އެމްޕީއެލްއިން ދެމުންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް އެމްޓީސީސީއާ ހަވާލުކޮށްފި

ޖުލައި 1، 2021: އެމްޓީސީސީއަށް އެމްޕީއެލްގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ބަދަލުކުރުމަށް ގްރޭޓަރ މާލެ ބަސް ޓާމިނަލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޕީއެލްއިން ފޯރުކޮށްދެމުންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް 50 އަހަރުގެ މުއްދަތަކަށް އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފި އެވެ.

މިއަދު ގްރޭޓާ މާލެ ބަސް ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ.

ސަރުކާރާއި އެމްޓީސީސީއާއި އެމްޕީއެލް އާ ދެމެދު ސޮއިކުރި 50 އަހަރު ދުވަހުގެ ސާވިސް އެގްރީމަންޓާ ހަމައަށް ގޮސްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެމްޕީއެލް އަދި އެމްޓީސީސީ އެކުގައި މަޝްވަރާ ކުރުމަށްފަހު، އާންމު ދަތުރުފަތުރުގެ ހިދުމަތް އެއް ކުންފުންޏަކުން ދިނުމުގެ މަގްސަދު ހާސިލު ކުރުމަށެވެ.

ޖުލައި 1، 2021: އެމްޓީސީސީއަށް އެމްޕީއެލްގެ އާންމު ދަތުރުފަތުރުގެ ހިދުމަތް ބަދަލުކުރުމަށް ގްރޭޓަރ މާލެ ބަސް ޓާމިނަލްގައި ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ބަދަލާއެކު މިއަދާ ހަމައަށް އެ ހިދުމަތް ދިނުމުގައި އެމްޕީއެލްއިން ބޭނުންކުރަމުންދިޔަ އުޅަނދުފަހަރާއި މުވައްޒަފުންވެސް އެމްޓީސީސީއަށް ބަދަލުވާނެ އެވެ.

އެގޮތުން 35 ބަސް، ފަސް ސްޕީޑް ބޯޓު އަދި ދެ ދޯނީގެ އިތުރުން، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި 282 މުވައްޒަފުންވެސް އެމްޕީއެލްއިން އެމްޓީސީސީއަށް ބަދަލުވާނެ އެވެ.

މިއަދު ގެނައި ބަދަލާއެކު ކަނޑުދަތުރުފަތުރުގެ ހިދުމަތުގެ ޒޯނު ހައެއް (އައްޑޫ، ފުވައްމުލައް) އަދި އެއްގަމު ދަތުރުފަތުރުގެ މާލެ، ހުޅުލެ، ހުޅުމާލެ ބަސް ލިންކުގެ ހިދުމަތް އެމްޓީސީސީއަށްބަދަލުވެ، މުޅި ރާއްޖެއަށް ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުވެގެންދާނެ އެވެ.

comment ކޮމެންޓް