ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ޕީޕީއެމަށް ސޮއިކުރައްވަނީ

މަލީހް ނޫސްވެރިންނައް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ މިނިސްޓަރު އޮފް ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް އިދިކޮޅު ޕީޕީއެމްއާ ގުޅިވައިޑައިގަންނަވަން ނިންމައިފިއެވެ.

މަލީހް ޕީޕީއެމްއަށް ސޮއިކުރައްވާނީ މިރޭ 21:00 ގައި އޮންނަ ރަސްމިއްޔާތެއްގައެވެ. ޕީޕީއެމްއިން ބާއްވާ އިވެންޓުގެ މާ ބޮޑު ތަފްސީލެއް އެ ޕާޓީއިން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެ އިވެންޓުގައި މަލީހް ޕީޕީއެމްއަށް ސޮއިކުރައްވާނެކަން "ސަން" އަށް ވަނީ ކަށަވަރުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފުރަތަމަ ކޮމިއުނިކޭޝަން, ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަން ކުރެއްވި މަލީހް ޖަމާލް އެ މަގާމުން ވަކިކުރީ މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ރައްޔިތުން މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ޖުމްހޫރީ ޕާޓީއަށް އޭރު ނިސްބަތްވި މަލީހު މަގާމުން ވަކިކުރީ އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވި 59 މެންބަރުންގެ ވޯޓުންނެވެ. އެ ވޯޓުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުންވެސް ވަނީ މަލީހު ވަކިކުރުމަށް ވޯޓުދޭން ފާސްކޮށްފައެވެ.

އެ ވޯޓަށް ހަފްތާއެއް ނުވަނީސް މަލީހު ވަނީ އޭނާ މިހާރު ގަސްދުކޮށްގެން ނިކުމެ ހުރީ ވެރިކަން ކުރާ އެމްޑީޕީއާ އިދިކޮޅަށްކަމަށާއި އެހެންނަމަވެސް އަދި އިދިކޮޅު ކޯލިޝަނާއި ގުޅިވައިޑައިގަންނަވަން ނުނިންމާކަމަށް ވިދާޅުވެފައެވެ. އަދި މާޗް 10 ވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގެންފައެވެ.

ވެރިކަން ކުރާ އެމްޑީޕީގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވި އެއް މިނިސްޓަރުކަމުގައިވާ މަލީހު އަކީ އިތުބާރު ނެތް ކަމަށް 19 ވަނަ މަޖިލީހުން ފާސްކޮށްގެން މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.

އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް ބައެއް މެންބަރުން ވަނީ މަލީހު މިނިސްޓަރު ކަމުގައި ހުންނަވައިގެން އިދިކޮޅާއެކު މަސައްކަތް ކުރަމުންދާކަމަށް އޭރު ތުހުމަތުކޮށްފައެވެ. އަދި މިނިސްޓްރީގެ ކާރުކޮޅުގައި އިދިކޮޅު މެންބަރުންނާއެކު މަލީހު އުޅުއްވާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކޮށްފައެވެ. އޭގެ އިތުރުންވެސް މަގާމުގެ މަސައްކަތާއި ޒިންމާ މަލީހު އެންމެ އެދެވޭ ގޮތަށް ނުކުރާކަމަށްވެސް ގިނަ މެމްބަރުންތަކެއް ވަނީ ތުހުމަތުކޮށްފައެވެ.

ދިފާއުގައި މަލީހު ވަނީ މަޖިލީހުން އޭނާ ވަކިކުރަން ނިންމީ ޓީވީ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކެއް ހަޖަމުނުވެގެން ކަމަށް އޭރު ވިދާޅުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެފައިވާ ކަމަށާއި ގާނޫނު އަސާސީ ތަރިކަ މުދަލަށް ހަދާފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުކަމުގައި މަލީހުއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ އިންޓަނެޓްގެ އަގުތައް ދަށްކުރުމަށް މަސައްކަތްތަކެއް ނުކުރައްވާކަމަށް ބުނެއެވެ. އެހެންނަމަވެސް މަލީހު ވަނީ މިނިސްޓަރުކަމުގައި ހުންނަވައިގެން އެ މިނިސްޓްރީއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ރައީސް އޮފީހަށް އެކަންކަން ފާސްކުރުމަށް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ނުކުރެވިގެން އުޅެނީ އެ މިނިސްޓްރީގެ މައްސަލައަކުން ނޫންކަމަށް ވިދާޅުވެފައެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށްފަހު ރައީސް ސޯލިހު ވަނީ ޓެކްނޮލޮޖީ މިނިސްޓްރީއާއި އެންވަޔަރަންމެންޓް މިނިސްޓްރީ އެއްކުރައްވައި އެތަނުގެ މިނިސްޓަރުކަމަށް ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އައްޔަނުކުރައްވާފައެވެ. އޭގެ ފަހުން މޭ 27 ވަނަ ދުވަހު ރާއްޖޭގެ އިންޓަނެޓްގެ އަގުތައްވެސް ވަނީ ދަށްކޮށްފައެވެ.

comment ކޮމެންޓް