އެހެން ބުނެލުމަށްފަހު، ނާޝިދު އަނެއްކާވެސް ފެށީ ވިޔަފާރިއާ ބެހޭ ވާހަކަތަކެކެވެ. އޭނާއާ ހަވާލުކުރެވުނު މަސައްކަތްތައް ދިޔަ ހިސާބުވެސް ރިއުމާން ތަފްސީލްކޮށް ނާޝިދަށް ކިޔައިދިނެވެ. އެ ދެމީހުން ގެއަށް ދިޔައީވެސް އެތަނުގައި އެތައް އިރަކު ވާހަކަދައްކަން ތިބެފައެވެ.

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ރިއުމާން ދިޔައީ އޮފީހަށެވެ. އޮފީހަށް ޕަންޗްއިން ކޮށްލުމަށްފަހު، އޭނާ އަނެއްކާވެސް މިސްރާބުޖެހީ ބޭރަށެވެ. އޭނާ ގެންގުޅޭ ނަންބަރު ބަދަލުކުރުމުގެ ނިޔަތުގައި އާ ސިމްއެއް ނަގައިގެން އަނބުރާ އޮފީހަށް އައިސް އޭނާ ލިފްޓާ ދިމާލަށް މިސްރާބުޖެހީ ހިނިތުންވެފައި ހުރެއެވެ. އޭނާގެ ސިކުނޑީގައިވަނީ ކީކޭކަމެއް ދެނެގަންނާކަށް ނޭނގެއެވެ. ހަވަނަ ފަންގިފިލާއަށް އާދެވުމާއެކު ކެބިންއާ ދިމާލަށް ލަސްފިޔަވަޅުތަކެއްގައި މިސްރާބުޖެހިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ރިއުމާން އޭނާގެ ކެބިންއަށް ވަތްއިރު، ކެބިންތެރެއިން ދުވަނީ ލުއި މީރުވަހެކެވެ. އޭނާ އައުމުގެ ކުރިން ކެބިން ސާފުކޮށްފައި ހުރިކަން އެކަމުން ދޭހަވެއެވެ. ރިއުމާން އެތެރެއަށް ނޭފަތް ދަމައިލީ އޭނާއަށް އެ ވަހުން ހިތްހަމަޖެހުން އިހުސާސްވީތީއެވެ. އޭނާ ގޮސް ގޮނޑީގައި އިށީނދެލިއެވެ. ފޯނު މޭޒުމަތީގައި ބަހައްޓަމުން އޭނާ ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ. އެއަށްފަހު ލެޕްޓޮޕް ހުޅުވައިލަމުން ގޮނޑީގައި ހަމަޖެހިލިއެވެ.

އެހެން އިނދެފައި ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައަކުން އޭނާ ވަތްގަނޑު ދަމާލާފައި، އޭގެތެރޭގައި އޮތް ޓްރާންސްޕޭރެންޓް ފައިލެއް ނެގިއެވެ. އެއަށްފަހު މިއަދު އޮންނަ މީޓިންއާ ގުޅޭ ލިޔުންތައް ހުޅުވައިލިއެވެ. ގަޑިއާ އެއްޗެހި ރަނގަޅަށް ޔަޤީން ކޮށްލުމަށްފަހު، އޭނާ އެ ފައިލް މޭޒުމަތީގައި ބޭއްވިއެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައުމާއެކު ބަލައިލެވުނެވެ. ރިއުމާން މެސެޖު ހުޅުވާ އޭގައި އޮތް އެއްޗެއް ކިޔައިލިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މީޓިން އޮތީ ނުވައެއް ޖަހާއިރުއެވެ. އޭނާއަށް އެޕޮއިންޓްމެންޓް ހަމަޖެހިފައި ވަނީ އެގާރަ ޖަހާއިރަށެވެ. އެހާ އިރަށް މީޓިން ނިމޭނެކަމުގެ ޔަޤީންކަން އޮތީތީ އެއްވެސް ކަމެއް ކެންސަލް ކުރާކަށް ރިއުމާން ގަސްތެއް ނުކުރެއެވެ.

