ރައީސް ސޯލިހާއި ޗައިނާގެ ރައީސް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ފޯނުން ގުޅުއްވައި, ދެގައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރު ކުރެއްވި ފޯން ކޯލުގައި ރައީސް ސޯލިހު ވަނީ ޗައިނާގެ ރައީސް އާ ރާއްޖެއާ ޗައިނާގެ ގުޅުން އޮތްގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

"މިއަދުގެ މި ފޯން ކޯލާއެކު ރާއްޖެއާއި ޗައިނާގެ ގުޅުން ބަދިހިވެ ވަރުގަދަވާނެ ކަމުގެ އުންމީދު އަޅުގަނޑު ކުރަން," ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ފޯން ކޯލާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާނެކަމަށެވެ. އަދި ރާއްޖެއާ ޗައިނާގެ ގުޅިގެން އިތުރު މަސައްކަތްތައްކޮށް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވަނީ ޗައިނާއިން އަބަދުވެސް ރާއްޖެއާ މެދު ބާއްވާ ގާތްކަން ފާހަގަކުރައްވާފައެވެ. އަދި ޗައިނާގެ ދީލަތި އެހީތަކަށް ހާއްސަ ޝުކުރެއް ރައްދުކުރައްވާފައެވެ.

ޗައިނާއިން އަންނަނީ ރާއްޖެއަށް ތަފާތު އެކި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ގޮތުން ކޮވިޑް-19 އިން ރާއްޖެ އަރައިގަތުމަށް ކުރާ މަސައްކަތަށް ޗައިނާއިން އަންނަނީ މެޑިކަލް ވަސީލަތްތައް ފޯރުކޮށްދެމުންނެވެ. އަދި ޗައިނާއިން އަންނަނީ ވެކްސިން ވެސް ހިލޭ ހަދިޔާކުރަމުންނެވެ.

އަދި އިއްޔެ މަރާމާތަށްފަހު ހުޅުވި ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތުގެ މަސައްކަތްވެސް ކޮށްދިނީ ޗައިނާ ސަރުކާރުގެ ފަރާތުންނެވެ. އިއްޔެގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގްއާއި ޗައިނާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް