1. [ޢަމަލު] މި ލަފުޒާ ގުޅޭ ނުކުތާއެއް

ނަފްރަތުގެ ބިލުގެ ތަޖުރީމީ ނައްޞުތައް ނުވަތަ ކުށް ކަނޑައަޅާ މާއްދާތައް ލިޔެ އެކުލަވައިލައިފައި ހުރި ގޮތަށް ބަލައިލުމުން، ލަފުޒުތައް ބޭނުން ކުރުމާއި، ޤާނޫނުގައި މަފްހޫމުތައް ހިމެނުމުގައި ބޮޑެތި އޮޅުންބޮޅުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ބަހަވީ ގޮތުންނާއި، އަދި ޤާނޫނީ ޢިލްމުގެ ނަޒަރުން ބަލާ އިރު ވެސްމެއެވެ. އެ އޮޅުންބޮޅުންތައް އެންމެ ބޮޑަށް ފެންނަ އެއް އިޞްޠިލާޙަކީ ބިލުން ތަޖުރީމު ކުރާ މައިގަނޑު ކުށަށް ދީފައި ވާ ނަމެވެ. [ނަފްރަތުގެ ޢަމަލު] މި ނަމެވެ.

އެންމެ ފުރަތަމަ [ޢަމަލު] މި ލަފުޒަށް ބަލައިލަމާ ހިންގަވާށެވެ! ބިލުގައި [ނަފްރަތުގެ ޢަމަލު] މި އިޞްޠިލާޙުގެ ބައެއްގެ ގޮތުގައި [ޢަމަލު] ބޭނުން ކޮށްފައި ވަނީ ދުލުން ދައްކާ ވާހަކަ އާއި، ހަށިގަނޑުގެ އެކިއެކި ގުނަވަންތަކުން ކުރާ އިޝާރާތްތަކާއި، ކުރާ ޢަމަލުތައް ވެސް ހިމެނޭ ގޮތުންނެވެ. މިއީ ދިވެހި ބަހުގައި މި ލަފުޒުގެ ޢާއްމު (ordinary) އަދި ލަފުޒީ (literal) މާނައަށް ވުރެ ފުޅާ މާނައެކެވެ. އެހެނީ، ދިވެހި ބަހުގައި [ޢަމަލު] އަކީ މީހަކު ކުރާ ކަންތަކެވެ. އޭނާ ކުރާ މަސައްކަތްތަކެވެ. މި ލަފުޒުގެ ޢާއްމު އަދި ލަފުޒީ މާނައިގެ ތެރެއަކު މީހަކު ދުލުން ދައްކާ ވާހަކައެއް ނުހިމެނެއެވެ. ބައެއް ސިޔާޤުތަކުގައި ނުވަތަ ބައެއް ޙާލަތްތަކުގައި [ޢަމަލު] ގެ މާނައިގެ ތެރޭގައި [އިޝާރާތް] ހިމަނައިގެން ބޭނުން ކުރެވިފައި ވިޔަސް، [ޢަމަލު] ގެ ޢާއްމު އަދި ލަފުޒީ މާނައިގެ ތެރެއަކު އިޝާރާތެއް ވެސް ނުހިމެނެއެވެ.

ސުވާލަކީ، [ނަފްރަތުގެ ޢަމަލު] މި އިޞްޠިލާޙުގައި [ޢަމަލު] ބޭނުން ކުރުން ގޯސް ވާ ސަބަބަކީ ކޮބައިހެއްޔޭ މިއެވެ.

މި ސުވާލުގެ ޖަވާބު ހޯދުމަށް ޓަކައި ޖެހެނީ، ނަފްރަތުގެ ބިލުން ތަޖުރީމު ކުރެވޭ ކުށަކީ ކޮބައިތޯ ބަލާށެވެ. އަޅުގަނޑު ހިތުން، ތަޖުރީމު މި ކުރެވޭ ކުށަކީ އިނގިރޭސި ބަހުން [Hate Speech] މި އިޞްޠިލާޙުން ސިފަ ކުރެވޭ ކުށެވެ. މި ކުށަކީ، ކުށުގެ މަފްހޫމާއި އަސާސީ ޠަބީޢަތާއި ޒާތަށް ބަލާ އިރު، ދުލުން ދައްކާ ވާހަކައެއްގެ ނުވަތަ އެ ވާހަކަ ގަލަމުގެ ޒަރީޢާއިން ފައުޅު ކުރާ ކުރުމެއްގެ ވަސީލަތުން، ތިމާގެ ހިތުގައި މީހަކާ މެދު އޮންނަ ނަފްރަތު ނުވަތަ ރުޅިވެރިކަން ނުވަތަ ތަޢައްޞުބު ނުވަތަ ޙަސަދަވެރިކަން ފަދަ ޝުޢޫރެއް ހާމަ ކުރާ ކުރުމެވެ. އިނގިރޭސި ބަހުން [Hate Speech] އެވެ ކިޔަނީ މި ދެންނެވި ގޮތުން ދެކެވޭ ވާހަކައަށެވެ. ނުވަތަ ވާހަކަ ދެއްކުމާ އެއްފަދަ އަދި އެއް ނަތީޖާއެއް ނެރެވޭ ވަސީލަތެއްގެ ބޭނުން ކޮށްގެން، ފައުޅު ކޮށް ހާމަ ކޮށްފައި އޮންނަ ޝުޢޫރު ނުވަތަ ޚިޔާލަށެވެ. މި ކަން ތަޖުރީމު ކޮށް ކުށަކަށް ހެދުމުގެ ބޭނުމަކީ، މީހަކާ ބެހޭގޮތުން ވާހަކަ ދައްކައި ލިޔެ ހަދާ ހެދުމުގައި، އެ ވާހަކަ ރައްދު ވާ ފަރާތަށް ބައެއް ކަހަލަ ގެއްލުންތައް ލިބިދާނޭ ބާވަތުގެ ނަފުރަތްތެރި ނުވަތަ ތަޢައްޞުބީ ޝުޢޫރުތަކާއި ޚިޔާލުތަކާއި ރައުޔުތައް ފައުޅު ކުރިޔަނުދިނުމެވެ. ދުނިޔޭގެ އެތައް ޤައުމެއްގައި މި ކުށް ތަޖުރީމު ކުރެވިފައި ވާ އިރު، ހުރިހައި ތަނެއްގައި ވެސް މި ކުށަށް ނަން ދީފައި ހުންނަނީ، ކުށުގެ އަސާސީ ޖައުހަރަކީ ދައްކާ ވާހަކައެއް ނުވަތަ ދައްކާ ވާހަކަ އާ އެއްފަދަ އެއްޗެއް ކަމަށް ބަލައިގެންނެވެ. މިސާލަކަށް، ޢަރަބި، އުރްދޫ، އަދި ފާރިސީ ބަސް ފަދަ ބަސްބަހުގައި ބޭނުން ކުރެވެނީ [ޚިޠާބް] އާއި [ކަލާމް] ފަދަ ނަންތަކެވެ. ޔޫރަޕުގެ ޤައުމުތަކުގައި، [speech] އާއި [discourse] ފަދަ ލަފުޒުތަކެވެ. މިއިން ކޮންމެ ލަފުޒެއްގެ ވެސް އަސާސީ މަފްހޫމަކީ ދުލުން ދައްކާ ވާހަކައެވެ. ނުވަތަ އެ ވާހަކަ ގަލަމުގެ ޒަރީޢާއިން ފައުޅު ކުރާ ކުރުމެވެ.

މި ދެންނެވި ނުކުތާ އާ ގުޅިގެން، ފާހަގަ ކޮށްލާން ޖެހޭ އެއް ކަމަކީ، ދުނިޔޭގެ އެންމެ ހަރުދަނާ އެއް ޤާނޫނީ ނިޒާމު ކަމަށް ބެލެވޭ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޤާނޫނީ ނިޒާމުގައި [Hate Speech] ކުށަކަށް ނުހެދި އޮންނަނީ ވެސް، އެއީ އެ ޤައުމުގެ ޤާނޫނުއަސާސީން ކަށަވަރު ކޮށްދޭ، ދުލާއި ގަލަމުގެ ޒަރީޢާއިން ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމަށް (Freedom of Speech/Expression) އެޅޭ ހުރަހަކަށް ވެދާނޭތީކަމެވެ. އާދެ، (Hate Speech) އަކީ މަފްހޫމީ ގޮތުން އަދި އޭގެ ޠަބީޢަތާއި ޖައުހަރީ ސިފަތަކަށް ބަލާ އިރު، އަދި ޤާނޫނީ ޢިލްމުގައި ވެސް، ވާހަކަ ދެއްކުމާއި ޚިޔާލު ފައުޅު ކުރުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ، އެކަން ތަޖުރީމު ކުރުމަކީ ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން ގެއްލުވައިލުމެއް ކަމަށް ޔުނައިޓެޑް ސްޓޭޓްސްގެ ޤާނޫނީ ފިޤުހުވެރީންނާއި ފަނޑިޔާރުންނަށް ފެނިވަޑައިގަންނަވަނީއެވެ.

އެހެންކަމުން އަޅުގަނޑު ދަންނަވާނީ، ދިވެހި ބަހުން [Hate Speech] އަށް އިޞްޠިލާޙެއް ތަޢާރަފު ކުރާ އިރު ވެސް، [ނަފްރަތުގެ ޢަމަލު] އަށް ވުރެ ރަނގަޅު ވާނީ [ނަފްރަތްތެރި ވާހަކަ] ފަދަ އިޞްޠިލާޙެއް ކަމަށެވެ.


2. [ނަފްރަތު] މާނަ ކުރުމުގެ މައްސަލަ

ދެން އޮތީ ބިލުގައި [ނަފްރަތުގެ ޢަމަލު] އެވެ ބުނެވޭ އިޞްޠިލާޙުގައި އޮންނަ [ނަފްރަތު] މި ލަފުޒު މާނަ ކުރުމާ ގުޅޭ މައްސަލައެވެ.

ނަފްރަތުގެ ބިލަކީ ދިވެހިރާއްޖޭގައި ޢަމަލު ކުރެވެމުން ދާ ޤާނޫނުލް ޢުޤޫބާތު 2014 އަށް ގެނެވޭ އިޞްލާޙެއް ކަމަށް ވާ އިރު، ޤާނޫނުލްޢުޤޫބާތުގައި [ނަފްރަތު] މި އިޞްޠިލާޙު މާނަ ކޮށްދީފައެއް ނުވެއެވެ. އެ ޤާނޫނުގެ މުހިއްމު އިޞްޠިލާޙުތައް، ޤާނޫނުގެ 17 ވަނަ މާއްދާގައި މާނަ ކޮށްދީފައި ވެއެވެ. ނަމަވެސް އޭގެ ތެރޭގައި [ނަފްރަތު] މި ލަފުޒެއް ނުހިމެނެއެވެ. އެހެންކަމުން، އެ ޤާނޫނަށް އިތުރު ކުރެވޭ ބައެއްގެ ގޮތުގައި ހުށައެޅިފައި ވާ ނަފްރަތުގެ ބިލުގައި [ނަފްރަތު] މާނަ ކޮށްދީފައި އޮތުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.

ޤާނޫނެއްގައި އިޞްޠިލާޙެއް ނުވަތަ އިޞްޠިލާޙީ ޢިބާރާތެއްގެ ބައެއްގެ ގޮތުގައި ލަފުޒެއް ބޭނުން ކުރަންޏާ، އެ ލަފުޒެއްގެ މާނަ އޮންނާން ވާނީ ސާފުކޮށް ބަޔާން ކުރެވިފައެވެ. މި އުޞޫލުން އިސްތިސްނާ ކުރެވޭނީ، އެ އިޞްޠިލާޙުތަކެއްގެ މާނަ ޝައްކުތަކާއި ބަޙުޘްތަކަށް ޖާގަ ނޯންނާނޭ މިންވަރަށް ޝަރުޢީ އަދި ޤާނޫނީ ޢިލްމުގެ ތެރެއިން އެނގި ކަށަވަރު ވެފައި އޮންނަ ލަފުޒުތަކެވެ. މިސާލަކަށް، ޤާނޫނެއްގައި [ޝަރީޢަތް] މި ލަފުޒު ބޭނުން ކުރާ އިރު، މި ލަފުޒަށް ތަޢުރީފެއް ދިނުމުގެ ބޭނުމެއް ނެތެވެ. އެއީ އިސްލާމީ ތަޢުލީމާތުގެ ދާއިރާގައި އެއީ ފުރިހަމަ ތަޢުރީފެއް ދެވިފައި ވާ، އެ އިޞްޠިލާޙެއްގެ މާނަ ކަނޑައެޅިގެން އެނގޭން އޮތް އިޞްޠިލާޙަކަށް ވާތީއެވެ. ނަމަވެސް ދިވެހި ޝަރުޢީ އަދި ޤާނޫނީ ނިޒާމުގައި، [ނަފްރަތުގެ ޢަމަލު] މި ޢިބާރާތާއި ނަފްރަތުގެ ބިލުގެ މައުޟޫޢުގެ ސިޔާޤުގައި، [ނަފްރަތު] މިއީ ބޭނުން ކުރެވި މާނަ ކުރެވިފައި އޮތް އިޞްޠިލާޙީ ލަފުޒެއް ނޫނެވެ. ވީމާ، ބިލުގައި މި ލަފުޒު މާނަ ކުރާ ގޮތް ބަޔާން ކުރެވިފައި އޮންނާން ޖެހެނީއެވެ. ޚާއްޞަކޮށް، ކުށް ކަނޑައަޅާ ޤާނޫނެއްގައި، ކުށަކަށް ކިޔާ ނަމެއްގެ ގޮތުގައި ބޭނުން ކުރާ އިޞްޠިލާޙެއްގައި މި ލަފުޒު ގެނެވޭ ޙާލަތުގައި، އޮޅުން ނާރާ ވަރަށް ލަފުޒުގެ މާނަ ޤާނޫނުގައި ބަޔާން ކޮށްދެވިފައި އޮތުން ކޮންމެހެން ވެސް ލާޒިމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، [ނަފްރަތު] އާއި [ތަޢައްޞުބު] ފަދަ ލަފުޒުތަކަކީ ވަރަށް ފުޅާ މާނަތަކެއް ހިމެނޭ ލަފުޒުތަކެކެވެ. އިންސާނީ ގުޅުންތަކުގެ ދާއިރާތަކާއި ޙާލަތުތަކާއި ވައްތަރުތައް ތަފާތު ވެ ގިނަގުނަ ވެގެން ވާ މިންވަރަށް، މި ދެންނެވި ލަފުޒުތަކުގެ ސިޔާޤީ މާނަތައް ވަނީ ފުޅާ ވެގެންނެވެ. އެ ހުރިހައި ވައްތަރެއްގެ ނަފްރަތާއި ތަޢައްޞުބު ތަޖްރީމު ކުރުމަކީ، އޮޅުމެއް ނެތް ގޮތުގައި، ކުރެވޭނޭ ކަމެއް ނޫނެވެ. ކޮށްގެން ވާނޭ ކަމެއް ވެސް ނޫނެވެ. މުޖުތަމަޢުގައި އެއް އިންސާނަކު އަނެއް އިންސާނަކާ މެދު ނަފްރަތްތެރި ނުވަތަ ތަޢައްޞުބީ ހިތެއް ގެންގުޅޭ ކޮންމެ ފަހަރަކު، އެއީ ކުށެއް ކަމަކަށް ކަނޑައެއްނޭޅޭނެއެވެ. މީހަކު އަނެކަކާ މެދު ނަފްރަތުގެ ޝުޢޫރުތަކެއް ފައުޅު ކޮށްލާ ކޮންމެ ކުރުމަކީ އަދަބު ދެވޭ ޖިނާއީ ޢަމަލެއް ކަމަކަށެއް ނުހެދޭނެއެވެ. ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން، ތަޖުރީމު ކުރެވި ކުށް ކަމަށް ކަނޑައެޅެނީ ވަކި ބާވަތެއްގެ ނަފްރަތެކެވެ. ވަކި ކަހަލަ ތަޢައްޞުބެކެވެ. އެ ވެސް، އެ ނަފްރަތު ނުވަތަ ތަޢައްޞުބު ވަކި ގޮތަކަށް، ވަކި ކަހަލަ ނަތީޖާތަކެއް ނުކުމެދާނޭ ފަދަ ގޮތްގޮތަށް ދުލުން ނުވަތަ ގަލަމުން ނުވަތަ އެފަދަ އެހެން ވަސީލަތެއްގެ ވާސިޠާއިން ފައުޅު ކުރެވުމުންނެވެ. ޤާނޫނީ ދާއިރާގައި [Hate Speech] އާއި [Hate Crimes] ފަދަ އިޞްޠިލާޙުތަކުން އިޝާރާތް ކުރެވޭ ކުށްތަކުގެ ސިޔާޤުގައި [ނަފްރަތު] އަކީ މި ދެންނެވި ފަދަ ނަފްރަތެވެ.

މި ހިސާބުން އަޅުގަނޑުމެން ފޯކަސް ކުރާން ޖެހޭ ސުވާލަކީ، [Hate Speech] ގެ މަފްހޫމުގެ ދަށުން ތަޖުރީމު ކުރެވެނީ ކޮން ކަހަލަ ނަފްރަތެއް ފައުޅު ކޮށް ޢާއްމު ކުރުން ހެއްޔޭ، މިއެވެ.

ޤާނޫނީ ޢިލްމުގެ އިޙުތިރާމު ލިބިގެން ވާ މަޞްދަރުތަކުގެ ތެރެއިން، ބްލެކްސް ލޯވ ޑިކްޝަނަރީ ގައި މި އިޞްޠިލާޙު މާނަ ކޮށްދީފައި އޮންނަނީ މި ދަންނަވާ ޢިބާރާތުންނެވެ. – "[Hate Speech] އަކީ، ވަކި ނަސްލެއް ފަދަ ޖަމާޢަތަކާ ދެކޮޅަށް ދައްކާ، ނަފްރަތްތެރިކަން ފައުޅު ކުރުން ފިޔަވައި އެހެން މާނައެއް ނެތް، ވާހަކައެވެ. ޚާއްޞަ ގޮތެއްގައި، އެ ވާހަކައިގެ ސަބަބުން އަނިޔާވެރި އަދި ހަރުކަށި ޢަމަލުތަކެއް އުފަން ވެދާނޭ ޒާތުގެ ވާހަކައެވެ. – " އެންސައިކްލޮޕީޑިއާ އޮފް އެމެރިކަން ކޮންސްޓިޓިއުޝަން ގައި މި އިޞްޠިލާޙު މާނަ ކޮށްދީފައި ވަނީ އަންނަނިވި ޢިބާރާތުންނެވެ. – "[Hate Speech] އަކީ އޭގެ އާއްމު ސޫރައަށް ބަލާ އިރު، ނަސްލާއި، ހަމުގެ ކުލަ އާއި، ޤައުމީ އަޞްލާއި، ޖިންސާއި، ނުކުޅެދުންތެރިކަމާއި، ދީން ފަދަ އަސާސެއްގައި ވަކި ޖަމާޢަތެއް ކަމަށް ބެލެވޭ ޖަމާޢަތެއްގެ މެންބަރަކާ ނުވަތަ މެންބަރުންތަކަކާ ދެކޮޅަށް، އެ ޖަމާޢަތުގެ ޝަޚްޞިއްޔަތު ނުވަތަ ޝަނާކަތު (identity) ކަނޑައަޅާ މި ބުނެވުނު ފަދަ ސިފައަކަށް ބަލައި، ދުޝްމަންކަމާއި ޢަދާވާތްތެރިކަމުގެ ޝުޢޫރުތަކާއި ވިސްނުންތައް މުއާސަލާތު ކުރުން ނުވަތަ އެއީ ދެރަ، އަގެއް އަދި އަހައްމިއްޔަތެއް ނެތް ބައެއް ކަމަށް ބުނާބުނުމެވެ.

ބައިނަލްއަޤުވާމީ ވަޘީޤާތަކުގެ ތެރެއިން، އަލިފުދާލު ޖަމްޢިއްޔާގެ ކަމާބެހޭ ފަރާތްތަކުން ނަފުރަތްތެރި ވާހަކަ (Hate Speech) އަށް ދީފައި އޮންނަ ތައުރީފަށް ބަލައިލަމާތޯއެވެ! އެ ތައުރީފުގައި އޮންނަ ގޮތުން، ނަފުރަތްތެރި ވާހަކަ ކަމަށް ބެލެވޭނީ މީހަކާ ނުވަތަ ބަޔަކާ މެދު ދީން، ސަގާފީ ޝަޚްޞިއްޔަތު، ޤައުމީ ނިސްބަތް، ނަސްލު، ހަމުގެ ކުލަ، ދަރިފަސްކޮޅު، ޖިންސު، ނުވަތަ އެނޫން ވިޔަސް އެ މީހެއް ނުވަތަ އެ ބަޔަކީ "ކޮން ބައެއްކަން ކަނޑައަޅާ ... ޝަޚްޞިއްޔަތު ނުވަތަ ޝަނާކަތު ކަނޑައަޅާ ބަހާއަކަށް" ބަލައިގެން ތަޢައްޞުބު ނުވަތަ ރުޅިވެރި ނުވަތަ ނަފުރަތްތެރި ވާހަކަތައް ދެއްކުމާއި ވާހަކަ ދެއްކުމާ އެއް ޙުކުމެއް ހިންގޭ ފަދަ ގޮތަކަށް ޝުޢޫރާއި ޚިޔާލު ފައުޅު ކުރުމެވެ.

ނަފުރަތްތެރި ވާހަކަ ކުށަކަށް ހެދުމުގެ ޤާނޫނުތައް އެންމެ ފުޅާ ދާއިރާއެއްގައި ހަދައި ތަންފީޛު ކުރަމުން ގެންދާ ޖަރުމަން ވިލާތާއި އޮސްޓްރޭލިއާ އާއި ކެނެޑާ ފަދަ ޤައުމުތަކާއި، ޔޫރަޕިއަން ޔޫނިއަނުގެ ޤާނޫނުތަކާއި ޤާނޫނީ ވަޘީޤާތައް ވެސް ބައްލަވައިލައްވާށެވެ! މި ތަންތަނުގައި ވެސް، ނަފުރަތްތެރި ވާހަކަ ކަމަށް ކަނޑައަޅައިފައި ވަނީ މީހާގެ ހަމުގެ ކުލަ، ޘަޤާފީ ޝަޚްޞިއްޔަތު، ޤައުމީ ނިސްބަތް ނުވަތަ އަޞްލު، ނަސްލު، މީހާގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއް، ޖިންސީ ޝަޚްޞިއްޔަތާއި ޝަނާކަތު، އަދި އެޗްއައިވީ ފަދަ ދާއިމީ ބައްޔެއް ޖެހިފައި ވުން ފަދަ، ޝަޚްޞިއްޔަތު ނުވަތަ ޝަނާކަތު ކަނޑައަޅާ ބަހާތަކަށް ނިސްބަތް ކޮށް މީހަކާ ނުވަތަ ބަޔަކާ ދެކޮޅަށް ނަފްރަތުގެ ވާހަކަތައް ދެއްކުމެވެ. މި ނުކުތާއާ ބެހޭގޮތުން އިތުރަށް އޮޅުންތައް ފިލުއްވެވުމަށް ޓަކައި، ހާރވަރޑް ޔުނިވަރސިޓީގެ ބާރކްމަން ކްލެއިން ސެންޓަރ ފޯރ އިންޓަރނެޓް އެންޑް ސެކިޔުރިޓީގެ ދިރާސާވެރިޔާ އެންޑްރޫވ ސެލަރސް ކުރެއްވި ދިރާސާ ބައްލަވާށެވެ! މި ނުކުތާ ފާހަގަ ކުރައްވައިފައި ވާނީ އޭނާގެ ދިރާސާ ކަރުދާހުގައި "އިމަރޖިންގ ތީމްސް އެންޑް ކޮންޓިނުއިންގ ކުއެސްޗަންސް" މި އަރިމަތީ ސުރުޚީގެ ދަށުން ލިޔުއްވައިފައި ވާ ބަޔާނުގައެވެ.

މި ދެންނެވި ބަޔާނުން ސާފު ވެގެން ދާ ފަދައިން، [Hate Speech] އާއި [Hate Crime] ފަދަ ޤާނޫނީ އިޞްޠިލާޙުތަކުގައި އެ ބުނާ [ނަފްރަތު] އަކީ، މީހަކު ނުވަތަ ބަޔަކުގެ ޝަޚްޞިއްޔަތާއި ޝަނާކަތު ކަނޑައަޅާ ސިފަތަކުގެ ތެރެއިން ސިފައަކަށް ބަލައިގެން އެ މީހާ ނުވަތަ މީހުންނާ މެދު ފައުޅު ކުރެވޭ ނަފްރަތެވެ. މިސާލަކަށް، މީހަކުގެ ހަމުގެ ކުލަ ކަޅު ވީތީ، ނުވަތަ ދޮން ވީތީ، އޭނާއާ ދެކޮޅަށް ނަފްރަތު ފައުޅު ކުރުމެވެ. މުސްލިމަކަށް ވީތީ، ނުވަތަ ނަޞާރާއަކަށް ވީތީ، ނުވަތަ ބުޑިސްޓަކަށް ވީތީ، ނަފްރަތު ފައުޅު ކުރުމެވެ. ވަކި ޤައުމެއްގެ ނުވަތަ ވަކި ޤަބީލާއެއްގެ މީހަކަށް ވީތީ، ނަފްރަތު ފައުޅު ކުރުމެވެ. ވަކި ކަހަލަ ބައްޔެއް ޖެހިފައި ހުރި، ނުވަތަ ވަކި ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް ވީތީ، ނަފްރަތާއި ތަޢައްޞުބު ފައުޅު ކުރުމެވެ.

އާދޭހެވެ! މީހަކު ނުވަތަ ބަޔަކު ބުނާ ބަސްތަކެއް ނުވަތަ ކުރާ ޢަމަލެއް ދީނީ ތަރާދުން ވަޒަން ކޮށްގެން އެ ބަހެއް ނުވަތަ ޢަމަލެއް ކުށްވެރި ކުރުމަކީ، އަދި އެއީ ގޯހެކޭ ނުވަތަ ނުބައި ބަހެކޭ ޢަމަލެކޭ ބުނާ ބުނުމަކީ، އޭނާ އަކީ ކާކުކަން ކަނޑައަޅާ އަދި އޭނާގެ ޝަޚްޞިއްޔަތާއި ޝަނާކަތު ކަނޑައަޅާ ބަހާތަކަށް ބަލައިގެން އޭނާއާ ދެކޮޅަށް ނަފްރަތު ފައުޅު ކުރުން ކަމަކަށެއް ނުވާނެއެވެ. މިސާލަކަށް، ކަޅު މުސްލިމަކު ޒިނޭ ކުރުމުން، "ތިޔަ ކުރަނީ ޙަރާމް ކަމެކޭ، ތިޔައީ ފާފައެކޭ" ބުނުމުން، އެ ކުށްވެރި ކުރެވެނީ އޭނާގެ ޢަމަލެވެ. އެއީ އޭނާގެ ހަމުގެ ކުލައަށް ބަލައިގެން އޭނާއާ ދެކޮޅަށް ނަފްރަތު ނުވަތަ ރުޅިވެރިކަން ނުވަތަ ތަޢައްޞުބު ފައުޅު ކުރުން ކަމަކަށެއް ނުވާނެއެވެ. މެލޭ ދަރިކޮޅުގެ މުސްލިމަކު ކީރިތި ޤުރްއާނަށް ނުވަތަ މާތް ނަބިއްޔާގެ ޒާތުފުޅަށް ހުތުރު ބަސްތައް ރައްދު ކުރުމުން، "ތިޔަ ކުރީ ކުފުރުގެ ޢަމަލެކޭ، ތިޔަ ހުރީ ކުފުރު ވެފައޭ" ބުނުމުން، އެ ވަޒަން ކުރެވުނީ އޭނާ ބުނި ބަސްތަކެވެ. އެއީ އޭނާ މެލޭ ދަރިކޮޅު މީހަކަށް ވީތީ ފައުޅު ކުރެވުނު ނަފްރަތުގެ ބަސްތަކެއް ކަމަށް ބެލެވޭނޭ އެއްވެސް ބުއްދީގެ ހަމައެއް އަދި ޤާނޫނީ ޢިލްމީ ހަމައެއް ނޯންނާނެއެވެ. އެހެންކަމުން، މި ބާވަތުގެ ބަސްތަކަކީ [Hate Speech] ކަމަކަށް ޤާނޫނީ ޢިލްމުވެރީން ނުބައްލަވައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ މުޖުތަމަޢެއްގައި ވެސް، ރަނގަޅާއި ގޯސް އަދި ހެވާއި ނުބައި ކަނޑައަޅާ މިންގަނޑުތަކެއް އޮވެއެވެ. ދީނާއި، އަޚްލާޤީ ހަމަތަކާއި، އެ ބަޔަކު ބަލައިގަންނަ އަދި ޤަބޫލު ކުރާ އެކި ޒާތްޒާތުގެ ފަލްސަފާތަކާއި ފިކުރިއްޔާތަކެވެ. އެކިއެކި އިންސާނީ މުޖުތަމަޢުތަކުގައި ގެންގުޅޭ މިންގަނޑުތައް ތަފާތު ވެދާނެއެވެ. ނަމަވެސް ކޮންމެ ތަނެއްގައި ވެސް މި ބާވަތުގެ މިންގަނޑުތަކެއް އޮވެއެވެ. އަދި އެ މިންގަނޑުތަކެއްގެ ތަރާދުތަކުން، އެ ތަނެއްގެ މީސްތަކުންގެ ބަހާއި ޢަމަލު ވަޒަން ކުރެވެއެވެ. މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސް ގައި ދީމިޤްރާޠީ ފިކުރަށް ފާޑު ކިޔުމަކީ، އެތައް ބައެއްގެ ނުރުހުމާއި ފާޑު ކިޔުން އަމާޒު ވާ ކަމެކެވެ. ވެޓިކަން ސިޓީގައި ނަޞާރާ ދީނަށް ފާޑު ކިޔުމަކީ އެއްގޮތަކަށް ވެސް ބަލައިނުގަނެވޭ ކަމެކެވެ. ޖަރުމަނު ވިލާތް ފަދަ އެތައް ޤައުމެއްގައި، ނާޒީ ފިކުރާއި ފެޝިސްޓް ފިކުރަށް ތާއީދު ކޮށް ވާހަކަ ދެއްކުމަކީ މަނާ ކުރެވިފައި ވާ ކަންކަމެވެ. މި ކަންކަން ކުރާ މީހުންނަށް ފާޑު ކިޔެއެވެ. ހަރުކަށިކޮށް ވެސް ފާޑު ކިޔެއެވެ. އެއީ [Hate Speech] ކަމަކަށް އެ ތަންތަނުގައި ނުބަލައެވެ. އާދެ، އެއީ ފާޑު ކިޔުން ރައްދު ވާ މީހާ ނިސްބަތް ވާ ނަސްލު ނުވަތަ ދީން ނުވަތަ ޤައުމީ ނިސްބަތް ފަދަ ބަހާތަކަށް ބަލައިގެން އޭނާއާ ދެކޮޅަށް ނަފްރަތު ފައުޅު ކުރުން ނުވަތަ ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރުން ކަމަށް ނުވާތީއެވެ.

ޤާނޫނުގެ ބާރުގައި މަނާ ކުރެވޭ ނަފްރަތްތެރި ވާހަކަ ނުވަތަ [Hate Speech] ގައ ހުންނާން ވާނޭ ކަމަށް ގިނަ ޢިލްމުވެރީން ވިދާޅުވާ އެހެން ސިފައެއް ވެސް އޮވެއެވެ. އެ ސިފަ އަކީ، އެ ވާހަކަ އަކީ އެއްވެސް ގޮތެއްގައި "ގޯހެއް ރަނގަޅު ކުރުމުގެ މަޤްޞަދެއް" ނެތި ދެކެވޭ، މުޅީން އަދި ސައްތައިން ސައްތަ ނަފްރަތާއި ރުޅިވެރިކަމާއި ތަޢައްޞުބު ފައުޅު ކުރުމުގެ ވާހަކައެއް ކަމަށް ވުމެވެ. މި ނުކުތާއާ ބެހޭގޮތުން ވެސް، އެ ދިރާސާއެއްގެ ވާހަކަ އަޅުގަނޑު ދެންނެވި، އެންޑްރޫވ ސެލަރސްގެ މަޒުމޫނު ބައްލަވައިލައްވާށެވެ! ސެލަރސް ފާހަގަ ކުރައްވައިފައި ވާ ފަދައިން، ކެނެޑާ ފަދަ ބައެއް ޤައުމުތަކުގައި ނަފްރަތްތެރި ވާހަކަ ތަޖުރީމު ކުރާ ޤާނޫނުތައް ހެދިފައި ހުންނަނީ ވެސް، ހެޔޮ ނިޔަތުގައި ދައްކާ ވާހަކަ އާއި، ދީނީ މައުޟޫޢެއްގައި ފައުޅު ކުރާ ރައުޔާއި، ޙަޤީޤަތާ އެއްގޮތަށް ދައްކާ ވާހަކަ އާއި، ޢާއްމު މަޞްލަޙަތު ރައްކައުތެރި ކުރުމުގެ ގޮތުން ދައްކާ ވާހަކަ އަށް ރައްކައުތެރިކަން ދީ، އެއީ ނަފުރަތްތެރި ވާހަކަ ކަމަށް ނުބެލެވޭނޭ ކަމަށް ކަނޑައަޅައިގެންނެވެ. މަތީގައި ދެންނެވުނު، ބްލެކްސް ލޯވ ޑިކްޝަނަރީގެ ތަޢުރީފުގައި ވެސް، ނަފްރަތްތެރި ވާހަކަ އަކީ ނަފްރަތްތެރިކަމާއި ތަޢައްޞުބާއި ރުޅިވެރިކަން ފައުޅު ކޮށް ފެތުރުމުގެ ގަސްތާއި ނިޔަތް ނޫން އެހެން ގަސްތެއް ނުވަތަ ނިޔަތެއް ނެތި ދައްކާ ވާހަކަ ކަން ފާހަގަ ކޮށްފައި ވެއެވެ.

މި ވާހަކަތައް ދަންނަވާ އިރު، ދީނީ، އަޚްލާޤީ، އަދި ޤައުމިއްޔަ ފިކުރުތަކުގެ ކޮންމެ މިންގަނޑަކުން ވިޔަސް މީހަކު ކުށްވެރި ކުރުމުގެ ގޮތުން ދައްކާ ބައެއް ވާހަކަތަކަކީ، އެ ވާހަކަ ރައްދު ވާ މީހާއަށް ކުރެވޭ ނުހަނު ބޮޑު އަނިޔާއަކަށް ވެސް ވެދާނޭކަމާއި، އެފަދަ ވާހަކައެއްގެ ސަބަބުން އޭނާއަށް ނުހަނު ބޮޑު ހިތްދަތިކަމާއި ވޭނާއި ގެއްލުންތައް ތަޙައްމަލު ކުރާން ޖެހިދާނޭކަން ވެސް އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ނަމަވެސް ކޮންމެ ގެއްލުންދެނިވި [harmful] އަދި ދޮގުވެރި [untrue] އަދި އަނިޔާވެރި [unjust] ވާހަކަ އަކީ [Hate Speech] އެއް ނޫނެވެ. އެކަކު އަނެކަކާ ބެހޭގޮތުން ގެއްލުން ދެނިވި، ދޮގުވެރި، އަދި އަނިޔާވެރި ވާހަކަތައް ދައްކައި ފެތުރުމާ ދެކޮޅަށް ޤާނޫނުތައް ހަދާން ވީއެވެ. މާތް ވެގެން ވާ އިސްލާމް ދީނުގައި ވެސް ވަނީ އެކަކު އަނެކަކަށް ނެތިމޮށުމާއި، ޣީބަ ބުނުމާއި، އެކަކު އަނެކެއްގެ އަބުރަށް ހުތުރު ވާ ޒާތުގެ ވާހަކަ ދެއްކުމާއި، އެކަކު އަނެކަކަށް ކާފިރު ގޮވުން ފަދަ ކަންކަން ޙަރާމް ކުރައްވައިފައެވެ. މި ކަންކަން ހުއްޓުވުމަށް ޓަކައި، ދުނިޔެ ޤަބޫލު ކުރާ ކަހަލަ ރަނގަޅު ދީނީ ޢިލްމުވެރީންގެ ލަފާފުޅާއި އިރުޝާދާ އެކު އަބުރު ރައްކައުތެރި ކުރުމާ ބެހޭ އިސްލާމީ އަޙްކާމުތައް ތަދުވީނު (codify) ކުރެއްވުމުން، މަޤްޞަދު އޮންނާނީ ޙާޞިލު ވެފައެވެ. މި ކަންކަން ހުއްޓުވާން މަސައްކަތް ކުރުމުގެ ނަމުގައި، މި ހުރިހައި ކަންތައްތަކަކީ ވެސް ނަފްރަތްތެރި ވާހަކަ ކަމަށް ހަދައިގެން، [Hate Speech] ގެ މުޅި މަފްހޫމު އޮޅުވައިލައިގެން ޤާނޫނުތައް ހެދުން ފަދަ ދޯދިޔާ ކަންކަން ކޮށްގެން ނުވާނެއެވެ. އެހެރީ ޤާނޫނީ ޢިލްމާއި ޤާނޫނީ ނިޒާމުތަކުގެ އަސާސީ ހަމަތަކާ ޚިލާފު ކަންތަކެވެ.

ނޯޓު: މިއީ ރައްޔިތުންގެ މަޖިލިހަށް ސަރުކާރުން ހުށައަޅައިފައި ވާ ނަފްރަތުގެ ބިލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުނު ސިޓީއެކެވެ. ސިޓީ މި ކޮލަމުގައި މި ޝާއިޢު ކުރެވެނީ އެޑިޓް ކުރެވި އިތުރު ތަފްޞީލުތަކާ އެކު ލިޔެވިފައި ވާ ސިލްސިލާއެއްގެ ގޮތުގައެވެ.

comment ކޮމެންޓް