އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ 379 މީހަކު ޒަހަމްކޮށްފި

ހުޅަނގު އައްސޭރީގައި އިއްޔެ ބޭއްވި މުޒާހަރާ ތެރެއަށް ބަޑި ޖެހުމުން އަނިޔާވި މީހުންގެ އަދަދު 379އަށް އަރާ ކަމަށް ރެޑް ކްރެސެންޓުން ބުނޭ -- ފޮޓޯ: ރޮއިޓާސް

ގުދުސް (ޖުލައި 10): ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުން އިއްޔެ ބޭއްވި މުޒާހަރާއެއް ތެރެއަށް އިސްރާއީލްގެ ސިފައިން ބަޑި ޖަހާ، 370އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފި އެވެ.

ހުޅަނގު އައްސޭރީގެ ބައިތާގައި ފަލަސްތީނުގެ ރައްޔިތުން އިއްޔެ ހުކުރު ނަމާދަށް ފަހު މުޒާހަރާ ކުރީ އިސްރާއީލުން ގަވާއިދާ ހިލާފަށް ބިން ފޭރުމާ ދެކޮޅަށެވެ. އެ މުޒާހަރާގައި ބައިވެރިވި މީހުން ޓަޔަރުގައި ރޯކޮށް، އިސްރާއީލް ސިފައިންނާ ދިމާލަށް ގާ އުކި ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓު ކުރި އެވެ.

އެ މުޒާހަރާގެ މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އެއްވުން ރޫޅާލުމަށް އިސްރާއީލް ސިފައިން ރަބަރު އުންޑަ އާއި ކަރުނަ ގޭހާއި ބަޑި ޖެހި އެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ މުޒާހަރަގައި ބައިވެރިވި 379 މީހަކަށް އަނިޔާވި އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އިސްރާއީލް އަސްކަރިއްޔާއިން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އެގައުމުން ގަވާއިދާ ހިލާފަށް ވަޒަންވެރިކޮށްފައިވާ މީހުންގެ އަދަދު 650،000އަށް އަރާނެ ކަމަށް އިސްރާއީލާއި ފަލަސްތީނުގެ އޮފިޝަލުން ލަފާ ކުރެ އެވެ.

comment ކޮމެންޓް