މަސައްކަތުގައި މަސްއޫލުވެގެން އިންދާ މީޓިން ފެށޭ ގަޑިވެސް އައިސް ޖެހުމާއެކު، މަސައްކަތް ބަހައްޓާފައި ރިއުމާން ތެދުވީ މީޓިން ރޫމަށް ދިޔުމުގެ ބޭނުމުގައެވެ. އެތެރެއަށް ވަތްއިރު ފުދޭވަރަކަށް ގިނަ މީހުން އެތެރޭގައި ތިއްބެވެ. އޭނާ ވެސް ގޮސް އޭނާއަށް ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު ހަމަޖެހިލިއެވެ. ނަސީބަކުން ދިހަގަޑި ބައިވާން އުޅެނިކޮށް މީޓިން ނިމިއްޖެއެވެ. އޭނާ ގޮސް ކެބިންއަށް ވަނުމަށްފަހު، ފުންނޭވާއެއް ދޫކޮށްލާ ޓައީ ރަނގަޅުކޮށްލިއެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން ގޮނޑީގައި އިނެވެ. ދިހަ ގަޑި ސާޅީސް ފަހެއް ހިނގުމާއެކު ރިއުމާން ތެދުވެލިއެވެ. އެއަށްފަހު އޭނާ ނުކުންނަ ދޮރާ ދިމާލަށް ހިނގައިގަތެވެ. ތިރިއަށް ދިޔައިރު މާގިނަ މީހުން ހަރަކާތްތެރިވާތަނެއް ނުފެނެއެވެ. އޭނާ ގޮސް އޮފީހުން ނުކުމެލާ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ.

ކާރަށް އަރާ ދުއްވައިލި ރިއުމާންގެ މިސްރާބުހުރީ ކުރިން ދުވަހު އޭނާ އަޒްހާއާއެކު ދިޔަ ކްލިނިކްއާ ދިމާލަށެވެ. ކްލިނިކާ ކައިރިން ކާރު ޕާކުކޮށްލާނެ ރަނގަޅު ޖާގައެއް ނުލިބުމުން ތަންކޮޅެއް ދުރުގައި ކާރު ބާއްވާފައި ރިއުމާން ކްލިނިކާ ހިސާބަށް ދިޔައީ ހިނގާފައެވެ. ކުރެވެން އުޅޭ ކަންތަކާ މެދު އޭނާގެ ހިތުގައި ސުވާލުތައް އުފެދި ފުނިޖެހެމުން ދިޔައެވެ. ހިތަށް ވިސްނައިދިނަސް ސިކުނޑި ބައެއް ފަހަރު އޭނާގެ އަމަލުތަކާ ނުރުހޭހެން އޭނާއަށް ހީވަނީއެވެ. އުދާސްކަން އެކުލެވިގެންވާ ފަދަ ފުންނޭވާއެއް ދޫކޮށްލަމުން، ރިއުމާން ގޮސް ކްލިނިކްގެ ނަން ޖަހާފައިވާ ދިމާލުގައި މަޑުކޮށްލިއެވެ. އެއަށްފަހު ފޯނު ނަގާ އެތަނުގެ ފޮޓޯއެއް ފޯނުން ނަގައިލިއެވެ. އަދި އެތެރެއަށް ވަދެލިއެވެ. އޭރު އެތެރޭގައި ހުރި ގޮނޑިތަކުގައިވެސް ކޮންމެވެސް ވަރަކަށް މީހުން މަޑުކޮށްލައިގެން ތިއްބެވެ.

"އެކްސްކިއުޒް މީ..."

"ޔެސް..."

ކައުންޓަރާ ކައިރިވެލުމަށްފަހު، ރިއުމާން އޭނާގެ ފޯނަށް އައި މެސެޖު އެތަނުގައި އިން ކުއްޖާއަށް ދައްކައިލުމާއެކު އެ ކުއްޖާ ފަރުވާތެރިކަމާއެކު، އެ ފޯނަށް އިރުކޮޅަކު ބަލަން އިނެވެ. އެއަށްފަހު ރިއުމާންގެ އައިޑީ ކާޑު ދިނުމަށް އެދުނެވެ. ރިއުމާން އޭނާގެ ޖީބުގައި އޮތް ވޮލެޓް ނަގާ، އެ ކުއްޖާ އެދުނުގޮތަށް އައިޑީ ކާޑު ދިއްކޮށްލިއެވެ. އެތަނުގައި އިން ކުއްޖާ މެމޯ ކޮޅު ހައްދައިލުމަށްފަހު، ރިއުމާންއާ މެމޯ ކޮޅާއެކު އައިޑީ ކާޑުވެސް ހަވާލުކޮށްލިއެވެ. ރިއުމާން މެމޯއަށް ބަލަމުން ގޮސް ގޮނޑީގައި އިށީނދެލިއެވެ. އޭނާއަށް ލިބިފައިވަނީ ދެވަނަ ކިއު ނަންބަރެވެ.

