ސަރުކާރުތަކަށް ވިއްކާ ހެކިންގް ސޮފްޓްވެއާއަކުން ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް ފާރަލިކަން ފަޅާއަރައިފި

އެންއެސްއޯއިން ބުނާ ގޮތުގައި އެ ކުންފުނީގެ ހެކިން ސޮފްޓްވެޔާ ޕެގަަސަސް ވިއްކަނީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރާ ގައުމުތަކަށް -- ފޮޓޯ: ގެޓީ

ލަންޑަން (ޖުލައި 19): އިސްރާއީލްގެ ކުންފުންޏަކުން ހަމައެކަނި ސަރުކާރުތަކަށް ވިއްކާ ހެކިން ސޮފްޓްވެއާއެއްގެ އަމާޒަކަށްވި ކަމަށް ބެލެވޭ ފޯނު ނަމްބަރުތަކުގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުންނާއި ނޫސްވެރިންނާއި ސިޔާސީ އިސް ފަރާތްތަކުގެ ނަމްބަރުތައް ހިމެނޭ ކަމަށް 17 މީޑިއާއެއް ގުޅިގެން ހިންގި ތަހުގީގަކަކުން ހާމަވެއްޖެއެވެ.

ފްރާންސުގެ ނަން ޕްރޮފިޓް މީޑިއާ އޯގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއަށް ލިބުނު ސިއްރު މައުލޫމާތުތަކެއްގެ އެހީގައި 17 މީޑިއާއަކުން ތަހުގީގު ކޮށްފައި ވަނީ އިސްރާއީލްގެ އެންއެސްއޯ ކުންފުނިން ވިއްކާ ސޮފްޓްވެއާއެއް ކަމަށްވާ ޕެގަސަސްއެވެ. އަދި އެ ތަހުގީގަށް ދީފައިވާ ނަމަކީ ޕެގަސަސް ޕްރޮޖެކްޓެވެ.

ޕެގަސަސްއަކީ އައިފޯނާއި އެންޑްރޮއިޑް ފޯނުތަކަށް ވާސިލުވެއްޖެ ނަމަ، އެ ފޯނެއްގެ މެސެޖުތަކާއި ފޮޓޯތަކާއި އީމެއިލްތައް ބަލަން ފުރުސަތުދޭ ސޮފްޓްވެއާއެކެވެ. އަދި އޭގެއިން ފޯނު ކޯލްތައް ރެކޯޑުކޮށް، މައިކްރޯފޯނާއި ކެމެރާ ޖެއްސުމުގެ ބާރުވެސް ސޮފްޓްވެއާ އޮޕަރޭޓު ކުރާ މީހަކަށް ލިބިދޭނެ އެވެ.

އެންއެސްއޯއިން ބުނި ގޮތުގައި އެ ކުންފުނިން ޕެގަސަސް ވިއްކަނީ ހަމައެކަނި އިންސާނީ ހައްގުތަކަށް އިހުތިރާމު ކުރާ ގައުމުތަކުގެ ތަންފީޒީ އިދާރާތަކަށާއި އަސްކަރިއްޔާއަށާއި ޖާސޫސީ އިދާރާތަކަށެވެ. އަދި އެ ސޮފްޓްވެއާ ބޭނުން ކުރާނީ ހަމައެކަނި ޖިނާއީ އަދި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކާ ގުޅިގެން ކަމަށް ބުނާ ކޮންޓްރެކްޓެއްގައި ސޮއި ކުރުވުމަށް ފަހު އެވެ.

ޕެގަސަސް ޕްރޮޖެކްޓުން ރިޕޯޓު ކުރި ގޮތުގައި އެ ސޮފްޓްވެއާ ގަތް ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި އަަޒަރުބައިޖާން، ބަހުރައިން، ހަންގޭރީ، އިންޑިއާ، ކަޒަކްސްތާން، މެކްސިކޯ، މޮރޮކޯ، ރުވަންޑާ، ސައުދީ އަރަބިއާ، ޓޯގޯ އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ހިމެނެ އެވެ.

އެންއެސްއޯއިން އެފަދައިން ބުނެފައި ވަނިކޮށް، ޕެގަސަސް ގަތް ފަރާތްތަކުން ޖާސޫސު ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ 50،000އަށް ވުރެ ގިނަ ފޯނު ނަމްބަރު ވަނީ ލީކުވެފަ އެވެ. އަދި އޭގެ ތެރޭގައި އެއްވެސް ކުށަކާ ގުޅުމެއް ނެތް ގިނަ އަދަދެއްގެ މީހުންގެ ނަމްބަރު ހިމެނޭ ކަމަށް ގާޑިއަން ނޫހުން ރިޕޯޓު ކުރި އެވެ.

އެގޮތުން އެ ލިސްޓުގައި 189 ނޫސްވެރިން ހިމެނޭ އިރު އޭގެ ތެރޭގައި އިންޑިއަން އެކްސްޕްރެސް، އޭއެފްޕީ، ސީއެންއެން، ނިއުޔޯކް ޓައިމްސް، އަލްޖަޒީރާ، ރޮއިޓާސް އަދި އެސޯސިއޭޓެޑް ޕްރެސްގެ މުވައްޒަފުން ހިމެނެ އެވެ. އަދި 2018 ވަނަ އަހަރު ތުރުކީގައި މަރާލި ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ އާއިލާގެ ދެ މެމްބަރަކުވެސް ހިމެނެ އެވެ.

މީގެ އިތުރުން، އެތައް ސަތޭކަ ވިޔަފާރިތަކުގެ ވެރިންނާއި ދީނީ ލީޑަރުންނާއި މަދަނީ ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ޔޫނިއަން އޮފިޝަލުންނާއި ސަރުކާރުތަކުގެ މެމްބަރުންވެސް ހިމެނެ އެވެ. އެގޮތުން ބައެއް ގައުމުތަކުގެ ކެބިނެޓް މިނިސްޓަރުންނާއި ރައީސުންނާއި ބޮޑުވަޒީރުންނާއި އަރަބި ޝާހީ އާއިލާތަކުގެ މެމްބަރުންވެސް ހިމެނެ އެވެ.

ގާޑިއަން ނޫހުން ވަނީ ލީކުވި ލިސްޓުގައި ހިމެނޭ ނަމްބަރުތައް ނިސްބަތްވާ މީހުންގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަ ކުރާނެ ކަމަށް ބުނެފަ އެވެ.

ޕެގަަސަސް މެދުވެރިކޮށް ފޯނު ހެކް ކޮށްފައިވާކަން ނުވަތަ ހެކްކުރަން މަސައްކަތް ކޮށްފައިވާކަން އެނގެނީ ފޮރެންސިކް އެގްޒަމިނޭޝަނެއް ހެދުމުންނެވެ.

އެ ތަހުގީގާ ގުޅިގެން ރުވަންޑާ، މޮރޮކޯ، އިންޑިއާ އަދި ހަންގޭރީން ވަނީ ލީކުވި ފޯން ލިސްޓުގައި ހިމެނޭ މީހުންގެ ފޯނު ހެކް ކުރަން ޕެގަަސަސް ބޭނުން ކުރި ކަމަށް މީީޑިއާތަކުން ކުރާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ނަމަވެސް އަޒަރުބައިޖާން، ބަހުރައިން، ކަޒަކްސްތާން، ސައުދީ އަރަބިއާ، މެކްސިކޯ، ޔޫއޭއީ އަދި ދުބާއީގެ ސަރުކާރާ އެ ތަހުގީގާ ބެހޭ ގޮތުން ސުވާލު ކުރުމުން ވަކި އެއްޗެކޭ ނުބުނި ކަމަށް ގާޑިއަންގައިވެ އެވެ.

comment ކޮމެންޓް