ވެލިދޫ ޒުވާނުންގެ އީދު ހަދިޔާ: 400 ފޮތިކޮތަޅު ބަހައިފި

ނ. ވެލިދޫ ޒުވާނުންގެ ފަރާތުން އެރަށު ގެތަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުން --- ފޮޓޯ: އަހްމަދު އަމީލް، ނ. ވެލިދޫ

ނ. ވެލިދޫ ޒުވާނުން އިސްނަގައިގެން އެރަށުގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ބަހައިފިއެވެ.

ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުމުގައި އިސްކޮށް އުޅުނު ޒުވާނަކު "ސަން" އަށް ކިޔައިިދިން ގޮތުގައި އެއީ އަޟްހާ އީދާ ގުޅިގެން ރަށުގެ ރައްޔިތުންނަށް ދިން ހަދިޔާއެކެވެ.

"އެގޮތުން ގާތްގަނޑަކަށް 400 ވަރަކަށް ކޮތަޅު ހަދިޔާކުރެވިފައިވަނީ. ކޮންމެ ގެއަކަށް ކޮތަޅެއް،" ޒުވާނުންގެ ފަރާތުން ވާހަކަދެއްކި އަހްމަދު އަމީލް ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ހިންގުމަށް ރާވަމުން އަންނަކަމަށެވެ.

ނ. ވެލިދޫ ޒުވާނުންގެ ފަރާތުން އެރަށު ގެތަކަށް ތިމާވެއްޓާ ރައްޓެހި ކޮތަޅު ބެހުން --- ފޮޓޯ: އަހްމަދު އަމީލް، ނ. ވެލިދޫ

ތިމާވެއްޓާ ގުޅޭ މައުލޫމާތު ރަށުގެ ރައްޔިތުންނަށް ދީ ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެކަމަށް ޒުވާނުން ބުންޏެވެ.

އެ ހަރަކާތުގެ އެންމެ ބޮޑު މަގްސަދަކީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމުން ދުރުވެ ދެމެހެއްޓެނިވި ގޮތެއްގައި ފޮތިކޮތަޅު ބޭނުންކުރެވޭނެ މަގެއް ފަހިކޮށްދިނުން ކަމަށް ވެސް ޒުވާނުން ބުންޏެވެ.

"އަޅުގަނޑުމެންނަކީ ރަށު ފެންވަރުގައިވެސް ފެށުނީއްސުރެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން މަސައްކަތްކުރާ ބައެއް،" އަމީލް ބުންޏެވެ.

މިއަދު ހަދިޔާކުރި ފޮތިކޮތަޅުގެ ބޭނުން ރަށުގެ ރައްޔިތުން ހިފައި ޕްލާސްޓިކް ކޮތަޅާ ދުރުވުމަކީ ޒުވާނުންގެ އެންމެ ބޮޑު އެދުމެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭނެ ކަންކަމުން ދުރުވެ ރަށުގެ ވެށި ރައްކާތެރިކުރުމަށް ރަށުގެ ރައްޔިތުން މަސައްކަތްކުރުމަށްވެސް ޒުވާނުން ވަނީ އެދިފައެވެ.

އީދާ ދިމާކޮށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ޒުވާނުން އިސްނަގައިގެން އަންނަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.

comment ކޮމެންޓް