ރިއުމާން ތުންފަތުގައި ދޫހާކައިލަމުން ހިކިފައިވި ތުންފަތް ތެމްމައިލުމާއެކު އޭނާ ބޭރުގައި ހުރެ ނެގި ފޮޓޯއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނެވެ. އެއަށްފަހު އޭނާ އެ ފޮޓޯގަނޑު ސަޖަލްއަށް ފޮނުވައިލިއެވެ.

***

އައިސީޔޫ ވެއިޓިން އޭރިޔާގައި މަޑުކޮށްލައިގެން އިން ސަޖަލްގެ ފޯނަށް މެސެޖެއް އައުމާއެކު، އޭނާއަށް ސިހިފައި ފޯނަށް ބަލައިލެވުނެވެ. ޑޭޓާ ޖެއްސިފައިއިންކަން ވެސް އޭނާއަަށް ރޭކާލީ ދެނެވެ. ވައިބާ ހުޅުވައިލާ މެސެޖު ބަލައިލުމާއެކު ވައިބާއަށް ލާފައިއިން ރިއުމާންގެ ފޮޓޯގަނޑު ފެނި ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފޮނުވާފައިވަނީ ދި ހެލްޕް ކްލިނިކްގެ ފޮޓޯގަނޑެކެވެ. އޭނާ އެ މެސެޖަށް ބަލަން އިންދާ އޭނާއަށް ދެވަނަ މެސެޖެއްވެސް ލިބުނެވެ.

މިފަހަރު އޮތީ މެމޯ ކޮޅެކެވެ. ސަޖަލްއަށް އެ މެމޯ ކޮޅުގައިލިޔެފައިވީ އެއްޗެއް ކިޔައިލެވުނެވެ. ސައިކޮލޮޖިސްޓަކަށް ދައްކަން ރިއުމާން ހައްދާފައިވާ މެމޯ ކޮޅު ފެނި ސަޖަލްގެ ސިކުނޑި ހުސްވިފަދައެވެ. އޭނާއަށް ވިސްނައިގަންނާނޭ ގޮތެއް ވެސް ނޭނގުނެވެ. ރިއުމާން ހަމަ ހަޤީގަތުގައިވެސް މީހެއްގެ އެހީތެރިކަމަށް އެދެނީބާއޭ ސަޖަލްގެ ހިތަށް އެރިއެވެ. އޭނާ އެހެން އިންދާ އަނެއްކާވެސް ރިއުމާންގެ މެސެޖެއް އައެވެ.

"އައި މިސް ޔޫ..." މެސެޖުގައި ލިޔެފައި އޮތެވެ. ސަޖަލްއަށް އިނީ ކަންތައްކުރަންވީ ގޮތް ނޭނގިފައެވެ. ރިއުމާންއަށް ޖަވާބު ދޭނެ ގޮތެއްގެ ޚިޔާލެއްވެސް އޭނާގެ ސިކުނޑިއަކަށް ނާދެއެވެ. އެހެން އިންދާ އަނެއްކާވެސް މެސެޖެއް އޭނާއަށް ލިބުނެވެ. ހަމަ ރިއުމާންގެ މެސެޖެކެވެ.

މިފަހަރު ބުނެފައިއޮތީ ސަޖަލްއަށް އޭނާގެ މެސެޖްތައް ފެނިއްޖެނަމަ އޭނާ ބްލޮކް ނުކޮށް ވާހަކަދެއްކުމަށެވެ. އަދި އޭނާ ބަދަލުވެގެން އައިސްފިނަމަ ސަޖަލް އޭނާއަށް އިތުރު ފުރުސަތެއް ދޭނުތޯ އަހާފައެވެ. އެ ސުވާލަށްވެސް ދޭނެ ޖަވާބެއް ސަޖަލްއަކަށް ނޭނގުނެވެ. އޭނާއަށް ހުއްޓުން އަރާފައި އިނދެވުނީއެވެ. ސަޖަލް އެތަނުގައި އިންދާ ބޮޑުދައިތަ ޖަލީލާ އައިސް ސަޖަލް ކައިރީގައި ގެއަށް ގޮސް ކުޑަކޮށް ނިދާލުމަށް އެދުނެވެ. މިފަަހަރު ސަޖަލްވެސް ޖަލީލާގެ ބަހާ ދެކޮޅު ހެދުމެއްނެތި އެއްބަސްވީ ޚުދު އޭނާވެސް ވަރަށް ބޮޑަށް ވަރުބަލިވެފައި ހުރުމުންނެވެ. ދިޔުމުގެ ކުރިން ކަމެއް ވެއްޖެނަމަ އޭނާއަށް ގުޅަން ސަޖަލް އެދުނެވެ.

ގެއަށް ގޮސް އެންމެ ފުރަތަމަވެސް ސަޖަލް ފެންވަރާ ތާޒާ ވެލިއެވެ. އެއަށްފަހު، އޭނާ އެނދުގައި އޮށޯވެލިއެވެ. މާގިނަ އިރެއްނުވެ، ސަޖަލްގެ ލޮލަށް ވެސް ނިދި ސަވާރުވާގޮތްވިއެވެ. އިސާހިތަކު އޭނާއަށް ނިދުނެވެ. ސަޖަލްއަށް ދެން ހޭލެވުނީ އަސުރު ބަންގިއަށެވެ. އޭނާ ތެދުވެ ފެންވަރައިގެން ނަމާދުކޮށްލައިގެން ބައްޕަ ކައިރިއަށް ދާންވެގެން ނުކުތެވެ.

ސައިކަލަށް އަރާ އާދައިގެ ވަރެއްގެ ދުވެލި ބަހައްޓައިގެން ސަޖަލް ހޮސްޕިޓަލާ ހިސާބަށް ދިޔައެވެ. ސައިކަލު ޕާކުކޮށްލަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހޮސްޕިޓަަލަށް ވަނެވެ. އައިސީޔޫ ވެއިޓިން އޭރިޔާއަށް ވަތްއިރު ޖަލީލާ ގޮނޑީގައި އިނެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެފައި މީހަކު ވަތްހެން ހީވުމާއެކު އޭނާ އިސްއުފުލައިލިއެވެ. އެއާއެކު ސަޖަލް ފެނުމުން އޭނާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ. އަތުން އިޝާރާތް ކޮށްލުމާއެކު ސަޖަލް އައިސް ޖަލީލާގެ އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އޭނާ ޑޮކްޓަރު ސަޖަލް ދިޔަފަހުން ދެއްކި ހުރިހާ ވާހަކައެއް ސަޖަލްއަށް ކިޔައިދިނެވެ. ރަޝާދުގެ ޙާލު ރަނގަޅުވަމުންދާ ކަމުގައި ޖަލީލާ ބުނުމާއެކު ސަޖަލްއަށް އެންމެ ފުރަތަމަވެސް ޝުކުރު ކޮށްލެވުނީ ﷲ ގެ ހަޟްރަތަށެވެ.

"އިންޝާ ﷲ... ހުރިހާކަމެއްވެސް ރަނގަޅުވާނެ.... ޖަލިއްތަ ގެއަށް ގޮސްލަނީ އިނގޭ ދެން... މާދަމާ ހެނދުނު އަންނާނަށް. ނޫނީ މިރޭވެސް އާދެވޭތޯ ބަލައިލާނަން..." ޖަލީލާ ބުނެލިއެވެ.

"އޯކޭވާނެ މާދަމާ ހެނދުނު އަޔަސް. މިރޭ މަޑުކުރާ ގޮތަށޭ މިއައީ..." ސަޖަލް ބުނެލިއެވެ. އޭނާ ޖަލީލާއަށް ޝުކުރު އަދާކޮށްލުމާއެކު، ޖަލީލާ ސަޖަލްގެ ބޮލުގައި ފިރުމައިލަމުން ހިނިތުންވެލިއެވެ. އެއަށްފަހު އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

އައި.ސީ.ޔޫ ގައި އޮންނަތާ ހަފްތާއެއްހާ ދުވަސްފަހުން ރަޝާދުގެ ޙާލު ރަނގަޅުވެ ރަޝާދު ޕްރައިވެޓް ރޫމްތައް ހުންނަ ވޯޑަކަށް ބަދަލުކުރެވުނެވެ. އެ ވޯޑަށް ރަޝާދު ބަދަލުކުރެވުނީ ހެނދުނުގެ ވަގުތެއްގައެވެ. އެ ގަޑީގައި ޖަލީލާ ވެސް ހޮސްޕިޓަލުގައި ހުއްޓެވެ. އޭނާ ގެއަށް ދިޔައީ ސަޖަލް ރަޝާދު ކައިރީގައި މަޑުކުރާނެ ކަމުގައި ބުނުމުންނެވެ.

