އެއާޕޯޓު މުޒާހަރާއާ ގުޅިގެން މުހްތާޒްގެ މައްސަލަ ހުށަހަޅައިފި

ނަޝީދު މިނިވަންކޮށްލުމަށް ގޮވާލައި އެއާޕޯޓުގައި މުޒާހަރާ ކުރި މީހުން --- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި 2015 ވަނަ އަހަރު ކުރި މުޒާހަރާއާ ގުޅިގެން ދައުވާ އުފުލާފައިވާތީ، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮބްބަޑްސް ޕާސަންގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމައްޗަށް ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެއްވެ މުޒާހަރާ ކުރީ މާޗް 8، 2015 ގަ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް، އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރްޔަމް ޒުބައިރު (މަންދީ) އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.

އެ މީހުންނަށް ވަނީ އެ މައްސަލާގައި ހުކުމް އިއްވާފަ އެވެ.

އޮމްބަޑްސް ޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުމަށްޓަކައި މައާފަށް އެދުމަށް މުހުތާޒަށް އެންގުމަށެވެ. އަދި އެ މައްސަލަ އަލުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެންގުމަށް ވެސް އެދިފައިވެ އެވެ.

ހަމައެހެންމެ ކުށުގެ ރެކޯޑުން އެ މައްސަލަ އުނިކޮށްދިނުމަށް ވެސް އެ މީހުން އެދިފައިވެ އެވެ.

ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ މައްސަލާގައި އެމީހުންނަށް ހުކުމް އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.

މީގެއިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.

"މަނާ ސަރަހައްދެއްގައި "އެއްވުމެއް" ބޭއްވިކަމުގެ ކުށުގައި ދައުލަތުން ދައުވާކުރުމުން، "މުޒާހަރާކުރިކަމަށް" ހުކުމްކުރީ، ކާފީ ހެއްކާއި ގަރީނާނެތި ކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ތާއީދު ކުރީ ދަށު ކޯޓާ އެއްކޮޅަށެވެ. މި ހުކުމް، ސުޕްރީމް ކޯޓަށް، 2019 ގައި ހުށަހެޅުމުން، ކަނޑައެޅިފައިވާ މުއްދަތުގައި އިސްތިއުނާފު ކޮށްފައި ނުވާތީ ބަލައިގެން ފައެއް ނުވެއެވެ. އެމްޑީޕީން ބުނަނީ، މި މައްސަލަ އޭރު ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވަނީ، އޭރު ތިއްބެވި ފަނޑިޔާރުން މި މައްސަލަ އެމްޑީޕީއާ ދެކޮޅަށް ނިންމާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ." ހުށަހެޅި މައްސަލާގައިވެ އެވެ.

comment ކޮމެންޓް