ބްރެޒިލް ބަލިކޮށް ކޮޕާ އެމެރިކާގެ ތަށްޓާއެކު މެސީގެ ހުވަފެން ހަގީގަތަކަށް

ކޮޕާ އެމެރިކާގެ ތަށި މެސީ އުފުލާލަނީ: މިއީ އޭނާ ހަޔާތުގައި ވެސް ހޯދި ފުރަތަމަ ބައިނަލް އަގުވާމީ ބޮޑު މުބާރާތެއްގެ ތަށި ----

ކޮޕާ އެމެރިކާ 2021 ގެ ފައިނަލުގައި ބްރެޒިލް ބަލިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، އާޖެންޓީނާގެ ސީނިއާ ފުޓްބޯޅަ ޓީމާ އެކު ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ބްރެޒިލްގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން އާޖެންޓީނާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އާޖެންޓީނާއިން 28 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ބައިނަލް އަގުވާމީ ބޮޑު މުބާރާތެއްގެ ތަށި އުފުލާލާފައި މިވަނީ ފަހުގެ ތާރީހުގައި ކުޅުނު ހަތަރު ފައިނަލަކުން ބަލިވުމަށްފަހު އެވެ. އެއީ 2007، 2015 އަދި 2016 ގެ ކޮޕާ އެެމެރިކާއާއި 2014 ގެ ވޯލްޑްކަޕް ފައިނަލެވެ.

މިއީ އާޖެންޓީނާގެ ތަރި އުމުރުން 34 އަހަރުގެ ލިއޮނަލް މެސީ، އެ ގައުމާއެކު ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި މެސީ ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މަދު ސަޕޯޓަރުންކޮޅަކާ އެކު މިއަދު ފަތިހު ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާގެ ގޯލުން އާޖެންޓީނާ ވަނީ ލީޑު ނަގައިފަ އެވެ. ރޮޑްރީގޯ ޑި ޕޯލް ދިން މޮޅު ބޯޅަ ޑި މާރިއާ އަށް ލިބުމުން ގޯލަށް ފޮނުވާލީ ބްރެޒިލްގެ ކީޕަރު އެޑަސަން މޮރެއަސްގެ ބޯމަތިންނެވެ. އެކަމަކު ޑި މާރިއާ އަށް މި ބޯޅަ ލިބުނީ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ އަށް ބޯޅައިގައި ލައްވާ ނުލުމުންނެވެ.

އޭގެ ފަހުން މި މެޗުގައި ބްރެޒިލުން ނަތީޖާ އެއްވަރުކުރަން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އާޖެންޓީނާގެ ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެގޮތުން ދެވަނަ ހާފުގައި ރިޗާލްސަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓީނެޒް ވަނީ ދިފާއުކޮށްފަ އެވެ.

އަދި މެޗު ނިމެންދަނިކޮށް މެސީއަށް ވަނީ މުޅިން ހުސްފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.

މި ތައްޓާ އެކު އާޖެންޓީނާ މިވަނީ މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ އުރުގުއޭގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. މި ދެޓީމުން ވެސް ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން 15 ފަހަރު ހޯދިއިރު ބްރެޒިލަށް މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ ނުވަ ފަހަރު އެވެ.

comment ކޮމެންޓް