ޖަލީލާ ދިޔުމާއެކު ސަޖަލްވެސް އެނދުގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ރަޝާދުވެސް އޮތީ ހޭލައެވެ. ސަޖަލް ކަރުހިއްކައިގަނެގެން ބަލައިލިއިރު ފެންފުޅިއެއް ނެތުމުން އޭނާ ފެންފުޅިއެއް ގަންނަން ވެގެން ނުކުމެގެން ހޮސްޕިޓަލް ކެންޓީނާ ދިމާލަށް ހިނގައިގަތެވެ. ދެ ފެންފުޅި ގަނެގެން އެތެރެއަށް ވަދެގެން ވަކި ހިސާބަކަށް ދެވުނުތަނާ ޒާމިން އޭނާގެ ލޮލުގައި އަޅައިގަތެވެ.

"ޒިމް..." ޒާމިންއާ އަރާ ހަމަކޮށްލަމުން ސަޖަލް ގޮވައިލިއެވެ.

"ސަޖޫ.... " ތަނުގެ އެތެރޭގައި ހިނގަމުންދިޔަ ކަންތައްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހިނގަމުންދިޔަ ޒާމިން ސިހުނީ އޭނާގެ ނަމުން މީހަކު ގޮވައިލުމާއެކުއެވެ. އެނބުރި ބަލައިލުމާއެކު ސަޖަލް ފެނިގެން ޒާމިންވެސް ހިނިތުންވެލިއެވެ.

"ކީއްކުރަނީ މިތާ؟" ސަޖަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"މީ އަނެއް... ފްރެންޑެއް ފައި ބިނދިގެން އެޑްމިޓްކޮށްގެން އުޅޭތީ ގޮވައިލަން ވެގެން މިއައީ... ބައްޕަ ކިހިނެއްތަ؟" ޒާމިން ސުވާލުކޮށްލިއެވެ.

"އަލްޙަމްދު ﷲ ، މިހާރު ވަރަށް ބޮޑަށް ރަނގަޅު. ވޯޑަށް ބަދަލުވެސް ކޮށްފި. ކޮން ދިމާލަކަށް ތި ދަނީ؟" ސަޖަލް ސުވާލުކޮށްލުމާއެކު، ޒާމިން އޭނާ ދާ ތަން އޮޅުން ފިލުވައިލިއެވެ.

"އަހަރެން ބައްޕަވެސް އޮތީ ހަމަ ތި ވޯޑޫން ކޮޓަރިއެއްގައި..." އެހެން ބުނުމަށްފަހު ސަޖަލް ލުއިކޮށް ހީލިއެވެ. ޒާމިންވެސް ސަޖަލްއާއެކު ހިނގައިގަތެވެ. ދެމީހުން އާދައިގެ ވަރެއްގައި ހިނގަމުން ދިޔައެވެ. ވޯޑަށް ވަދެގެން ގޮސް އޭނާގެ ބައްޕަ އޮތް ކޮޓަރިއާ ހިސާބުގައި ހުއްޓިފައި ސަޖަލް ޒާމިންއަށް ބަލައިލިއެވެ.

"ދަނީ އިނގޭ..." ދޮރުގެ ތަޅުގައި ހިފަމުން ސަޖަލް ބުނެލިއެވެ.

"އަހަންނަށް ގޮވައިލަން ވަދެވިދާނެތަ؟ އާދެވުނު ފަހަރު ވީމަ..." ޒާމިން ނުބުނަން ހުރެފައިވެސް އެންމެ ފަހުން ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ދެ ބުމަ އަރުވައިލެވުނެވެ.

"ކިހިނެއްވީ؟ އޭޒް އަ ފްރެންޑް އަހަންނަށް ގޮވައިލަން ނުވަދެވޭނެތަ؟" ޒާމިން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫނޭ... އަހަރެން އެހެންނެއް ނުބުނަމެއްނު... އެކަމަކު.... އާ އޯކޭ... ހިނގާ" ސަޖަލް ބުނެލިއެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ސަޖަލް، ޒާމިންއަށް ބަލައިލަމުން ލުއި ހިނިތުންވުމެއް އަނެއްކާވެސް ހަދިޔާކޮށްލިއެވެ. ސަޖަލް ތަޅުގައި ހިފާލާފައި އެތެރެއަށް ވަނުމާއެކު ޒާމިންވެސް ސަޖަލްގެ ފަހަތުން އެތެރެއަށް ވަދެލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު