ތާލިބާންގެ އަތްދަށަށް އަފްޣާނިސްތާން ދާތީ އެމެރިކާ ކަންބޮޑުވެއްޖެ

ތާލިބާންގެ ލީޑަރުން

ކާބުލް (ޖުލައި 10) : އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 85 އިންސައްތަ ބިން ތާލިބާނުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފި ކަމުގެ ޚަބަރާއެކު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ (ޕެންޓަގަން) އިން ބުނީ އަފްޣާނިސްތާނުގައި އަލްގާއިދާއާއި އައިއެސް ފަދަ ގިނަ އަދަދެއްގެ ޓެރަރިސްޓް ޖަމާއަތްތައް ހަރަކާތްތެރިވާއިރު ތާލިބާނުންގެ އަތްދަށަށް އަފްޣާނިސްތާނުގެ 85 އިންސައްތަ ބިން ހިނގައްޖެނަމަ ޓެރަރިސްޓް ޖަމާއަތްތައް އަފްޣާން ބިމުގެ ބޭނުންކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގައި ޓެރަރިޒަމްގެ އަމަލުތައް ނުހިންގާނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތްކަމުގައެވެ.

ނަމަވެސް ތާލިބާނުންވަނީ މިކަން ދޮގުކޮށްފައެވެ. ތާލިބާން ބުނާގޮތުގައި އެޖަމާއަތަށް އަފްޣާނިސްތާން ކޮންޓްރޯލް ކުރެވޭނެއެވެ. އަދި އަފްޣާން ބިން ބޭނުންކޮށްގެން އަވަށްޓެރި ގައުމުތަކާއި އެނޫންވެސް ގައުމަކަށް ހަމަލާއެއް ދިނުމުގެ ފުރުސަތު އެފަދަ ޖަމާއަތްތަކަށް ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން

ތާލިބާނުންގެ އަސްކަރީ ކުރިއެރުންތަކާއެކު އަފްޣާން ސިފައިންގެ ލަޝްކަރުތަކުގެ ގިނަ އަދަދެއްގެ ސިފައިން ގެންދަނީ ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަމުންނެވެ. އަފްޣާން ސިފައިންގެ ބައެއް ގްރޫޕްތައް ފިލަން ދިޔަ ގައުމުތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ އުތުރުގައިވާ ތަޖިކިސްތާން ހިމެނެއެވެ. އެންމެފަހުން ތާލިބާނުން ކޮންޓްރޯލް ހޯދި ކަމަށްވަނީ އަފްޣާނިސްތާނާއި ތަޖިކިސްތާނު ގުޅޭ ސަރަޙައްދީ ރޮނގާއި އަފްޣާނިސްތާނާއި އީރާން ގުޅޭ ސަރަހައްދީ ރޮނގެވެ. މިއީ ސްޓްރެޓީޖިކް ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ދެތަނެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ގާތްގަނޑަކަށް 85 އިންސައްތަ ބިން އަތްދަށުލި ކަމަށް ބުނިނަމަވެސް އެމެރިކާގެ މަދަދުލިބޭ އަފްޣާން ސަރުކާރުން މިކަން ދޮގުކުރެއެވެ. އެމެރިކާވަނީ އަފްޣާނިސްތާނުގެ ބިން ދިފާއުކުރުމަށްޓަކައި އެގައުމުގެ ސިފައިން މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވުމަށް ގޮވާލާފައެވެ.

ތާލިބާނުން އަސްކަރީ ގޮތުން ބަލިކުރުމަށްޓަކައި 20 އަހަރު ވަންދެން އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުގައި ކުރި މަސައްކަތް ނާކާމިޔާބުވެ ތާލިބާނުން ބަލިކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން އެތަށް ގޮތަކުން ކަށަވަރުވުމާއެކު އެމެރިކާ ވަނީ މިދިޔައަހަރު ތާލިބާނުންނާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށް އަފްޣާނިސްތާނުން ފޭބުމަށް ނިންމާފައެވެ. މިއެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން ގެ ގާތްގަނޑަކަށް 98 އިންސައްތަ މީހުން އަފްޣާނިސްތާނުން މިހާރުވަނީ ފާބައިފައެވެ.

އެމެރިކާ ސިފައިންނާއެކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވި ނޭޓޯ ސިފައިންގެ ވެސް ގާތްގަނޑަކަށް 95 އިންސައްތަ މީހުންމިހާރުވަނީ އަފްޣާނިސްތާނުން ފާބައިފައެވެ. ތާލިބާނުން ގެ އަސްކަރީ ކުރިއެރުންތައް ހީކުރެވިފައިވާ ވަރަށްވުރެ ހަލުއިވެފައިވާއިރު ތާލިބާން އާއި އަފްޣާން ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ވުޖޫދަށް ނައިސްފިނަމަ ގިނަވެގެން 6 މަސްތެރޭގައި އަފްޣާން ސަރުކާރު ގަދަބާރުން ވައްޓާލައި އެގައުމުގެ ވެރިކަމަށް ތާލިބާނުން އަންނާނެކަމަށް ވަނީ ބެލެވިފައެވެ.

ތާލިބާން އާއި އަފްޣާން ސަރުކާރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ވުޖޫދަށް ގެނައުމަށްޓަކައި އެމެރިކާ، ގަތަރު، ރަޝިއާ އަދި އީރާނުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް