އިސްރާއީލްގެ ރައްވެހިކަމާ ބެހޭ ގާނޫނު ޕާލިމެންޓުން ފާހެއް ނުވި

އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް -- ފޮޓޯ: އީޕީއޭ

ގުދުސް (ޖުލައި 6): އިސްރާއީލުގެ މީހުންނާ ކައިވެނި ކުރާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ މީހުންނަށް އެގައުމުގެ ރައްޔިތުކަން ދިނުން ހުއްޓުވާ ގާނޫނު ފާސް ކުރަން އިސްރާއީލުގެ ޕާލިމެންޓުން ދެކޮޅު ހަދައިފި އެވެ.

އިސްރާއީލުން އެންމެ ފުރަތަމަ 2003ގައި ކުރު މުއްދަތަކަށް ތަންފީޒު ކުރަން ފާސްކޮށް، އޭގެ ފަހުން ތަންފީޒު ކުރާ މުއްދަތު އިތުރު ކުރަމުން އައި ސިޓިޒެންޝިޕް އެންޑް އެންޓްރީ ލޯ މި އަހަރުވެސް ފާސް ކުރަން ޕާލަމެންޓަށް ހުށަހެޅުމުން އެއާ ދެކޮޅަށްވެސް އެއްކޮޅަށްވެސް ވޯޓު ދިނީ 59 މެމްބަރުންނެވެ. އަދި މިއަދު އެ ގާނޫނު ތަންފީޒު ކުރާ މުއްދަތު ހަމަވާނެ އެވެ.

އިސްރާއިލުގެ ބޮޑުވަޒީރު ކަމާ މިދިޔަ މަހު ހަވާލުވެވަޑައިގެންނެވި ނަފްތާލީ ބެނެޓް ވަނީ އެ ވޯޓަކީ އޭނާގެ ސަރުކާރަށް އިތުބާރު އޮތް މިންވަރު ފެނިގެންދާނެ ވޯޓެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. ނަމަވެސް އެ ގާނޫނަށް އެކަށީގެންވާ ވަރަށް ތާއިދު ހޯދުމަށް އެ ސަރުކާރަށް ވަނީ ނުކުޅެދިފަ އެވެ.

އިސްރާއީލުގެ ގާނޫނުގައި އޮންނަ ގޮތުން އެގައުމުގެ ރައްޔިތުން ބޭރުގެ މީހަކާ ކައިވެނިކޮށްފި ނަމަ އެ މީހަކަށް ވަގުތުން ރެޒިޑެންސީ ވިސާއެއް ލިބޭނެ އެވެ. އަދި އޭގެ ފަހުން ރައްޔިތަކަށް ވުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ނަމަވެސް ފަލަސްތީނުގެ ދެވަނަ އިންތިފާޟާ ތެރޭގައި އިސްރާއީލުން ފާސް ކުރި ރައްވެހިކަމާ ބެހޭ ގާނޫނުގެ ދަށުން، ހުޅަނގު އައްސޭރި އާއި ޣައްޒާއިން އިސްރާއީލުގެ ރައްޔިތުންނާ ކައިވެނި ކުރާ މީހުންނަށް ރައްވެހިކަން ނުލިބޭ ގޮތް ހެދި އެވެ. އެ ގާނޫނު އަމާޒުކޮށްފައި ވަނީ އިސްރާއީލުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާއި ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެމީހުންގެ އާއިލާތަކަށެވެ.

އެ ގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ އިސްރާއީލްގެ އަރަބި ރައްޔިތުންގެ އާބާދީ އިތުރު ވެދާނެތީ އާއި އެގައުމުގެ ޔަހޫދީންގެ އަގުލަބިއްޔަތު ދެމެހެއްޓުމަށް ފާސް ކުރާ ގާނޫނެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް