އެލައިޑްގެ ފްރަންޓް އޮފީސް ހުޅުވައިފި، އެކަމަކު އެދެނީ އޮންލައިންކޮށް ހިދުމަތް ހޯދަން

ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އަހަރަކަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރުމަށްފަހު، އެލައިޑް އިންޝުއަރެންސްގެ ފްރަންޓް އޮފީސް އަނެއްކާވެސް ހުޅުވައިފި އެވެ.

ޕެންޑެމިކްއާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސަރުކާރު ހުރިހާ އޮފީސްތަކާއި ބައެއް އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ. އެހެން ނަމަވެސް ބަންދުކޮށްފައި ހުރި ގިނަ އޮފީސްތައް، ޖުލައި އެއްވަނަ ދުވަހު ދިން ބޮޑެތި ލުއިތަކާއެކު ވަނީ ހުޅުވަން ފަށާފަ އެވެ.

ޕެންޑެމިކްއާ ގުޅިގެން އެލައިޑްގެ ފްރަންޓް އޮފީސް ބަންދުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 9ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން ހުޅުވުމަށްފަހު އަނެއްކާވެސް ބަންދުކުރަން ޖެހުނެވެ. އެހެން ނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދިޔަ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މައިއެލައިޑް ޕޯޓަލްއިން އޮންލައިން ހިދުމަތްތައް އެކުނަފުނިން ދިޔައީ ފޯރުކޮށްދެމުންނެވެ.

އަނެއްކާވެސް މިމަހުގެ ފަސްވަނަ ދުވަހު އެލައިޑްގެ ފްރަންޓް އޮފީސް ހުޅުވާލި ނަމަވެސް، ހިދުމަތް ދެމުންދާނީ އާންމު ހާލަތާ އަޅާބަލާއިރު މަދު ގަޑިތަކަކަށެވެ. އެގޮތުން މި މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހާ ހަމައަށް ފްރަންޓް އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 1:30 އާ ހަމައަށެވެ. އަދި ޖުލައި 11އިން ފެށިގެން ހުޅުވާނީ ކުރިއެކޭވެސް އެއްފަދައިން ހެނދުނު 9:00 އިން މެންދުރުފަހު 3:30އާ ހަމައަށެވެ.

އެލައިޑްގެ ފްރަންޓް އޮފީސް މިއަދުން ފެށިގެން ކަސްޓަމަރުންނަށް ހުޅުވާލި ނަމަވެސް، އެކުންފުނީގެ އެދުމަކީ ވީވަރަކުން މައިއެލައިޑް ޕޯޓަލްއިން އޮންލައިންކޮށް ހިދުމަތް ހޯދުމަށެވެ.

މައިއެލައިޑް ޕޯޓަލް ތައާރަފުކުރީ 2018ވަނަ އަހަރުގަ އެވެ. މިދިޔަ އަހަރު ކޮވިޑް19 ޕެންޑެމިކްއާ ދިމާކޮށް އެލައިޑްއިން ވަނީ އެ ޕޯޓަލް ރީބްރޭންޑްކޮށް، ފްރަންޓް އޮފީހުން ފޯރުކޮށްދޭ ގިނަ އަދި އައު ހިދުމަތްތަކެއް އެ ޕޯޓަލްއަށް އިތުރުކޮށްފަ އެވެ.

މައިއެލައިޑް ޕޯޓަލްއިން ހޯދޭ ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސް، ތަކާފުލް ނެގުމާއި އާ ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް، ހައްޖު އަދި އުމްރާ ތަކާފުލް ނެގުން ހިމެނެ އެވެ. އަދި މޮޓޯ އީސްޓިކާ ޖެނެރޭޓްކުރުން އަދި ނަގާފައިވާ އިންޝުއަަރަންސް ޕޮލިސީތަކާއި ތަކާފުލް ސެޓްފިކެޓްތައް ވެރިފައިކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ހެލްތް ކްލެއިމްސްއަށް އެދި ފޯމް ހުށައެޅުމާއި ކްލެއިމް ސްޓޭޓަސް ބަލައިލުމުގެ އިތުރުން ހެލްތް ޕޮލިސީގެ ލިމިޓުތަކާއި ބާކީ ހުރި މިންވަރު ވެސް އެ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

comment ކޮމެންޓް