ހަނގުރާމަ ކަވަރުކުރަން އުޅުނު ރޮއިޓާޒްގެ ނޫސްވެރިއަކަށް ތާލިބަނުން ހަމަލާދީ މަރާލައިފި

ރޮއިޓާޒްގެ ފޮޓޯ ޖާނަލިސްޓް ދާނިޝް ސިއްދީގީ ---

އަފްގާނިސްތާނުގައި އެގައުމުގެ ސަލާމަތީ ބާރުތަކާއި ތާލިބާނުންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުން ކަވަރުކުރަން ފްރަންޓްލައިނުގައި ހަރަކާތްތެރިވަމުން ދިޔަ ރޮއިޓާޒްގެ ފޮޓޯޖާނަލިސްޓެއް މަރާލައިފިއެވެ.

އިންޑިއާއަށް ނިސްބަތްވާ ފޮޓޯޖާނަލިސްޓް ދާނިޝް ސިއްދީގީ ހަރަކާތްތެރިވަމުން ދިޔައީ އަފްގާނިސްތާނުގެ އަސްކަރިއްޔާ, އަފްގާން ސްޕެޝަލް ފޯސެސްގެ ސިފައިންނާއެކުގައެވެ. މިއަދު ހެނދުނު އެގައުމުގެ ކަންދަހާރުގައި ހިނގި ކުރިމަތިލުންތަކުގައި ތާލިބާނުން ދިން ހަމަލާއެއްގައި ސިއްދީގީ މަރުވެފައިވާކަމަށް އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ކޮމާންޑަރެއް ވަނީ ކަށަވަރުކޮށްދީފައެވެ.

"އެ ސަރަހައްދުގެ އިދާރާތަކާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމުގެ ކަންކަން އަޅުގަނޑުމެން ވާނީ ވަގުތުން ފަށާފައި." ރޮއިޓާޒްގެ ރައީސް މައިކަލް ފްރެޑިންބާގް ވިދާޅުވިއެވެ.

އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާ ތާލިބާނުގެ ހަނގުރާމަވެރިންނާ ދެމެދު ހިނގާ ހަމަނުޖެހުންތައް ރިޕޯޓްކުރާ ރިޕޯޓަރެއްގެ ގޮތުގައި ސިއްދީގީ ހަމަޖެއްސީ މި ހަފްތާގެ ކުރީކޮޅެވެ.

ސިއްދީގީގެ މަރާ ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

"ސިއްދީގީގެ މަރުގެ ހަބަރު އަޑުއެހީ ފުން ހިތާމައާއެކު, އާއިލާއަށް ތައުޒިޔާ ދަންނަވަން." ރައީސް އަޝްރަފް ވިދާޅުވެފައިވެއެވެ.

ސިއްދީގީއަކީ 2010 ވަނަ އަހަރުން ފެށިގެން ރޮއިޓާޒް ގެ ފޮޓޯ ޖާނަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި މީހެކެވެ. އެގޮތުން އޭނާވަނީ އިރާގާއި އަފްގާނިސްތާން ފަދަ ގައުމުތަކުގައި ހިނގާ ހަނގުރާމަތައް ކަވަރު ކުރމުގައި ހަރަކާތްތެރިވެފައެވެ. ހަމައެއާއެކު ރޮހިންގާ ރެފިޔުޖީންގެ ކަންކަން ކަވަރުކުރުމުގައިވެސް އޭނާގެ މަސައްކަތް ފާހަގަކުރެވެއެވެ. އޭގެއިތުރުން ކޮވިޑް19ގެ ހާލަތުގެ ތެރޭ އިންޑިއާގައި އޭނާކޮށްފައިވާ މަސައްކަތް އަދިވެސް އަންނަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންނެވެ.

ތާލިބާނު ހަނގުރާމަވެރިންގެ ކޮންޓްރޯލަށް ވެއްޓެމުން ދިޔަ ސަރަހައްދެއްގައި ޒަހަމްތަކަކާއެކު ތާށިވެ ހުރެ އެހީއަށް އެދުނު އަފްގާނުގެ ފުލުހެއް ސަލާމަތްކުރުމަށްޓަކައި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ދާދި ފަހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސިއްދީގީ ބައިވެރިވިއެވެ. ކަންދަހާރުގެ ރަށްބޭރުގައ ހިންގި މި މިޝަން ހިނގައިދިޔަ ގޮތް ސިއްދީގީ ވަނީ އޭނާގެ ޓްވިޓާގައި ޑޮކިއުމެންޓުކޮށް, އަދި ރޮއިޓާޒްގައި އެ މިޘަނާ ބެހޭގޮތުން ލިޔެފައެވެ.

އަފްގާނިސްތާނުން އެމެރިކާ ސިފައިން 20 އަހަރު ފަހުން ފޭބުމުގެ މަސައްކަތް މިހާރު ކުރަމުން ދާ އިރު, އެގައުމުގައި ހަރަކާތްތެރިވާ ތާލިބާނު ޖަމާއަތުގެ ހަނގުރާމަވެރިން ދަނީ އެގައުމުގެ ބޮޑެތި ސަރަހައްދުތައް އެޖަމާއަތުގެ ބާރުގެ ދަށަށް ގެންނަމުންނެވެ.

comment ކޮމެންޓް