އަފްޣާނިސްތާނުގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަތުލައިފިން: ތާލިބާން

އަފްޣާނިސްތާނުގެ 85 ޕަސެންޓުގެ ބިމުގެ ކޮންޓްރޯލް އަތުލާފައިވާ ކަމަށް ތާލިބާނުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ކާބުލް (ޖުލައި 10): އަފްޣާނިސްތާނުގެ ބިމުގެ ސަރަހައްދުގެ 85 ޕަސެންޓުގެ ކޮންޓްރޯލް އަތުލައިފި ކަމަށް ތާލިބާން ޖަމާއަތުން ބުނެފި އެވެ.

ތާލިބާނުން ބުނި ގޮތުގައި މިހާރު އެ ޖަމާއަތުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ ތެރޭގައި އަފްޣާނިސްތާނާއި އީރާނާ ގުޅޭ ބޯޑަރުގައި އޮންނަ އަވަށަކާއި އެގައުމާއި ތުރުކަމަނިސްތާނާ ގުޅޭ ބޯޑަރުގައި އޮތް އަވަށެއް ހިމެނެ އެވެ.

އަފްޣާނިސްތާނުގެ ބޮޑު ބަޔެއްގެ ކޮންޓްރޯލް ތާލިބާނުން ހޯދާފައިވާ ކަމަށް ބުނާ ވާހަކަތައް އެގައުމުގެ ސަރުކާރުގެ އޮފިޝަލުން ދޮގު ކުރެ އެވެ. ނަމަވެސް އެ ޖަމާއަތުން ހިފި ބޯޑަރު ސަރަހައްދުތަކުން ތާލިބާން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އަފްޣާނިސްތާނުގައި ތާލިބާނުންގެ ބާރު ގަދަ ކުރަމުން ދަނީ އެގައުމުގައި 20 އަހަރު ވަންދެން ތިބި އެމެރިކާގެ ސިފައިންގެ އެންމެ ފަހު ފައުޖުތައް އެގައުމުން ފައިބަމުންދާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބާލަން ފެށީ އެމެރިކާއިން ތާލިބާނާ އެކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ތާލިބާނުން ވަނީ އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އަލް ގައިދާ ފަދަ ޖަމާއަތްތަކުން ހަމަލާ ދިނުން ހުއްޓުވުމަށާއި ގައުމީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ.

އެމެރިކާއިން އެއްބަސްވީ މި އަހަރުގެ މެއި އެކެއްގެ ކުރިން އެގައުމުގެ ހުރިހާ ސިފައިން އަނބުރާ ގެންދާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ފަހުން އެ ތާރީހު އަންނަ ސެޕްޓެމްބަރު 11އަށް ބަދަލު ކުރި އެވެ. އެއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް އަމާޒުކޮށް 2001 ވަނަ އަހަރު ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަހަށެވެ.

comment ކޮމެންޓް