ސިޔާސީ މަސްރަހުގެ ތެރެޔަށް އަލަށް ވުޖޫދުވާ ކުދިކުދި ޕާޓީތަކަށް ކުރެވޭނެ މާ ބޮޑުކަމެއް ނޯންނާނެކަމަށް އިދިކޮޅު ކޯލިޝަން މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ކުރިޔަށް ދިޔަ ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ދަނޑިވަޅުގައި ޕީޕީއެމް ތެރޭ ބައިބައިވުން އުފެއްދުމަށް އެ ޕާޓީގެ ވާދަވެރިން ތަފާތު މަސައްކަތްތައް ކުރަމުން އަންނާނެކަމަށެވެ. އަދި އޭގެ ތެރޭގައި އާ ޕާޓީތައް އުފައްދަން ގިނަ ބަޔަކު މަސައްކަތް ކުރާކަމަށާއި އެހެންނަމަވެސް އެކަމުން މާ ބޮޑު އަސަރެއް ކުރާނެ ތަނެއް ނުފެންނަކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ޕާޓީ ހަދަން ވަރަށް ގިނަ ބޭފުޅުން މަސައްކަތް ކުރައްވާ. އެކަމަކު އަޅުގަނޑުމެންނަކަށް ނުފެނޭ ޕާޓީ ހެދޭ ތަނެއް. ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ނިކަން ބައްލަވާ. މާ ގިނަ ފިކުރުތަކެއް ނުއެއް އުފެއްދޭނެ. އަބަދުވެސް ދެ ޕާޓީ ދެ ޕާޓީ ވެރިކަން ބަދަލުކުރާނީ. ކުދިކުދި ޕާޓީތަކަށް މާ ބޮޑު ކަމެއް ނުކުރެވޭނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިނާކުރަނިވި ފިކުރަކީ ރައީސް ޔާމީންގެ ފިކުރުކަމަށެވެ. އަދި ގައުމު ސަލާމަތްކުރުމަށް މިހާރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ ވެރިކަމަށް ގެންނަން ޖެހޭކަމަށެވެ. އަބްދުއްރަހީމް އިތުރަށް ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބު އަންނަންވާއިރަށް ޕީޕީއެމަށް އެއްލައްކަ މެމްބަރުން ހަމަކުރަން ޖެހޭކަމަށެވެ. އަދި އެއީ އިތުރު ޕާޓީތަކެއް ޕީޕީއެމް އާ ވާދަކުރަން ބިރުގަންނާނެ ސަބަބެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރައްވަން އެއްވެސް ޑީލެއް ނުހަދާނެކަމަށާއި އިދިކޮޅު ކޯލިޝަން ގެ ލީޑަރަކީ ރައީސް ޔާމީންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފިއެވެ.
"މީގެން އެއްވެސް ވާހަކައަކަށް އަޅުގަނޑުމެން ޖާގަ ދީގެންނެއް ނުވާނެ. އަޅުގަނޑުމެން ތިބެންވާނީ ފިސާރި ސާބިތުކަމާއެކީގައި، ރައީސް ޔާމީނަކީ ޑީލު ހައްދަވާނެ ބޭފުޅެއް ނޫން. އެއްވެސް ބޭފުޅަކާއެކީގައި ރައީސް ޔާމީން ޑީލް ނުހައްދަވާނެ. ރައީސް ޔާމީން ކުރައްވާ ސިޔާސީ މަސައްކަތެއް ކުރައްވާނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި." އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ޑީލް ނުހައްދަވާނެ ހަމައެކަނި ބޭފުޅަކީ ރާއިސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަން ޖެހިފައިވާކަމަށެވެ. އަދި ސިޔާސީ ފިކުރުތައް އެއްފަރާތްކޮށް މަސަައްކަތް ކުރަން ޖެހޭކަމަށެވެ.
"މި މަސައްކަތް ކުރައްވަން ބައްލަވާއިރު ހަމައެކަނި ގައުމީ ޕްލެޓްފޯމެއްގެ ގޮތުގައި ފެނިގެންދާނީ ޕީޕީއެމް-ޕީއެންސީ އެކަނި،"
"މާދަން ވެރިކަމަށް އެރުމަށް ފަހު އަޅުގަނޑުމެންނަށް ނޭނގޭ ދައްކަން ޖެހޭނީ ކިހާ ފައިސާއެއް ކަމެއް. މިއަދު އަޅުގަނޑުމެންނަކަށް ނޭނގޭ ބޭރުގެ ބާރަކަށް ދީފަ އޮތީ ކޮން ތަންތަނެއްކަމެއް." އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް އެ ޖަލްސާއަކީ "މަވެސް ޕީޕީއެމް" ކެމްޕެއިންގެ ދަށުން އެ ޕާޓީއަށް ތިން މެންބަރުން އަލަށް ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާއެކެވެ. އެގޮތުން މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް، ގާނޫނީ ވަކީލް ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި އެމްޑީޕީގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވެސް ވަނީ ރޭގެ ޖަލްސާގައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.