ލަސްތަކެއްނުވެ އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އެނބުރި އަންނާނެ: ރިޕޯޓް

ތާލިބާނުން

ވޮޝިންޓަން (ޖުލައި 12): އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާއެކު ލަސްތަކެއްނުވެ އަފްގާނިސްތާނުގެ ވެރިކަން ތާލިބާނުންގެ އަތްދަށަށް އަލުން ގޮސް އެމެރިކާއަށް ޓެރަރިޒަމްގެ ނުރައްކާ ކުރާ ގައުމަކަށް އަނެއްކާވެސް އަފްގާނިސްތާން ވެގެންދާނެކަމަށް އެމެރިކާގެ ކޮންގްރެސް އިން ކުރި ދިރާސާއެއް ބުނެފިއެވެ.

އެމެރިކާގެ ކޮންގްރެސް އިން އެކުލަވާލި ދިރާސާ ގްރޫޕެއްކަމަށްވާ "އަފްގާން ސްޓަޑީ ގްރޫޕް" އިން ތައްޔާރުކޮށް ކޮންގްރެސް އަށް ހުށަހެޅި ދިރާސާ ރިޕޯޓެއް ބުނާގޮތުން އެމެރިކާ ސިފައިން ފޭބުމާއެކު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އަލުން އެނބުރި އަންނާނެކަމީ ކަށަވަރު ކަމެކެވެ.

ތާލިބާނުން އަލުން އެނބުރި އަފްގާނިސްތާނުގެ ވެރިކަމަށް އަންނާނެ މުއްދަތެއް މިދިރާސާގައި ކަނޑައެޅިގެން ލަފާކޮށްފައި ނުވިނަމަވެސް ކުރިޔަށްއޮތް ހަ މަހާއި ތިން އަހަރު ތެރޭގައި އެމެރިކާއަށް ޓެރަރިޒަމްގެ ނުރައްކާ ކުރާ ގައުމަކަށް އަނެއްކާވެސް އަފްގާނިސްތާން ވެގެންދާނެކަމަށް "އަފްގާން ސްޓަޑީ ގްރޫޕް" އިން ތައްޔާރުކުރި ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

އެމެރިކާ ސިފައިންގެ 95 ޕަސަންޓު ސިފައިން އަފްގާނިސްތާނުން މިހާރު ފައިބާފައިވާއިރު ތާލިބާނުން ގެންދަނީ އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް އަލުން ހިފައި އެތަންތަން އެޖަމާއަތުގެ ކޮންޓްރޯލް ގެ ދަށަށް ގެންނަމުންނެވެ. މިގޮތުން އަފްގާނިސްތާނުގެ ބިމުގެ 85 އިންސައްތައިގެ ކޮންޓްރޯލް މިހާރު ލިބިފައިވާ ކަމަށް ތާލިބާނުން އިއްޔެވަނީ ބުނެފައެވެ.

ތާލިބާނުންގެ މި ކުރިއެރުންތަކާއެކު ބޭރުގެ ބައެއް ގައުމުތަކުންވަނީ އަފްގާނިސްތާނުގައި ތިބޭ އެގައުމުތަކުގެ ޑިޕްލޮމޭޓުން މަދުކުރުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން އިންޑިއާއިންވަނީ އަފްގާނިސްތާނުގެ ކަންދަހާރުގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ބަންދުކޮށް އެތަނުގައި ތިބި މުވައްޒަފުން އަނބުރައި ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާކަން ހާމަކޮށްފައެވެ. އިންޑިއާ ނޫން ގައުމުތަކުންވެސް ގެންދަނީ އަފްގާނިސްތާނުގައި ތިބޭ އެގައުމުތަކުގެ ޑިޕްލޮމޭޓުން ގެ ތެރެއިން ކޮންމެހެން ބޭތިއްބުން މުހިއްމު ނޫން ޑިޕްލޮމޭޓުންނާއި އެމީހުންގެ އާއިލާތައް އަފްގާނިސްތާނުން ބޭލުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާތާ 4-6 މަސް ތެރޭގައި ތާލިބާނުން ވެރިރަށް ކާބުލްއަށް ހަމަލާދީ އަފްގާން ސަރުކާރު ވައްޓާލުމަށްފަހު އެގައުމުގެ ވެރިކަމާ އަލުން ހަވާލުވާނެކަމަށް އޮބަޒާވަރުން ލަފާކުރައްވައެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުން ތާލިބާނުން ސިފަކުރަނީ އެމެރިކާ އަފްގާނިސްތާނުގައި އަސްކަރީގޮތުން ބަލިވި ބަލިވުމެއްގެ ގޮތުގައެވެ. އަދި ތާލިބާނުންނަށް ލިބުނު އަސްކަރީ ނަސްރެއް ގެ ގޮތުގައެވެ. އެއީ އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށްފަހު ތާލިބާނުންނަށް އެއްވެސްކަމެއް މަޖްބޫރު ކުރުމުގެ ގާބިލުކަން އެމެރިކާއަށް ލިބިފައިނުވުމުންނެވެ. މީގެއިތުރުން ތާލިބާނުންނާއެކު އެމެރިކާ ސޮއިކޮށްފައިވާ ސުލްހައިގެ އެއްބަސްވުމާ ތާލިބާނުން ޚިލާފު ވިނަމަވެސް ތާލިބާނުންނާ ދެކޮޅަށް އެމެރިކާއަށް ކުރެވޭނެ އިތުރުކަމެއް ނެތެވެ.

އެމެރިކާ، ކުރިންވެސް އަދި މިހާރުވެސްވަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އެޖަމާއަތާ ދެކޮޅަށް ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެހެންކަމުން ތާލިބާނުން ހުއްޓުވުމަށް ޓަކައި އެޖަމާއަތާ ދެކޮޅަށް އެމެރިކާއިން އަޅާނެ އިތުރު ފިޔަވަޅެއް މިހާރަކުނެތެވެ.

ދެވަނަ ފަހަރަށް އެމެރިކާ އަލުން އަފްގާނިސްތާނަށް އަސްކަރީގޮތުން އެރިނަމަވެސް ތާލިބާނުން ބަލިކުރުމަކީ އެމެރިކާއަށް ކުރެވޭނެކަމެއް ނޫނެވެ. ވިހި އަހަރުވަންދެން ތާލިބާނުން ބަލިކުރުމަށް އެމެރިކާ ކުރި މަސައްކަތާއި ހަނގުރާމަވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް